ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވައިފި
ހިޝާމް ހާރޫން 15 އޯގަސްޓް 2026 (ހޮނިހިރު)   17:02
ބޮޑުތަކުރުފާނު ނުވަތަ ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވާ ދެމެހެއްޓުމުގެ ގޮތުން އެ ތަކުރުފާނުގެ ހަނދާނީ ދޮރާއްޓެއްގެ ގޮތުގައި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" މި ނަމުގައި ހއ. އުތީމުގައި މިއަދު ބިނާއެއް ހުޅުވައިފިއެވެ.

ރައީސް މުއިއްޒު ހުޅުއްވައިދެއްވި މި ބިނާ ހުޅުއްވައިދެއްވީ މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.

މިކަމާގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފައި ވަނީ، މި ބިނާއަކީ ރައީސް މުއިއްޒުގެ ހާއްސަ ސިޔާސަތެއްކަމުގައިވާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އަމްދަނީ ހޯދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

އަދި މިފަދަ ތަރިކައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަކީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ އިގުތިސޯދަށް ކުރިއެރުން ލިބޭނެކަމެއް ކަމަށާ، ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، ޓުއަރ ގައިޑުންގެ ހިދުމަތާއި، ދަތުރުފަތުރުގެ އިތުރުން އަތްތެރި މަސައްކަތްތަކަށް އޮންނަ ތަރުހީބު އިތުރުވެ، ރަށުގެ އާންމު ހިދުމަތްތަކާއި މައިޒާންތައް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުންޏެވެ.

މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މި ބިނާ ބައްލަވާލައްވާލައްވާފައި ވާއިރު، މިރަސްމިއްޔާތުގައި ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތުއެރުވިގެން ވަޑައިގެންނެވި އިއްޒަތްތެރިންނާއި، ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް