ޖުޑީޝަލް ސާވިސް ކޮމިޝަން.--
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ނިންމައިފި
މަރްޔަމް މުޙައްމަދު 9 އޯގަސްޓް 2026 (އާދީއްތަ)   21:01
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލާން ޖޭއެސްސީން މިދިޔަ މަހު ހުޅުވާލުމުން 29 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓުން ވެސް ހިމެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ރޭ ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު ކަމަށް އައްޔަނުކުރާނެ ތިން ބޭފުޅަކު ވަނީ ކަނޑައަޅާފައެވެ.

އެ ތިން ބޭފުޅުންނަކީ:  

  • އަހުމަދު ތައުފީގު، ޑޭޒީމާގެ/ހއ.ދިއްދޫ
  • ސުލައިމާން މުޙައްމަދު، ނޫރާނީގެ/ޅ.ކުރެންދޫ
  • މުޙައްމަދު އަބްދުﷲ، ޑްރީމް/ތ.ވޭމަންޑޫ


މި ތިން ބޭފުޅުން ކްރިމިނަލް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމިނަމަވެސް، އެ ކޮމިޝަނުން އެކަން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ނިންމިއިރު، ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ތިން މަގާމަކަށް ވެސް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން 42 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ.

ނަމަވެސް ސިވިލް ކޯޓަށް އައްޔަންކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު މިހާތަނަށް ނުލިބެއެވެ.

ކޮމެންޓް