ތިލަމާލެ ބުރިޖުގެ މަސައްކަތް: މުއިއްޒުގެ މިހާރުގެ ވާހަކަ އާއި މަހުލޫފްގެ އޭރުގެ ވާހަކަ
ފިޔެސް 15 އޯގަސްޓް 2026 (ހޮނިހިރު)   13:40
މާލެއާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅު ގުޅުވާލަދޭ "ތިލަމާލެ ބްރިޖު" ގެ އަމަލީ މަސައްކަތް ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ފަށާފައިވަނީ ގާތްގަނޑަކަށް ސުމަކުން ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ "ދަ ޕަލްސް" ގެ ނަމުގައި އެމަނިކުފާނު މިހާރު ގެނެސްދެމުން އަންނަ ޕޮޑްކާސްޓް ސީރީޒްގެ 6 ވަަނަ އެޕިސޯޑުގައި އިއްޔެއެވެ.

އެ ޕޮޑްކާސްޓްގައި ރައީސް މުއިއްޒުއާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ވާހަކަ ދައްކަވާއިރު، މާޒީއަށް ބައްލަވަން ޖެހޭ ކަމަށާ، އެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފަށަން ހަމަޖެހުނު މަޝްރޫއެއް ކަމަށެވެ، އޭރުގެ ޚަބަރުތައް ބަލައިލުމުން، މަޝްރޫއު ފެށިއިރަކާއި ނިންމާނެ ކަމަށް އިއުލާނުކުރި ތާރީހުތައް ފެންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތާ ހަވާލުވީއިރު، މާލެއާއި ވިލިމާލެއާ ދޭތެރޭ އެކަނި ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ކުރެވިފައި ހުރީ ވަރަށް މަދު މަސައްކަތްތަކެއް ކަމަށެވެ.


ވަރަށް މަދު މަސައްކަތް ހުރީ، ތަނބުތަކެއް ވެސް ޖެހި އެކަހަލަ ކަންތައްތަކެއް ވެސް ނެތް އެގޮތުން ބަލާއިރު ހިންގިފައެއް. އެހެންވީމަ އަޅުގަނޑުމެން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް ކަމަށް ވެސް ދެންނެވިދާނެ، އަމަލީ މަސައްކަތް. - ރައީސް މުއިއްޒު


އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަޝްރޫއާ ހަވާލުވީ ހިސާބުން ފެށިގެން، ވަރަށް ސަމާލުކަން ދީގެން މަސައްކަތް ކުރިއަށްގެންދާ ކަމަށާ، އަދި ވީހާ ވެސް އަވަހަށް ބުރިޖުގެ މަސައްކަތް ނިންމަން ސަރުކާރުން ބޭނުންވާ ކަމަށާއި، އެކަމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

އަދި ބުރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑުގައި ގެންދެވިއްޖެ ނަމަ، މާ ލަސްތަކެއް ނުވެ ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވާއިރު، މިހާރު އެމަނިކުފާނުގެ ސަރުކާރުގައި ސަފީރަކަށް ހުންނަވާ އަދި ކުރީގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެ މަސައްކަތުގެ އަދާހަމަ އެމަނިކުފާނުގެ ވަޒީރުކަމުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ވީޑިއޯއެއް ކުޅުއްވާ އާންމު ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާފައި ކަން ފާހަގަކޮށްލެވެއެވެ.

އޭރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފްގެ އަމިއްލަފުޅު ފޭސްބުކް ޕޭޖުގައި އާންމުކުރައްވާފައިވާ މި ވީޑިއޯގައި މަހްލޫފް ވިދާޅުވަނީ އެދުވަހު ބްރިޖުގެ މަސައްކަތްތައް ދިޔަގޮތާމެދުގައި ހަމަ އާޝޯޚުވެފައިވާ ކަމަށެވެ.

އަދި އެވަގުތު އެތަނުގައި މަސައްކަތްތައް ވަރަށް ވެސް ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ 2400ވަރަކަށް މުއައްޒަފުން އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާ، މަސައްކަތު ފެންވަރާމެދުގައި އެއްވެސް ޝައްކެތްނުކުރައްވާ ކަމަށެވެ.

އަދި އެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދުގައި އޭރުގެ އިދިކޮޅުފަރާތްތައް (މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް) ކުރަމުންދާ މަލާމާތާއި ފުރައްސާރައަކީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް އާންމުރައްޔިތުންނަށް ޔަގީންކޮށްދެއްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައި ވެއެވެ. 

އެހެންކަމުން އެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވާ، ނުވަތަ އެގްރީމެންޓުހަދާފައިވާ ދުވަހަށްވުރެ މާކުރިން ނިންމާލެވޭނެކަމަށް ޔަގީން ކުރައްވާ ކަމަށާ، އޭރު ވަނީ މުޅި ބުރިޖުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައި ކަމަށް ވެސް މަހުލޫފް ވިދާޅުވެފައި ވެއެވެ. 

ކޮވިޑްގެ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި އެ މަސައްކަތް ފެށިގެން އައިސްފައިވާކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނު ދުވަހަކު ވެސް ލޮލުން ފެންނާނެކަމަށް އުންމީދުވެސް ކުރެއްވި މަންޒަރެއް ނޫންކަމަށެވެ.

ކޮމެންޓް