މަޖީދީމަގުގައި މުޒާހަރާކުރުން އޭރު ހުއްދަ! މިހާރު މުޅިން މަނާ!
މުޙައްމަދު ޤާސިމް 12 އޯގަސްޓް 2026 (ބުދަ)   09:05
ތަކެތީގެ އަގު އުފުލުމާއި ތަރައްގީގެ މަޝްރޫއުތަށް ހުއްޓުން ފަދަ ރައްޔިތުންނަށް ދިމާވާ ގިނަ ދަތިތަކެއްގެ ކަންބޮޑުވުމާއެކު، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން "ދަތިވެއްޖެ" މިނަމުގައި، ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ސޯޝަލްސެންޓަރު ކުރިމަތިން މަޖީދީމަގުން ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާ އެމަގުގައި ނުބޭއްވޭނެ ކަމަށް ދާހިލީވަޒީރު އަލީ އިހުސާން މިވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުސާން ވިދާޅުވީ ގާނޫނުއަސާސީން އާންމުންނާއި ސިޔާސީ މީހުންނަށް ކަށަވަރުކޮށްދޭ ހައްގުތައް ފުޅާ ދާއިރާއެއްގައި ދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވިޔަސް، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު ބަންދުކޮށްގެން ހަރަކާތެއް ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށާ، އެހެންކަމުން އެމްޑީޕީން މަޖީދީމަގުގައި މުޒާހަރާ ބާއްވަން އެދިފައިވާ ރޭގަނޑުގެ ވަގުތަކީ ކާރޫބާރު ބޮޑު ވަގުތެއް ކަމަށްވާތީ އެ ހުއްދަ ދެވެން ނެތް ކަމަށެވެ.

ދާހިލީ ވަޒީރު މިފަދައިން ވިދާޅުވި ނަމަވެސް އެ މުޒާހަރާ ބޭއްވުމަށް އެމްޑީޕީން އެދޭނެ ނުވަތަ އެކަން ކުރުމަށް އެ ޕާޓީއަށް އޮތް ހަމައެކަނި މަގަކީ މަޖީދީމަގުކަމުގައި އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

ސަބަބެއްކަމަށް އެމްޑީޕީން ބުނަނީ ވޭތުވެދިޔަ ތިން ފަހަރެއްގެ މަތިން އެމްޑީޕީން އިންތިޒާމުކޮށްގެން މަޖީދީމަގުން ބޭއްވުމަށް ހަމަޖެއްސި ހަރަކާތްތައް އެގޮތަށް ކުރިއަށްގެންދިޔުމުގެ ފުރުސަތަށް ފުލުހުންގެ އިދާރާގައި އެދިފައިވީ ނަމަވެސް، ފުލުހުން އެ ރޫޓްތައް ބަދަލުކޮށްފައިވުމުން އެގޮތަށް އެކަން ކުރެވިފައި ނެތްކަމަށް ވާއިރު، މިފަހަރު ވެސް މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެދޭ ސަބަބަކީ، އާންމު ރައްޔިތުން ދިރިއުޅޭގިނަ ގެތައް ހުންނަނީ މަޖީދީ މަގުގައި ކަމަށްވާތީ، ބޭރު މަގުން މުޒާހަރާ ކުރިއަށް ގެންދިޔައިމާ އެ މަގުގައި ގެތައް ވަރަށްބޮޑަށް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު އެރައްޔިތުންނަށް ފޯރަމުން ނުދާކަމަށެވެ.

އެހެންކަމުން މިފަހަރު ވެސް މުޒާހަރާ ކުރިއަށްގެންދަން އެމްޑީޕީން ބޭނުންވަނީ މަޖީދީ މަގުން ކަމަށްވާތީ އެ ފުރުސަތު ފަހިކޮށްދިނުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށާ، އުންމީދުކުރަނީ އެގޮތަށް އެ ފުރުސަތު ފުލުހުން ފަހިކޮށްދެއްވާނެ ކަމަށް ކަމުގައި އެމްޑީޕީން ބުނެއެވެ.

އަދި މީގެ އިތުރުން އެމްޑީޕީގެ މެންބަރުންނާއި އާންމު އެހެންވެސް ރައްޔިތުން މިހާރު އުފައްދަމުން އަންނަ ސުވާލަކީ، މިހާރު ދައުލަތުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުން އަދި ހާއްސަކޮށް ވަލީއުލްއަމްރަކީ ވެސް ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު ވެސް ސަރުކާރުގެ އިދާރާތަކުން ނެރެމުންއައި އަމުރުތަކާއި ހިލާފަށް ހޯމް މިނިސްޓަރު އެ ވިދާޅުވާ މާލޭގެ މަޖީދީ މަގަށް ނުކުންނަވާ އަޑުގަދަކޮށް ހަމަނުޖެހުން ހިންގާފައިވާ ބޭފުޅެއް ކަމަށް ވާއިރު، އެ ފުރުސަތު އޮންނަންޖެހެނީ ހަމައެކަނި ވަކި ބޭފުޅަކަށް ކަމަށްތޯ އުފެދޭ ސުވާލެވެ.

އެމްޑީޕީން އަދިވެސް ތަކުރާރުކޮށް ބުނަމުން އަންނަނީ، މަޖީދީ މަގު ފިޔަވާ އެ ޕާޓީން ދެން މުޒާހަރާ ކުރާނެ އެހެންމަގެއް ނެތްކަމަށާ، ބޭރު މަގުތަކުގައި މުޒާހަރާ ކުރުމުން އެ އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށަވާތީ، އާންމުންނަށް އޭގެ އަޑު ނުފޯރާނެކަން ފުލުހުންނަށް ވެސް ރަނގަޅަށް އެނގިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް ބުނެ "ދަތިވެއްޖެ" މި ނަމުގައި އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މާލޭގައި ބާއްވާ އެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބޭނާ ވެސް ދަމާފައި ވާއިރު، އެ ޕާޓީން ފުރަތަމަވެސް ރާވާފައި ވަނީ އެ މުޒާހަރާ ސޯޝަލް ސެންޓަރު ސަރަހައްދުން ފަށައިގެން މަޖީދީމަގުން ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓް