ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ މެންބަރުން، މި މެންބަރުން ވަނީ އެބިލަށް ތާއީދު ކުރައްވާފައި.--
ބިންތައް އަތުލާ ބިލު ފާސްކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
ހިޝާމް ހާރޫން 16 އޯގަސްޓް 2026 (އާދީއްތަ)   19:02
ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތް ހެދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ހިމެނޭ ބިލު ފާސްކުރަން ގޮވައިލާ ޕެޓިޝަނަކަށް ސޮއި ހަމަކުރަން ފަށައިފި އެވެ.

މިފަދަ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ އެ ބިލާ ދެކޮޅަށް ސޮއިކުރި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.

ބިލު ފާސްކުރުމަށް ގޮވާލާ ޕެޓިޝަން ހުށަހެޅީ ސ. މީދޫ، ބިނާ، އަހުމަދު ޝާތިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މަޖިލީހުގައި މިހާރު އޮތް ޕެޓިޝަނަށް ރައްދެއްގެ ގޮތުގައި ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަނަށް ސޮއި ހަމަކުރުމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ބިލު ފާސްކުރުމަށް ގޮވައިލާ ހުށަހެޅި ޕެޓިޝަންގައި ބުނެފައިވާ ގޮތުން، މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަޤްޞަދެއްގައި ފަތުރާ ޙަޤީޤަތާ ޚިލާފު ބާޠިލު އަސާސްތަކެއް މައްޗަށް ބިނާކޮށްފައިވާ ވުޖޫދުގައި ނުވާ ވާހަކަތަކެކެވެ.

އަދި ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ޤާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާޙަކަށް ވާތީ ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް އެ ޕެޓިޝަނުގައި ގޮވާލާފައި ވެއެވެ.

އެ ޕެޓިޝަނަށް މިހާރު ވެސް 800 އަށްވުރެ ގިނަ ސޮއި ވަނީ ހަމަކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް އަންނަނީ މި ޕެޓިޝަނުގައި ސޮއިކުރުމަށް އަންގަމުންނެވެ.

ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ސ.މަރަދޫފޭދޫ، އައްސޭރި، މިދުއަމް ސައުދު އެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން
  • އެ އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާ ކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބުން
  • އެ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެ ބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނިކުރާނެ އިސްލާހުތަކެއް ކަމަށްވުން.


"ވީމާ ހުށަހެޅިފައި މިވާ އިޞްލާހު ތަކަކީ ލާމަރުކަޒީ ޤާނޫނު އަދި އެ ޤާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިޞްލާހު ތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މި ޕެޓިޝަން ހުށަހަޅަމެވެ." ޕެޓިޝަން ހުށަހެޅި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައި ވެއެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބޭ ބާރުތައް ހަނިކުރާގޮތަށް އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ މެންބަރެއްގެ ނަމުގައި މަޖިލީހުގައި ތަމްސީލުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ. އޭނާއަކީ ސަރުކާރުގެ ހުށަހެޅުންތަކަށް އާންމުގޮތެއްގައި ތާއީދުކުރައްވާ މެންބަރެކެވެ. މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހަޅައި، މީޑިއާތަކުން ދެކޮޅު ހަދަނިކޮށް ފާސްކުރި ބިލުވެސް ހުށަހެޅުއްވީ ހަންނާނެވެ.

މިދުއަމް ހުށަހެޅި ޕެޓިޝަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ސަމާލުކަމަށް ގެނެސް ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން އެއް ޖަލްސާއަށް އެޖެންޑާ ކޮށްދިނުމަށް ހުށަހެޅުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން އެ ޕެޓިޝަނާމެދު ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދެކޭ ގޮތް ލިޔުމުން ހޯދުމަށް ފޮނުވުމަށް ވެސް ޕެޓިޝަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރަމުން އަންނަ މި ބިލުގައި ވަނީ  ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ.

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ.

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ.

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ.

ކައުންސިލުތަކުގެ މައްޗަށް ސަރުކާރުގެ ބާރުވެރިކަން އިތުރުކުރަން މި ބަދަލުތައް ގެންނައިރު މީގެ ކުރިން ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައި ވެސް ވަނީ މިހާރު ހުށަހަޅާފައިވާ ކަންކަމަށް ފަހިވާ ގޮތަށް ހަދާފަ އެވެ.

ކޮމެންޓް