ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބިންތައް އަތުލާ ބިލާއި ޑޮލަރު މާރުކުރާ އުސޫލު ބަދަލުކުރާ ބިލު ފާސްކުރަން ދައުރު ދަންމާލައިފި
ހިޝާމް ހާރޫން 12 އޯގަސްޓް 2026 (ބުދަ)   15:31
މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޮތް ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލާއި ޑޮލަރު މާރުކުރާ އުސޫލު ބަދަލުކުރަން ހުށަހެޅި ބިލު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން 15 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އެހެންނަމަވެސް، "މުހިންމު މަސައްކަތްތަކެއް ނިންމަން" ހުރި ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ދައުރު ދިގުކުރަން ހުށަހަޅުއްވާފަ އެވެ. 

މިއަދުގެ ވޯޓު ގަޑީގައި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން މި ހިނގާ ދެވަނަ ދައުރު، ޖޫން 20 ވަނަ ދުވަހާ ހަމައަށް ދަންމާލަން ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން، އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނެއެވެ.

ބެލެވޭ ގޮތުގައި ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު ފާސްކުރާނެއެވެ.

ސަރުކާރު ބޭނުންވާ ގޮތަށް، އަމިއްލަ މެންބަރެއްގެ ނަމުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް ފާސްކުރީ ޕީއެންސީ މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެވެ. އަދި އެބިލްގެ ބަހުސް ކުރުކުރުމަށްފަހު ކޮމިޓީއަށް ފޮނުވާފައި ވާއިރު، އެ ބިލު ފާސްކުރުމުގެ މަސައްކަތް ފަސް ދުވަސްތެރޭ ނިންމުމަށް ލާމަރުކަޒީ ކޮމިޓީން ވަނީ ނިންމާފައެވެ.

އަދި ޑޮލަރު މާރުކުރާ އުސޫލަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ބިލު ވެސް މި ދައުރުގެ ތެރޭ ފާސްކުރާނެ ކަމަށް ބެލެވެއެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ވެސް އަންނަ ހަފުތާގައި ގެންދާނެ ކަމަށް ބެލެވެއެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުގޮތެއްގައި ކޮންމެ ހަފުތާއެއްގެވެސް ތިން ދުވަހު ބާއްވާގޮތަށް އޮތްނަމަވެސް، މިދައުރުތެރޭވެސް ގިނަ ދުވަސްތަކެއްގައި ޖަލްސާ ބާއްވާފައެއް ނުވެއެވެ.

ކޮމެންޓް