
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަކީ އިގުތިސޯދީ އިލްމުގެ ތެރޭގައި ވަރަށް ސާފުކޮށް ލިޔެފައި ހުރި ކަންކަމަކަށް ވާއިރު، އެމްޑީޕީ ސަރުކާރެއްގައި އެ ރޭޓަށް ޑޮލަރުގެ އަގު ގެނެވޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ ކުރިއަށް މިއޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދޭށޭ، ދެން އެއް މަސްދުވަހުގެ ތެރޭގައި 17 ރުފިޔާއަށް. 17 ރުފިޔާއަކީ ޖެނުއަރީ 2024 ގައި މި ބޭފުޅުން ސަރުކާރާ ހަވާލުވިއިރުގައި އޮތް މިންވަރަށް،" – ރައީސް ނަޝީދު
ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ތިރިކުރުމަށް ކުރަންޖެހޭ ކަންކަން ނުކޮށް ތިބެ، ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެން ދާން ސަރުކާރުން ދޫކޮށްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ.
ޑޮލަރުގެ ރަސްމީ އަގަކީ ރާއްޖޭގައި 15.42 ރުފިޔާ ކަމަށް ވީނަމަވެސް، ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު އުފުލުމާއި ތަރައްގީގެ މަޝްރޫއުތަށް ހުއްޓުން ފަދަ ރައްޔިތުންނަށް ދިމާވާ ގިނަ ދަތިތަކެއްގެ ކަންބޮޑުވުމާއެކު، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން "ދަތިވެއްޖެ" މިނަމުގައި، ބުރާސްފަތި ދުވަހުގެ ރޭ (މާދަމާ ރޭ) 20:30 ގައި ސޯޝަލްސެންޓަރު ކުރިމަތިން މަޖީދީމަގުން މުޒާހަރާއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޑޮލަރުގެ އަގު ތިރިކުރުމަށް ސަރުކާރަށް ޑިމާންޑުކުރުމަކީ އެ މުޒާހަރާގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.




