މާލޭ މަޖީދީމަގު ހުޅަނގުކޮޅުން މިރޭ މުޒާހަރާ ފެށީ ނުވައެއްޖަހާކަށް ހާއިރު އެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން މަޖީދީމަގުން އިރުމައްޗަށް ކުރިއަށް ހިނގަން ފެށުމާއެކު ފުލުހުން ވަނީ ހުއްޓުވާފައެވެ.
މުޒާހަރާ ފެށުމުގެ ކުރިންވެސް އެ ސަރަހައްދުގައި މަޖީދީމަގުގައި ބެރިކޭޑް ޖަހާފައިވާއިރު، މުޒާހަރާ ކުރިއަށް ގެންދަންފެށުމާއެކު ޝީލްޑާއެކު ތިބި ފުލުހުންވަނީ ކުރިއަށް ނުކުމެ ކުރިއަށް ދިޔުމަށް ހުރަސް އަޅާފައެވެ.
ވާރޭ ވެހެމުންދިޔަނަމަވެސް، މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ އިތުރު ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ކުރިއަށް ދިއުމަށް ޖާގަ ދިނުމަށާއި ރައީސް މުއިއްޒު އަދި ހޯމް މިނިސްޓަރު އިހުސާންގެ އިސްތިއުފާއަށް ތަކުރާރުކޮށް ގޮވަމުންނެވެ.
އެމްޑީޕީން މަޖީދީ މަގުން މުޒާހަރާ ކުރަން ހުށަހަޅާފައިވާ ގަޑިއަކީ ބާރުބޮޑު ގަޑިއަކަށްވާތީ އެ ގަޑީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އެމްޑީޕީން ބުނީ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ކުރިން ދީފައިވާ ކަމަށާއި މަޖީދީމަގު ފިޔަވައި އިތުރު މަގަކުން މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން އެދުނީ ގިނަ ގެތައް މަޖީދީ މަގު ސަރަހައްދުގައި ހުންނާތީ، ގިނަ އަދަދެއްގެ ރައްޔިތުންނާ ހިސާބަށް އަޑު ފޯރާވަރަށް ޝުއޫރު ފާޅުކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.
"ދަތިވެއްޖެ" ނަމުގައި މި މުޒާހާރާ ބާއްވަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުން ދަތިވެފައިވާތީ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ. ޑޮލަރުގެ އަގު ވަނީ މިއިން ޒަމާނަކު ނުއުފުލޭ ވަރަށް އުފުލިފައެވެ.




