
އެ ކައުންސިލުން މިގޮތަށް ފާސްކޮށްފައި ވަނީ، މިއަދު ބޭއްވި މާލެސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) މި މައްސަލަ ޖަލްސާއަށް ހުށަހެޅުއްވުމުންނެވެ.
އެވަގުތު ޖަލްސާގައި ތިއްބެވި 16 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރަކު ވޯޓު ދެއްވައިގެންނެ މި މައްސަލަ ފާސްވެފައި ވާއިރު، މި ހުށަހެޅުއްވުމަށް ވޯޓު ދެއްވާފައި ނުވަނީ ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހް ހަނީފް އެކަންޏެވެ.
މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ ކައުންސިލްތަކުގެ އެއްވެސް ބަހެއް ނެތި، ވަޒީރުންނަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެއް ކަމަށާ، އަދި އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކުރަން އުޅޭ ކަމެއް ކަމަށެވެ.
"ކައުންސިލްތަކުގެ އެއްވެސް ބަހެއް، ނުރުމެއް ނެތި، ވަޒީރުންނަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުން. އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ކައުންސިލްތަކަށް އެއްވެސް ކަމެއް ވިޔަ ނުދޭން ވެގެން ކުރަން އުޅޭ ކަމެއް." - ޒާޔާ
އެގޮތުން ފަހަރަކު ބާރެއް އަތުލަމުން ގޮސް ކައުންސިލްތަކަށް ލިބިފައިވާ ހުރިހާ ބާރެއް ސަރުކާރުން އަތުލާނެ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، އެހެންކަމަށް ވާތީ، މާލެ ސިޓީ ކައުންސިލް އިސްވެ އޮވެ، ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އިހްތިޖާޖު ކުރުމުގެ ހަރަކާތެއް ހިންގަންޖެހޭ ކަމަށް ވަރަށް ބޮޑަށް ދެކިލައްވާ ކަމަށެވެ.
"މިކަމާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެން ނުކުންނަން އެބަޖެހޭ. އެންމެ ފުރަތަމަ ސަރުކާރުން ކުރި ކަމަކީ އަތޮޅު ކައުންސިލްތައް އުވާލީ، މިކަމާ ދެކޮޅަށް އެއްވެސް ކަމެއް ނުކޮށް ފޭސްބުކުގައި ސްޓޭޓަސް ޖަހާލަޖަހާލައި ކައުންސިލަރުން ތިބީ. ޓޫރިޒަމްގެ ބޭނުމަށް ރަށު އިހުތިސޯސްގައި އޮންނަ ފަޅުރަށް ސަރުކާރަށް އަތުލެވޭގޮތް ހެދީ، މިކަން ވެސް ކުށްވެރިކޮށް ޓްވީޓްކޮށްލަކޮށްލާ ތިބީ." - ޒާޔާ
މި މައްސަލައާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ޗެމްޕިއަން ކަމަށާއި، ހުރިހާ ޕާޓީތަކާވެސް ގުޅިގެން މިކަން ކުރަން ބޭނުންވާ ކަމަށާ، ސަބަބަކީ އެއްވެސް ޕާޓީއަކުން މިކަން މިހެންވާން ބޭނުންނުވާނެ ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން ހުރިހާ ކައުންސިލްތަކުގައި ތިބި ހުރިހާ ޕާޓީތަކަކަށް ނިސްބަތްވާ މެމްބަރުންވެސް މިކަމުގައި މަސައްކަތް ކުރަންޖެހޭ ދެކެވަޑައިގަންނަވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކައުންސިލްތަކުގެ މިލްކިއްޔާތުގައިވާ ބިންތަކާއި ތަންތަން ވަޒީރުންގެ މަޖިލީހަށް އަތުލުމުގެ ބާރު ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ބޭރުކުރުމަށް ގޮވާލާ މާލެސިޓީގެ މޭޔަރާއި ކައުންސިލަރުން އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މަޖިލީސްދޮށަށް ވަޑައިގެން އިއްޔެ ވަނީ އިހުތިޖާޖު ވެސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީސްކުރާ ގޭދޮށުގައި މި އިހުތިޖާޖުކުރައްވާފައި ވަނީ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އެ ބިލުގެ ދިރާސާ އިއްޔެ ކުރިއަށް ގެންދިޔަ ވަގުތު އަޑުއުފުލުމުގެ ގޮތުން ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވިއެވެ.
އަދި މި އިހުތިޖާޖު ކުރުމުގެ އިތުރުން ވެސް، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން އެ ބިލުގެ ދިރާސާ ކުރިއަށްގެންދާގޮތް އަޑު އެއްސެވުމަށް މާލެސިޓީގެ މޭޔަރާއި މާލެސިޓީގެ އެމްޑީޕީ ކައުންސިލަރުން އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އިއްޔެ ވަނީ މަޖިލީހަށް ވަދެވަޑައިގެން ކޮމެޓީ އަޑު އައްސަވާފައެވެ.
އެއަށްފަހު އެ ބޭފުޅުން، ބިންތައް އަތުލާ ބިލް ބޭރުކުރުމަށް ގޮވާލާ މަޖިލިސް ކުރާ ގޭދޮށުގައި އިހުތިޖާޖު ކުރައްވާފައި ވާއިރު މި އިހުތިޖާޖުގައި އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.




