މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދިނުމަށް މިއަހަރު ހަމަޖައްސާފައިވާ ގައުމީ އިނާމު 11 ބޭފުޅަކަށާއި ކުންފުންޏަކާއި ޖަމިއްޔާއަކަށް މިއަދު އަރުވައިފި އެވެ.
މިއަހަރުގެ ގައުމީދުވަސް ގައުމީ ފެންވަރުގައި މިއަހަރު ފާހަގަކޮށްފައިވަނީ ހ. އުތީމުގައެވެ. އެހެންކަމުން އެރަށުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ޖަމިއްޔާއަކަށް ވަނީ އަރުވާފައެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާފައިވަނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެއް ކަމަށްވާއިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާފައިވަނީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެއްކަން ފާހަގަކޮށްލެވެއެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުންނާއި ޖަމިއްޔާ:
- ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ގދ. ފަރެސްމާތޮޑާ، ހުސްނުހީނާގެ، މުހައްމަދު އާމިރު އަހްމަދު
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ވ. ވަސްމީރުފިޔަ، އިބްރާހީމް ރަޝީދު
- ސިއްހީ ދާއިރާއިން: ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން (ޝީ)
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ގ. ނޫރީފެހި، ނަޖުމާ ހުސައިން
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވި ބޭފުޅުންނާއެކު ރައީސް މުއިއްޒު (މ) - ފޮޓޯ: ރައީސް އޮފީސްހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި ބޭފުޅުންނާއި ކުންފުނި: - އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ގއ. ދާންދޫ، މުޝްތަރީގެ، ހައްވާ ލަތީފް
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހދ. ވައިކަރަދޫ، ދަނބުގެ، މުހައްމަދު ނަސީރު
- ދިވެހި ތާރީހުގެ ދާއިރާއިން:ހުޅުމާލެ ފްލެޓް ނަންބަރު 125-G-03، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސަޢީދު
- ސިއްހީ ދާއިރާއިން: ހުޅުމާލެ ވިނަރެސް 10A-702، މުހައްމަދު އަހްމަދު
- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: ހއ.އުލިގަން، ފަހިވާ، އަރުޝަދު އަހްމަދު
- ކުޅިވަރުގެ ދާއިރާއިން: ހ. ސީޓް، އާއިޝަތު ނައުރާ
- ވިޒުއަލް އާޓްސްގެ ދާއިރާއިން: ހ. އަރިހިޔާ، އިސްމާއީލް އަބްދުލްގަފޫރު
މީގެއިތުރުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ހާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ހިދުމަތުގެ ގައުމީ އިނާމު، ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ ގ. އިލާ، އަލްމަރްހޫމް އިހްސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނުގައި ވަނީ ދެއްވާފައެވެ.