ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު.-- ފޮޓޯ: މަޖިލިސް
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
މަރްޔަމް މުޙައްމަދު 16 އޯގަސްޓް 2026 (އާދީއްތަ)   10:06
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ޖީއެސްޓީ ނެގޭ ގޮތަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ހިމެނޭ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދެވެ.

ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލުގެ މަގުސަދަކީ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުން ކަމަށާއި ބިލުގެ ސަބަބުން ދިވެހި ފަސްގަނޑުގެ ހައްގު މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ގެ ދަށުން ބޭރުގެ ބުކިން ޕްލެޓްފޯމްތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް ފައްތާނެ ހަރުދަނާ އިޖުރާއަތްތައް ކަނޑައަޅާނެ ކަމަށެވެ.

މީގެ އިތުރުން އިގްތިސާދީ އިންސާފު ގާއިމުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ، ދިވެހި އިގްތިސާދުގައި ހިފެހެއްޓުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މި ބިލުގެ ސަބަބުން އަންނާނެކަންވެސް މެންބަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން 'އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް' މާނަކޮށް، ރާއްޖޭގައި ދެވޭ އެކޮމޮޑޭޝަން، ކޭޓަރިން، ދަތުރުފަތުރު އަދި އެހެނިހެން ހަރަކާތްތަކަކީ ޓެކްސް ނެގޭނެ ހިދުމަތްތަކެއްކަން ގާނޫނީ ގޮތުން ސާފުކޮށް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.  

މި ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ބިލުގައި ހިމަނާފައިވަނީ:

  • އޮފްޝޯ ބުކިން ޕްލެޓްފޯމްތައް
  • ފޮރިން ޓުއާ އޮޕަރޭޓަރުން
  • އޯވަސީސް ޓްރެވަލް އެޖެންޓުތައް


މިއީ މިހާތަނަށް ޓެކްސް ޑައިރެކްޓް ޓެކްސް ނުނަގާ ދާއިރާތަކެއް ކަމަށްވާއިރު، މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ހިމަނާފައިވެ އެވެ.

މި ބިލުގައިވާ ގޮތުން، އޮފްޝޯ ބުކިން ޕްލެޓްފޯމާތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި އޮވަސީސް ޓްރެވަލް އެޖެންޓުތަކަކީ ރާއްޖޭގައި ތިބޭ ފަރާތްތަކެއް ނޫން ކަމަށްވާތީ، އެ ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާނީ އެކަމާ ގުޅިގެން އެ ފަރާތްތަކާއި މީރާއާ ގުޅިގެން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ.

އެހެންކަމުން، މި ފަރާތްތަކުން ވިއްކާ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުން މި އެންގޭޖްމަންޓުތައް ކުރިއަށް ގެންދާ މިންވަރަކުން އަންދާޒާ ކުރެވޭ ފުރިހަމަ އާމްދަނީގެ އަދަދު ލިބިމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ބިލުގައިވެ އެވެ. އޭރުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކުން. މިހާތަނަށް މި ޕްލެޓްފޯމްތަކުން ނަގާ ކޮމިޝަނުން ދިވެހި ދައުލަތަށް އެއްވެސް ޓެކްސެއް ނުލިބި ދިއުމަކީ އިގްތިސާދީ ގޮތުން ލިބޭ ބޮޑު ގެއްލުމެއް. މި އިސްލާހުގެ ދަށުން މި ފަރާތްތަކުން ޖީއެސްޓީ ނަގަން ފެށުމުން، ރާއްޖޭގެ ވިޔަފާރިތަކަށާއި ބޭރުގެ ވިޔަފާރިތަކާ ދެމެދުގައި އޮތް ބޭއިންސާފު ފަރަގު ނެތިގޮސް، ހަމަހަމަ ވާދަވެރި މާހައުލެއް އުފެދޭނެ." ބިލް ހުށަހަޅުއްވަމުން މެންބަރު ދާއޫދު ވިދާޅުވިއެވެ. 

މި ބިލުގައި ވާގޮތަށް ޖީއެސްޓީ ނަގަން ފެށުމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީގެ ތަފްސީލުތައް މި ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން، ދައުލަތުގެ އާމްދަނީއަށް އޭރުން އަހަރަކަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ:

  • އޯވަސީސް ޓްރެވަލް އޭޖެންޓް - 299.3 މިލިއަން ރުފިޔާ
  • ބޭރުގެ ޓުއަ އޮޕަރޭޓަރުން - 1.3 ބިލިއަން ރުފިޔާ
  • މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާ


މީގެ އިތުރުން، އެކަން ތަންފީޒުކުރުމަށް މީރާއިން އިދާރީ ހަރަދެއް ކުރަން ޖެހިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެގޮތުން:

  • މި މަސައްކަތަށް ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހަރަދުވެދާނެ
  • މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އަންދާޒާކުރެވޭ


ބިލުގައި ބުނެފައިވަނީ، އެކަން ތަންފީޒުކުރަން މީރާއިން އިދާރީ ހަރަދެއް ކުރަންޖެހުނު ކަމަށް ވިޔަސް، އެ ބިލުގެ ސަބަބުން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބޭ އާއްމުދަނީ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބިލުގައިވެ އެވެ.

މި ބިލުގައި ހިމަނާފައިވާ ގޮތަށް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ 1 އޮކްޓޯބަރުން ފެށިގެންނެވެ.

ކޮމެންޓް