
ފިޔެސްއާ މިއަދު މައުލޫމާތު ހިއްސާކުރައްވާ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވަމުން އާޠިފް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ދީފައި އޮތް ބިމުގައި ހޮސްޕިޓަލް އިމާރާތްކުރުމަށް މި ސަރުކާރުން ބިންގާ އެޅިފަހުން އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ މިހާރު އަހަރަކާއި ދެމަސް ދުވަސް ފާއިތުވެފައި ވާއިރު، މުޅި އެސަރަހައްދު ވަނީ ވަށައިގެން ޓިނު ފެންސުޖަހާ ބަންދުކޮށްފައި ކަމަށާ، އަދި އެ ބިމުގައި އިމާރާތްކުރުމަށް ކަމަށްބުނެ، ކޮނެފައިވާ ވަޅުގަނޑު ތަކުގައި ފެން ހެދި އެތަންތަން ޗަކަވެ، އެ ސަރަހައްދުގައި ދިރި އުޅޭ މީހުންނަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ނުބައި ވަސް ދުވުމުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އަދި އެ ފެންގަނޑުތަކުގައި ބޮކާއި މަދިރި އާލާވުމުގެސަބަބުން އެފަދަ ސޫފިތައް މިހާރު ގިނަ އަދަދަކަށް ރަށުތެރޭގައި އުޅެމުން އަންނަކަން ފާހަގަކުރައްވާ، އެކަމުގެ ނުރައްކާތެރިކަން މިހާރު ހުރި މިންވަރު ހާމަކުރައްވަމުން އާޠިފް ވިދާޅުވީ، މިހާރު ވެލިދޫއިން ނުރައްކާތެރި ޑެންގޫ ހުމުގެ ގިނަ ކޭސްތަކެއް ވެސް ފެންނަމުން އަންނަކަމަށެވެ.
އަދި އެ ބިމުގެ އުތުރުގައި ހުރީ އެތަކެއް ދަރިންނެއް ތައުލީމު ހާސިލްކުރުމަށްޓަކައި އެތައް ވަގުތުތަކެއް ހޭދަކުރަމުން އަންނަ ނ. އަތޮޅު ތައުލީމީ މަރުކަޒު ކަން ފާހަގަކުރައްވާ އާޠިފް ވިދާޅުވީ އެތަނުގައި ދަރިވަރުން ހޭދަކުރާ ވަގުތުތަކުގައި އެކުދިންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާއިރު، ހަމައެކަނި އެ ސަބަބަށްޓަކައި ވެސް މިއީ ވަރިހަމަކޮށްގެން ތިބެވޭވަރުގެ ކަމެއް ނޫންކަމަށެވެ.
ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ވާނުވާ ނޭނގުމެއްގައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވެލިދޫ ރައީސް އާޠިފް ވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ވެސް މީސްމީޑިއާގައި ޕޯސްޓެއް ހިއްސާ ކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.
އެ ޕޯސްޓްގައި އާޠިފް ވިދާޅުވެފައި ވަނީ، މި ސަރުކާރަށް މުހިންމުވަނީ ކޮންކަމެއް ކުރުން ކަން ނުވިސްނޭ ކަމަށާ، ސިއްހަތާއި ތައުލީމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ދެ ކަންތައް ކަމަށް ވާއިރު، ހޮސްޕިޓަލްގެ މަސައްކަތް ވާނުވާގައި އޮވެމެ، ހިނގަމުން ދިޔަ ކޮލެޖްގެ މަސައްކަތް ވެސް ހުއްޓުމަކީ ވެލިދޫ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.
ވެލިދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ފާއިތުވި ސަރުކާރުގެ ވައުދެއްކަމަށް ވީނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވި އުޅެނިކޮށް ވެރިކަން ބަދަލުވެ، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މާގިނަ ދުވަސްތަކެއް ނުވެ އިންތިހާބުވި، އަދި މި ސަރުކާރު ގެނައުމަށް މަސައްކަތްތަކެއް ކުރެއްވި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް 2024 ވަނަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު ވިދާޅުވެފައި ވަނީ، ވެލިދޫގައި އަޅާ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު، ކުވައިތު ސަރުކާރުގެ ފަރާތުން ހަމަޖެހިފައިވާ ކަމަށާ، އަދި އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމެވީ ރައީސް މުއިއްޒު ގެ މި ސަރުކާރުން ކަމަށެވެ.
