
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވީ ރަނގަޅަށް ވިސްނެވުމަށް ފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި މިއީ، ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވަން. އަދި މި ދަތުރުގައި ލިބުނު އެކުވެރިން އަދި އިދާރާތަކަށް ޝުކުރުވެރިވަން،" ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރައްވައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްކަންވެސް ކުރެއްވި ފައިރޫޝް ވިދާޅުވިއެވެ.
މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. ހޯމްލޭންޑު ސެކިއުރިޓީއަށް އޭނާ ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ފުލުހުންގެ ހިދުމަތުން 2021 ވަނަ އަހަރު ރިޓަޔާ ކުރެއްވުމަށް ފަހު، ފައިރޫޝް ވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންފަ އެވެ. އޭގެ ތެރެއިން، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމްގެ އަރިހުގައި ވެސް ސިޔާސީ މަސައްކަތްތައް ކުރައްވާފައެވެ.




