
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮތްގޮތުން އެއް ކަމަކާ ގުޅޭ ގޮތުން އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށައެއް ނޭޅޭނެއެވެ. އެހެންނަމަވެސް، އެ ބިލު ބޭރުކުރަން ގޮވައިލާ ޕެޓިޝަން ހުށަހެޅި ފަހުން ސަރުކާރު އަޑީގައި އޮވެގެންވަނީ އެ ބިލާ އެއްކޮޅަށް ޕެޓިޝަނެއް ހިންގަން ފަށާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރުމަށް މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
މަމްދޫހު އުނިކުރަން ހުށަހެޅުއްވި މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަދަލު ގެންނަން މެންބަރު މަމްދޫހު ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ 'ބިންތައް އަތުލާ ބިލް' ކުރިއަށް ގެންދަން ސ. މީދޫ، ބިނާ، އަހުމަދު ޝާތިރު (ސ.މީދޫ ކައުންސިލްގެ ރައީސް) އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އޭނާ އަށް އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީއަށް އޮޅިގެން ފޮނުވިފައި އޮތުމުން، އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ޖާގަ ހޯދުމަށެވެ.
މިހާރު އޮތް އުސޫލުން އެއް ކަމަކާ ގުޅޭ ގޮތުން އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށައެއް ނޭޅޭނެއެވެ.
ނަމަވެސް މަމްދޫހު ހުށަހެޅުއްވި ގޮތަށް ގަވާއިދުން އެ ބައި އުނިކޮށްފިނަމަ، އެއް މައުޟޫއަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ލިބި، ޕެޓިޝަން ހުށަހެޅުމުގެ މުޅި ނިޒާމު އޮޅުންބޮޅުން ވެގެންދާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، އެކަމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ބަހުސްކުރުން ފަސްކޮށް، ގަވާއިދަށް ބަދަލު ގެންނަން އުޅޭ ސަބަބެއް ޕީއެންސީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
'ބިންތައް އަތުލާ ބިލް' ކުރިއަށް ގެންދަން ތާއިދުކޮށް ޝާތިރު ހުށަހެޅި ޕެޓިޝަނަށް ސޮއި ހޯދުމަށް ޕީއެންސީގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ޕީއެންސީގެ ތާއީދާއެކު މަޖިލީހުގައި ކުރިއަށް ގެންދާ 'ބިންތައް އަތުލާ ބިލް' ބޭރުކޮށްލަން ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސައުދު ހުށަހެޅި ޕެޓިޝަންގައި މިހާރު 2300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.
މި ޕެޓިޝަން ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަށް އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ފާސްކޮށްފައި ވާއިރު، މިއަދުގެ ޖަލްސާއަށް އެ ޕެޓިޝަން އެޖެންޑާކޮށްފައެއް ނުވެއެވެ.