އެހެންކަމުން އެކަމާގުޅޭ ފައިސާގެ ކަންކަން ފިނޭންސް މިނިސްޓްރީއަށް ލިއުމުން މިހާރު އަންގާފައި ވާކަމަށާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ވެލިދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް އައްބާސް އޭރު ވިދާޅުވިވެ.
އޭގެ ފަހުން ވެސް 5 މަސް ފާއިތުވެ 6 ވަނަ މަސް ފެށުނު އިރުވެސް ހޮސްޕިޓަލުގެ އެއްވެސް ޚަބަރެއް ނެތުމުން 2024 ވަނަ އަހަރުގެ ފަހުކޮޅު، މަޖިލީހުގައި އެކަމުގެ ސުވާލު، އޭރުގެ މާލީ ވަޒީރު މޫސާ ޒަމީރާ ކުރިމަތި ކުރެއްވުމުން ވިދާޅުވީ، އޭރުގެ ހެލްތް މިނިސްޓަރު ނާޒިމް ފޯނު ނުނަންގަވާ ކަމަށާ، ނަމަވެސް ކުވައިތު ފަންޑުގެ ދަށުން ވެލިދޫ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާގެ ބައެއް ޖަމާކޮށްދެއްވާފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓުންނާއި ޑެޕިއުޓީން ވިދާޅުވި ކަމަށެވެ.
ނަމަވެސް މަސައްކަތް ނުފެށި ލަސްވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މޫސާ ޒަމީރު އޭރު ވިދާޅުވީ، އެކަން ބައްލަވާލެއްވުމުގެ ގޮތުން ހެލްތް މިނިސްޓަރާ ވާހަކަ ދައްކަވައިގެން އެކަން ފެށެންއޮތް އެންމެ އަވަހަކަށް ފަށާނެ ކަމަށެވެ.
އޭގެ ފަހުން، ޖެހިގެން އައި އަހަރު، ނިމިދިޔަ ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ، ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 10 ރަށެއްގެ ސިއްހީ ހިދުމަތްދޭ އާއިމާރާތްތައް ކުރަން ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފައި ވާއިރު، އާރުޑީސީ (ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން) އާ ވެލިދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް، 540 ދުވަސް ތެރޭގައި ނިންމުމަށް ޝަރުތުކޮށް 108.32 މިލިޔަން ރުފިޔާއަށް އެމަސައްކަތް ހަވާލުކުރިއެވެ.
އޭގެ ފަހުން ވެސް އެމަސައްކަތް ނުފެށި ލަސްވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ވެލިދޫ ރައީސް އާޠިފް، އެކި ފަހަރު މަތިން ފާޅުކުރައްވަމުން ގެންދެވިއެވެ. އަދި އާރުޑީސީއާ ހޮސްޕިޓަލް މަސައްކަތް ހަވާލުކުރިތާ ތިން މަސް ފާއިތުވި ފަހުން 2025 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައި ރައީސް މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫއަށް ވަޑައިގެން ވެލިދޫ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވިއެވެ.
އެކަމަށްޓަކައި ވެލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަމަލީގޮތުން އެ ބިންގާ އަޅުއްވައިދެއްވީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ހުސައިންއެވެ.
ނ.ވެލިދޫ ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސްފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު ނ. އަތޮޅަށް ކުރެއްވި އެ ދަތުރުފުޅާ ގުޅުވާ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އޭގެކުރިން ވެލިދޫ ހޮސްޕިޓަލާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ރައްޔިތުންނަށް ދެއްވެވި އުންމީދުތަކާ މުޅިން ހިލާފަށް ވާހަކަ ދައްކަވަން ފެއްޓެވިއެވެ.
އެގޮތުން، ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނެވި އެ ދަތުރުފުޅުގެ ބޭނުމަކީ އިތުރު ދޮގުތައް ހައްދަވައިގެން ލޯކަލް ކައުންސިލް އިންތިހާބު ވެރިކަން ކުރާ ޕީއެންސީ އަށް ކާމިޔާބުކުރުން ކަމަށް އައްބާސް ވިދާޅުވިއެވެ.
