ރައީސް މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމަށް މުހައްމަދު ހަލީލް އައްޔަންކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު އިސްތިއުފާދެއްވައިފި
ހަލީލް އިސްތިއުފާދެއްވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކޮށް ގާނޫނަށް ބަދަލުގެނައުމާ ގުޅިގެން
ހަސަން އިބްރާހީމް 26 އޯގަސްޓް 2026 (ބުދަ)   21:48
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީލް އެ މަގާމުން ކުއްލިގޮތަކަށް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޓޫރިޒަމް އެޑްވައިޒަރުގެ މަގާމު ރައީސް މުހައްމަދު މުއިއްޒު ހަލީލުއަށް ދެއްވާފައި ވަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ހަލީލަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ "ޕަލްސް" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަސް ވާއިރު، އޭނޭއަކީ "މަންތާ އެއާ" ގެ ހިއްސާދާރެއް ވެސް މެއެވެ.

އެމްއެމްއޭ (މަރުކަޒީ ބޭންކު) އިން ހުށައަޅައިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި މިވާ ދަނޑިވަޅުގައި ހަލީލް މިހާރު އިސްތިއުފާ ދެއްވާފައިވާ ކަން ރައީސް އޮފީހުން މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އަދި މީގެއިތުރުން ހަލީލް އިސްތުއުފާ ދެއްވި ސީދާ ސަބަބު ބައެއް މީޑިއާތަކާ އޭނާ މިހާރު ވަނީ ހިއްސާވެސް ކޮށްފައެވެ. އެގޮތުން މީޑިއާގައި އޭނާ ބުނެފައި ވަނީ، ރިސޯޓު އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ނިންމި އިރުވެސް، އެކަމުން އެދެވޭ ހައްލެއް ރާއްޖޭގެ އިގުތިސޯދަށް ނުލިބޭނެ ކަމަށް ބުނެ މި ސަރުކާރަށް ލަފާދެއްވިކަމަށެވެ. އަދި އެފަދަ ސިޔާސަތުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް އިތުރަށް ގެއްލުންތައް ވަމުންދާއިރު، އެޑްވައިޒަރެއްގެ ގޮތުގައި ސަރުކާރުގައި ދެމިހުރުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހަލީލް ބުނެފައި ވެއެވެ.

އަދި ރިސޯޓުތަކުން މާރުކުރާ ޑޮލަރުގެ މިންވަރު އިތުރުކުރި ކަމުގައި ވިޔަސް، ގައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް އެދެވޭ ލުޔެއް ލިބޭނެ ކަމަށް ލަފާނުކުރެވޭ ކަމަށާ، މާލީ ހާލަތާއި ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނީ ސަރުކާރުގެ އެތެރެއިން ކުރެވެން ހުރި ކަންކަން ކޮށް، ސަރުކާރުގެ ހަރަދުތައް ވެސް ކުޑަކޮށްގެން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

އެމްއެމްއޭއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރުކުރުމަށް މިހާރު އޮންނަ 20 އިންސައްތައިގެ ރޭޓު 40 އިންސައްތަ އަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ހަމަ އެއާއި އެކު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށައަޅުމުން އެ އިސްލާހު އެއް ދުވަސް ތެރޭ ނިންމާ މިއަދުން މިއަދަށް ވަނީ ފާސްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް