
މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކޮށްފައި ވާއިރު، ސުންގަޑި އިތުރުކުރަން ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު، ހަސަން ވަހީދު އެވެ. އަދި އެ ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު، އަހުމަދު އައިފާން ވަނީ ތާއީދުކުރައްވާފައެވެ.
ކައުންސިލުތަކުގެ މައްޗަށް ސަރުކާރުގެ ބާރުވެރިކަން އިތުރަށް ގަދަކުރަން ލާމަރުކަޒީ ގާނޫނު ބަދަލުތައް ގެންނަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީއެންސީ އާ އެކީގަ އެވެ.
ބިލުގައި ވަނީ ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެކަމަށެވެ.
ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ މަސައްކަތް ނިންމުމުގެ ސުންގަޑި އިތުރުކޮށްފައި މި ވަނީ އެ ބިލާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝާނާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، އެ ޕެޓިޝަން ކުރިއަށް އޮތް 3 ޖަލްސާގެ ތެރެއިން ޖަލްސާއަކަށް ޕެޓިޝަން ކުރުމަށް ވެސް މިއަދު ވަނީ ކޮމިޓީން ފާސްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.




