ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް: މި ކޮމިޓީގައި ހިމެނޭ ޕީއެންސީ މެންބަރުންގެ ވޯޓުން ނިންމާފައިވަނީ ބިލުގެ މަސައްކަތް އޯގަސްޓް 16 ވާ އާދީއްތަ ދުވަހު ނިންމުމަށް.-- ފޮޓޯ: މަޖިލިސް
ބިންތައް އަތުލާ ބިލާ ދެކޮޅު ޕެޓިޝަން ކޮމިޓީއަށް ފޮނުވަންޖެހޭ ވަރަށް ސޮއި ހަމަވެއްޖެ
ހަސަން އިބްރާހީމް 15 އޯގަސްޓް 2026 (ހޮނިހިރު)   21:46
ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތް ހެދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ހިމެނޭ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 2,100 އަށްވުރެ މައްޗަށް އަރައިފި އެވެ.

މިއާއެކު މި ޕެޓިޝަން ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވަން ލާޒިމުވާ ވަރަށް ސޮއި ލިބުނު ފުރަތަމަ ޕެޓިޝަނަށެވެ.

މި ޕެޓިޝަނަކީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މި ބިލް މަޖިލީހުގެ އިދާރާއަށް ހުށަހެޅީ އޯގަސްޓް 4 ވަނަ ދުވަހު އެވެ. ޖެހިގެން އައި އޯގަސްޓް 5 ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. އަދި އޯގަސްޓް 10 ވަނަ ދުވަހު ވަނީ ބިލުގެ ބަހުސް ކުރުކޮށް، ބިލު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ. ޖެހިގެން އައިދުވަހު ކޮމިޓީގެ ބައްދަލުވުން ބާއްވައި ޕީއެންސީގެ މެޖޯރިޓީން ނިންމީ ބިލު ނިންމުމުގެ ސުންގަޑިއަކީ އޯގަސްޓް 16 ވާ އާދީއްތަ ދުވަހުގެ 12:00 ކަމަށެވެ.

މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުން ލާޒިމުވެ އެވެ. އެހެންވެ، މި ޕެޓިޝަނަށް މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ދިއުމަށް ބޭނުންވާ ތްރެޝްހޯލްޑް ހަމަވެފަ އެވެ.

ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ސ.މަރަދޫފޭދޫ، އައްސޭރި، މިދުއަމް ސައުދު އެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން
  • އެ އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާ ކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބުން
  • އެ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެ ބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނިކުރާނެ އިސްލާހުތަކެއް ކަމަށްވުން.

"ވީމާ ހުށަހެޅިފައި މިވާ އިޞްލާހު ތަކަކީ ލާމަރުކަޒީ ޤާނޫނު އަދި އެ ޤާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިޞްލާހު ތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މި ޕެޓިޝަން ހުށަހަޅަމެވެ." ޕެޓިޝަން ހުށަހެޅި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައި ވެއެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބޭ ބާރުތައް ހަނިކުރާގޮތަށް އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ މެންބަރެއްގެ ނަމުގައި މަޖިލީހުގައި ތަމްސީލުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ. އޭނާއަކީ ސަރުކާރުގެ ހުށަހެޅުންތަކަށް އާންމުގޮތެއްގައި ތާއީދުކުރައްވާ މެންބަރެކެވެ. މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހަޅައި، މީޑިއާތަކުން ދެކޮޅު ހަދަނިކޮށް ފާސްކުރި ބިލުވެސް ހުށަހެޅުއްވީ ހަންނާނެވެ.

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައި މި ވަނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު އެވެ. މި ބިލް އަވަހަށް ފާސްކުރުމަށް ޕީއެންސީގެ މަޖިލިސް މެންބަރުން މަސައްކަތް ކުރަމުންދާއިރު، މަޖިލީހުގެ ދައުރު ވަނީ އިތުރު އެއް ހަފުތާއަށް ދިގުދަންމާލާފައެވެ. މަޖިލީހުގެ ދައުރު ދިގު ދަންމާލީ "ކޮންމެހެން ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނިންމުމަށް" ކަމަށް ބުނެފައިވާއިރު އޭގެ ތެރޭގައި މި ބިލުގެ މަސައްކަތް ނިންމުން ހިމެނޭކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ކޮމެންޓް