އަލަށް އައްޔަން ކުރެއްވި ގާޒީން މިއަދު ހުވާ ކުރެއްވުން - ފޮޓޯ: ޖޭއެސްސީ
ކްރިމިނަލް ކޯޓަށް 3 ގާޒީން، ސިވިލް ކޯޓަށް 2 ގާޒީން އައްޔަނުކޮށްފި
ހަސަން އިބްރާހީމް 13 އޯގަސްޓް 2026 (ބުރާސްފަތި)   13:52
ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް 3 ބޭފުޅުން އަދި ސިވިލް ކޯޓުގެ ގާޒީކަމަށް 2 ބޭފުޅުން މިއަދު އައްޔަނުކޮށްފިއެވެ.

ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދުމަށް ޖޭއެސްސީ (ޖުޑިޝަލް ސާވިސް ކޮމިޝަން)އިން އިއުލާނުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އެ އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުން އިންޓަވިއު ކުރުމަށް ފަހު، ތިން ބޭފުޅަކު އެ މަގާމަށް އައްޔަނުކުރުމަށް ޖޭއެސްސީން ނިންމާފައި ވާއިރު، އެ 3 ބޭފުޅުންނަކީ، ޅ.ކުރެންދޫ ނޫރާނީމާގެ ސުލައިމާން މުހައްމަދާއި ހއ.ދިއްދޫ ޑޭޒީމާގެ، އަހުމަދު ތައުފީގާއި ތ.ވޭމަންޑޫ ޑްރީމް، މުހައްމަދު ޢަބްދުﷲއެވެ.

އޭގެތެރެއިން، ސުލައިމާން ވަނީ، ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާސް ހާސިލް ކުރައްވާފައެވެ. ސެޕްޓެމްބަރު ހަތަރެއް، 2022 އިން ފެށިގެން ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރައްވާ ސުލައިމާން ވަނީ ޝަރުއީ ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓަށް އައްޔަނުކުރެއްވި، ތައުފީގު ވަނީ، ޝަރުއީ ދާއިރާގައި 18 އަހަރު ހޭދަކުރައްވަފާއެވެ. އޭނާ ވަނީ، އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީހުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި، މުޙައްމަދު އަބްދުﷲ އަކީ، ސެޕްޓެމްބަރު، 2017 އިން ފެށިގެން ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

އެއާއެކު، ޖޭއެސްސީން ވަނީ، ސިވިލް ކޯޓުގެ ގާޒީ ކަމަށް ދެ ބޭފުޅަކު އައްޔަނުކުރުމަށް ވެސް ނިންމަވާފައެވެ. އެއީ، ގއ.ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛު މުހައްމަދު ނިޝާތު އާއި ރ.ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޒާ އާސިޔާ އަޒީމާއެވެ.

އޭގެތެރެއިން، ނިޝާތަކީ ޝަރުއީ ދާއިރާއާ ގުޅުން ހުރި މަގާމުތަކުގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އާސިޔާއަކީ، ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އަލަށް މަގާމުތަކަށް އައްޔަނުކުރެއްވި ބޭފުޅުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ މިއަދުއެވެ.

ކޮމެންޓް