
އެކަމާގުޅޭގޮތުން ފުލުހުންނާ ބައްދަލުކުރުމަށްފަހު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ މުޒާހަރާ ރާވާ ހިންގުމުގައި އިސްކޮށްއުޅުއްވާ ބޭފުޅުންގެ ތެރެއިން ބޭފުޅެއްކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ ވޭތުވެދިޔަ ތިން ފަހަރެއްގެ މަތިން އެމްޑީޕީން އިންތިޒާމުކޮށްގެން މަޖީދީމަގުން ބޭއްވުމަށް ހަމަޖެއްސި ހަރަކާތްތައް އެގޮތަށް ބޭއްވުމަށް ފުލުހުގންގެ އިދާރާގައި އެދިފައިވީ ނަމަވެސް، ފުލުހުން އެ ރޫޓްތައް ބަދަލުކޮށްފައިވުމުން އެގޮތަށް އެކަން ކުރެވިފައި ނެތްކަމަށެވެ.
ނަމަވެސް މިފަހަރު ވެސް މުޒާހަރާ ކުރިއަށްގެންދަން އެމްޑީޕީން ބޭނުންވަނީ މަޖީދީ މަގުން ކަމަށްވާތީ އެ ފުރުސަތު ފަހިކޮށްދިނުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށާ، އުންމީދުކުރަނީ އެގޮތަށް އެ ހުއްދަ ފުލުހުން ދޭނެ ކަމަށެވެ.
އެމްޑީޕީން ބުނީ މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ސަބަބަކީ، އާންމު ރައްޔިތުން ދިރިއުޅޭގިނަ ގެތައް ހުންނަނީ މަޖީދީ މަގުގައި ކަމަށްވާތީ، ބޭރު މަގުން މުޒާހަރާ ކުރިއަށް ގެންދިޔައިމާ އެ މަގުގައި ގެތައް ވަރަށްބޮޑަށް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު އެރައްޔިތުންނަށް ފޯރަމުން ނުދާކަމަށެވެ.
އެމްޑީޕީން މި ހުށަހެޅި ހުށަހެޅުމަށް ފުލުހުންގެ ފަރާތުން އަދި ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް، އެދެވޭ އިޝާރާތެއް ލިބިފައިވާ ކަމަށާ، ބޭރު މަގުތަކުގައި މުޒާހަރާ ކުރުމުން އެ އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށަވުމުން އާންމުންނަށް އޭގެ އަޑު ނުފޯރާނެކަން ފުލުހުންނަށް ވެސް ރަނގަޅަށް އެނގިލައްވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
"ދަތިވެއްްޖެ" މި ނަމުގައި މި މަހުގެ 13 ވަނަ ދުވަހުގެރޭ މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމާފައި މިވަނީ ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން އަޑު އުފުލުމުގެ ގޮތުންކަމަށް އެ ޕާޓީން ބުނެއެވެ.
މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މަޖީދީމަގު މާފަންނު ކޮޅުން ސޯޝަލް ސެންޓަރު ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން އެމްޑީޕީ އާއެކު ބައިވެރިވެ ވަޑައިގަތުމަށް އެ ޕާޓީގެ އިސް ބޭފުޅުން އެދިވަޑައިގަނަވަމުން އަންނައިރު، އިއްޔެ ހަވީރު ހުޅުމާލޭގެ ތިން ސަރަހައްދެއްގައި އެމްޑީޕީން ވަނީ އެ މުޒާރާއަށް ގިނަބަޔަކަށް ދައުވަތު ދިނުމުގެ ގޮތުން ޕިކަޕް ބުރަކާއެކު ކަންމަތީ އެއްވުންތަކެއް ވެސް ބާއްވާފައެވެ.
އަދި، މިއަދު ހަވީރުވެސް މިފަދަ ހަރަކާތެއް މާލޭގެ ލޯކަލް މާރު ކޭޓް ކުރިމަތީގައި ބާއްވަން ވެސް އެ ޕާޓީން ނިންމާފައި ވާއިރު، ހަވީރުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައި ލޯކަލް މާރުކޭޓް ކުރިމަތިން ކަމަށް އެ ޕާޓީން ބުނެއެވެ.
އަދި މީގެއިތުރުން ރޭ ވަނީ މި މުޒާހަރާއަށް ގިނަ ބަޔަކަށް ދައުވަތު ދިނުމުގެ ގޮތުން ބޭނާ ދެމުމުގެ ހަރަކާތެއް ވެސް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންގޮސްފައެވެ.




