ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ހަމަޖެއްސި ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
ހޮސްޕިޓަލް ޕްރޮޖެކްޓުތައް ހުއްޓުވުމުން ލިބޭ ގެއްލުމުގެ ޒިންމާ މި ސަރުކާރުން ނަގަންޖެހޭނެ: އެމްޑީޕީ
ހަސަން އިބްރާހީމް 11 އޯގަސްޓް 2026 (އަންގާރަ)   22:54
އެމްޑީޕީ ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާގެ މުހިންމު މަޝްރޫއުތަކެއް މި ސަރުކާރުން ހުއްޓުވާފައިވާތީ، އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ފުރިހަމަ ޒިންމާ މިހާރުގެ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް މިއަދު ނެރެފައިވަނީ މިވަނީ އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއުއެއް ކުރިއަށްނުގޮސް ހުއްޓިފައިވުމުގެ ސަބަބުން 60 މިލިޔަން ރުފިޔާ އިސްރާފުވެފައިވާކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ، ރައްޔިތުންގެ މަޖްލިސްގައި އިއްޔެ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީގެ ސަރުކާރުން ހަވާލުކޮށްފައިވާ 16 ޕްރޮޖެކްޓެއް ހެލްތު މިނިސްޓްރީން އަންގައިގެން މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހއ. އިހަވަންދޫ ހޮސްޕިޓަލް، ހއ. ކެލާ ހޮސްޕިޓަލް، ށ. ކަނޑިތީމު ހެލްތު ސެންޓަރު، ށ. ފުނަދޫ ހޮސްޕިޓަލް، ރ. އިނގުރައިދޫ ހެލްތު ސެންޓަރު، ފ. ފީއަލީ ހެލްތު ސެންޓަރު، ނ. ފޮއްދޫ ހެލްތު ސެންޓަރު އަދި ނ. ކުޑަފަރީ ހެލްތު ސެންޓަރުގެ މަޝްރޫއު ހިމެނެއެވެ. މި މަޝްރޫއުތައް ހުއްޓުވާ، ކޮންޓްރެކްޓްތައް ބާތިލްކުރީ އެކި މަރުހަލާތަކުގައި މަސައްކަތް ހިނގަމުން ދަނިކޮށް ކަމަށާއި، އަދި ކޮންޓްރެކްޓަރުން ކޮށްފައިވާ މަސައްކަތްތަކަށް ހުށަހެޅި ބިލްތަކަށް މި ސަރުކާރުން ފައިސާ ދައްކާފައި ނުވާކަންވެސް އެމްޑީޕީން ފާހަގަކުރެއެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި، ކުވައިތު ފަންޑުގެ އެހީގައި ކުރިއަށްގެންދިޔަ ކ. ތުލުސްދޫ، ނ. ވެލިދޫ އަދި ށ. މިލަންދޫ ހޮސްޕިޓަލް ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓްވެސް މި ސަރުކާރުން ވަނީ 11 މާޗް 2025 ގައި ކެންސަލްކޮށްފައެވެ. އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ތިން މަޝްރޫއު ކެންސަލްކުރުމާ ގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 70 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޯދުމަށް ކޮންޓްރެކްޓަރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ސްޕެއިންގެ އެގްޒިމް ބޭންކް އެހީގައި އެމްޓީސީސީ މެދުވެރިކޮށް އިމާރާތްކުރަން ހަވާލުކޮށްފައިވާ ލ. ގަމު ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތްވެސް ހުއްޓުވީ މި ސަރުކާރުން ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީ ސަރުކާރުން ސައުދީ ފަންޑް ފޯ ޑެވޮލޮޕްމަންޓަށް ހުށަހަޅައިގެން ހޯދި 50 މިލިއަން ޑޮލަރުގެ އެހީގައި އިމާރާތްކުރަން ނިންމި އއ. ރަސްދޫ ހޮސްޕިޓަލާއި، ނ. މަނަދޫ ހޮސްޕިޓަލް އަދި ޏ. ފުވައްމުލައް ހޮސްޕިޓަލްގެ ތެރެއިން ދެ ރަށެއްގެ ހޮސްޕިޓަލް މި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ރަސްދޫގެ ބަދަލުގައި ފ. ނިލަންދޫ އަދި މަނަދޫގެ ބަދަލުގައި ލ. ފޮނަދޫއަށް މަޝްރޫއު ބަދަލުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީ ސަރުކާރުން މި ހުރިހާ މަޝްރޫއެއްވެސް ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ ބޯޑް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު ކަން ފާހަގަކޮށްފައި ވެއެވެ.

އެހެންނަމަވެސް އެ އެއްބަސްވުންތައް ބާތިލުކޮށް، އެމްޑީޕީ ސަރުކާރުން ހަވާލުކުރި އަގަށްވުރެ ބޮޑު އަގުގައި މި މަޝްރޫއުތައް މިހާރު ވަނީ ސަރުކާރުގެ އެސްއޯއީތަކަށާއި އެކިއެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. 

އަދި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ ބިންގާ އެޅުން ނުވަތަ މަސައްކަތް ނަމަކަށް ފެށުން ފިޔަވާ އިތުރު މަސައްކަތެއް ކުރިއަށް ނުދާކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.  

އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ މި މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ބާތިލްކުރުމުގެ ސަބަބުން ލިބޭ ހުރިހާ ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މިއަދުގެ ނާގާބިލް ސަރުކާރުން ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

ކޮމެންޓް