އެ މޭރުމުން، އައްބާސް އެކްސްގައި އޭރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރައީސްގެ އެ ދަތުރުފުޅަކީ ވަރަށް ސިއްރުން ރޭވިގެން ކުރެއްވި ދަތުރުފުޅެއް ކަމުން ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ވެސް އެކަމުގެ މައުލޫމާތު އަދި އެނގިވަޑައިގެންފައި ނުވާކަމަށެވެ.
އަދި ހަމަ އެހެންމެ ނ. އަތޮޅުގެ އެންމެބޮޑު އެއް ދާއިރާގެ ގޮތުގައި ފާހަގަކުރެވޭ ވެލިދޫ ދާއިރާގެ މެންބަރަށް ދައުވަތު ނުދެއްވާ ރައީސް އެއަތޮޅަށް ވަޑައިގެންނެވުމަކީ ވަރަށް ބޭއިންސާފުން ކުރައްވާ ކަމެއްކަމަށް ވިދާޅުވެ، ވެލިދޫގެ ތަރައްގީއަށް ބަޖެޓުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުންވެސް އައްބާސް އޭރު ވަނީ ފާޅުކުރައްވާފައެވެ.
"ވެލިދޫގެ އެންމެ މަގެއްވެސް ހަދާ ނިމުނުތޯ؟ ވެލިދޫ ހޮސްޕިޓަލް މަސައްކަތް ކުރިއަށް ދޭތޯ؟ ވެލިދޫ ޑިޓޮކްސް ސެންޓަރާއި ޕޮލިސް ޕޯސްޓު ނިމި ހިދުމަތް ލިބޭތޯ؟ ވެލިދޫ ޖޫނިއަރ ކޮލެޖު ނިމި ކިޔަވައިދޭތޯ؟ ވެލިދޫ ކުޑަކުދިންގެ ޕާކު ނިމި ކުދިން ކުޅެން ތިބޭތޯ؟ ވެލިދޫ އައުޓްޑޯ ޖިމް ރިނޮވޭޓުކޮށް ނިމުނީތޯ؟ ނިމިދިޔަ ސަރުކާރުން ފަށާފައި ނުނިމި ހުރި 4 ކުލާސްރޫމް ނިމުނީމައި ރަށުގެ ތަރައްގީ ނިމުނީތޯ؟،" - އައްބާސް
ނ. ވެލިދޫ ރައްޔިތުންގެ ސިއްހީފަރުވާއަށްޓަކައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އިމާރާތްކުރުމަށް ސަރުކާރަށް ދީފައި އޮތް ބިމުގައި، އިމާރާތް ނުކުރެވި ދިގުލައިގެން ދިޔުމުގެ ސަބަބުން، މިހާރު އެ ބިން ވެލިދޫ ރައްޔިތުންނަށް އޮތް ސިއްހީ ބޮޑު ނުރައްކަލަކަށް ވެފައިވުމުގެ ކަންބޮޑުވުންތައް ފިޔެސް އާ ހިއްސާކުރައްވާ ވެލިދޫ ރައީސް އާޠިފް މިއަދު ދެއްކެވި ވާހަކަ ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ، ވެލިދޫ ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ކޮންމެ ކަމެއް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށާ، އެގޮތުން ވެލިދޫ ރައްޔިތުންގެ ސިއްހީ ހާލަތު ގޯހުން ގޯހަށް ގޮސް، ރަށުތެރޭގައި ބަލިމަޑުކަން ފެތުރެމުން ދާތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ.
އަދި އެކަންކަމަށް ހައްލުހޯދާ ކަންކަން ރަނގަޅުކުރުމަށްޓަކައި، މުޒާހަރާއަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާ، ވެލިދޫގެ ތަރައްގީގެ ކަންކަމުގައި މި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް އިހުމާލުވަމުންކަން ވެލިދޫގެ ގިނަ ރައްޔިތުން މިހާރު ވަރަށް ބޮޑަށް ގަބޫލުކޮށް، އެކަމާ ކަންބޮޑުވާ ކަމަށް ވެސް ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ހުސެއިން ފާހަގަކުރެއްވިއެވެ.




