
ކުރިން ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ފުރިހަމަ ކުރެއްވި އަހުމަދު އަބްދުﷲ، އެމްޑީޕީގައި އަދާކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އަހުމަދު މައުލޫމާތު ދެއްވި ގޮތުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދުގެ ކެމްޕޭނުގެ އެންމެ އިސް ސަފުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށެވެ.
"ޝާހިދުގެ ކެމްޕޭނުގައި ރަސްމީކޮށް މަސައްކަތް ކުރަމުން ޕާޓީގެ އެފަދަ މަގާމެއްގައި ހުރުން އެހާ ރަނގަޅު ކަމަށް ނުފެންނާތީ އިސްތިއުފާ ދިނީ. އަޅުގަނޑު ދެކޭގޮތުގައި ޕާޓީގެ އިސް މަގާމެއްގައި ހުރެގެން، ރިޔާސީ ޕްރައިމަރީފަދަ މުހިންމު އިންތިހާބެއްގައި ވާދަކުރައްވާ ބޭފުޅެއްގެ ކެމްޕޭނުގައި ރަސްމީކޮށް އުޅުމަކީ ރަނގަޅު ކަމެއްނޫން." އަހުމަދު ވިދާޅުވި އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާ ތަމްސީލު ކުރެއްވި އަދި އެންމެ ފަހުން ނަވާރަވަނަ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލުކުރެއްވި އަހުމަދު އަބްދުﷲ އަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ދުވަސްވަރުން ފެށިގެން އެޕާޓީގައި ޚިދުމަތްކުރައްވަމުން ގެންދަވަ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާން ކުރެއްވުމަށްފަހު، ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަންވެސް އިއުލާން ކުރެއްވި އެވެ. ޝާހިދު ވިދާޅުވީ ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ޕްރައިމަރީގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ދެކެވަޑައިނުގަންނަވާތީ، އެ ވަގުތުން ފެށިގެން އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.




