ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
14 އޯގަސްޓް 2026 (ހުކުރު)   11:40
ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ރަސްމީ ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި މިއަދު ބާއްވައިފި އެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ސަރުކާރުގެ އިތުރު އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން، އެ ރަސްމިއްޔާތުގައި ހާއްސަ ދުއާއެއް ވެސް ކުރިއެވެ. އަދި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ސިފައިންގެ ބޭންޑުން ވަނީ ގައުމީ ސަލާމް ކުޅެފައެވެ.

ގައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ގައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފަހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ހާދިސާގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ.އުތީމުގައެވެ. އެ ރަށުގައިވެސް މިއަދު ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތާއެކު، ގައުމީ ދުވަހުގެ ހަރަކާތްތައް ވަނީ ފަށާފައެވެ.

ކޮމެންޓް