ޖަމީލާ އަލީ ޚާލިދު.-- ފޮޓޯ: ރައީސް އޮފީސް
އިނިގިރޭސިވިލާތު ސަފީރުކަމަށް ޖަމީލާ އައްޔަނުކުރުމަށް ހުށަހަޅައިފި
މަރްޔަމް މުޙައްމަދު 16 އޯގަސްޓް 2026 (އާދީއްތަ)   10:58
ދިވެހިރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަނުކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން ރާއްޖޭން އެކި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް ޖަމީލާ އައްޔަނުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އިއްވާފަ އެވެ. އެ މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެވޭނީ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓެއްގައި އެގޮތަށް ފާސްކުރުމުންނެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ފޮރިން މިނިސްޓަރުގެ މަގާމަށް އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަގާމު އޮތީ ހުސްކޮށެވެ.

ޖަމީލާ މީގެ ކުރިން ވަނީ ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރައްވާފައެވެ. އެމަގާމު އޭނާ އަދާކުރެއްވީ 2017 އިން 2019 އަށެވެ. އޭގެ ކުރިން އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ކޮމެންޓް