
ނިޒާރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މުވައްޒަފުން ވަކިކޮށްފައި ވަނީ، އެ މީހުން ކުރާނެ އެތައް މަސައްކަތެއް ހުއްޓައި، އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީއެންސީ މަޖިލިސް މެންބަރުންގެ މަޝްވަރާ ލިބިގެން ކަމަށެވެ. އެ މައުލޫމާތު އޭނާއަށް ލިބުނީ ފެނަކައިގެ ވެރިންގެ ފަރާތުން ކަންވެސް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.
"މިފަދަ އަނިޔާ ރައްޔިތުންނަށް ދިނުމަށް ރައްޔިތުން ހޮވާފައިވާ މަންދޫބުން ހިއްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން." އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީއެންސީގެ ތިން މަޖިލިސް މެންބަރުން ޓެގްކުރައްވާ ނިޒާރު ލިޔުއްވާފައި ވެއެވެ.
ނިޒާރު ވިދާޅުވެފައިވާ ގޮތުގައި، ފެނަކާގައި މުވައްޒަފުން ގިނަނަމަ ގިނައީ މާލޭ ހެޑްއޮފީހުގައެވެ.
"މަސައްކަތެއް ނެތިފަ ކޮފީ ބޯން އެތިބި މުވައްޒަފުން. މިހެންވާއިރު އައްޑޫ ފެނަކަ އޮޕަރޭޝަނުން މުވައްޒަފުން ވަކިކޮށް ބިކަ ކުރުމަކީ އަނިޔާއެއް. ތަފާތު ކުރުމެއް. ޕީއެންސީގެ އައްޑޫ ލީޑަރޝިޕްގެ ނުކުޅެދުމެއް." ނިޒާރު ވިދާޅުވެފައި ވެއެވެ.
މޭޔަރު ނިޒާރު މި ފަދައިން ތުހުމަތުކުރެއްވިއިރު، ސަރުކާރު ބައެއް ކުންފުނިތަކުގައި އެކަށީގެންވާ އަދަދަށް ވުރެ މާގިނައިން މުވައްޒަފުން ތިބިކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ބުނެފައެވެ. އެފަދަ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށްވެސް ޕީސީބީން ވަނި އަންގާފަ އެވެ.




