ވަކީލު އަލްއުސްތާޛު އާދަމް ޝަމީމް.--
ޑީޖޭއޭގެ އެންމެ އިސް ވެރިޔަކަށް ޕީއެންސީގެ ވަކީލު ޝަމީމް އައްޔަންކޮށްފި
މަރްޔަމް މުޙައްމަދު 16 އޯގަސްޓް 2026 (އާދީއްތަ)   13:49
ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ މައި އިދާރާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ވެރިކަންކުރާ ޕީއެންސީގެ ވަކީލު އަލްއުސްތާޛު އާދަމް ޝަމީމް އައްޔަންކޮށްފި އެވެ.

ފަސް އަހަރުގެ މުއްދަތަށް ހަމަޖައްސާ މި މަގާމަކީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މުވައްޒަފެވެ. އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރީލު މަހު އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްކޮށް އޮންނަތާ ހަތަރު ވަރަކަށް މަސް ވަނީ ވެފަ އެވެ. އަމްދަޖު މިހާރު ހުންނެވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގަ އެވެ.

ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާގެ މަގާމަށް ޝަމީމް އައްޔަންކޮށްފައިވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

ޝަމީމް މި މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ސީނިއާ އަންޑަ ސެކެރެޓަރީއެއްގެ މަގާމުގަ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ 14 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝަމީމަކީ ޕީއެންސީގެ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި ވެސް ވަކީލެއްގެ ގޮތުގައި ޝަމީމް އުޅުއްވި އެވެ.

ޝަމީމް ގެންދަވަނީ އަމިއްލަ ލޯފާމެއް ވެސް ހިންގަވަމުންނެވެ.

ކޮމެންޓް