ޖޭއެސްސީގެ ބައެއް މެންބަރުން.-- ފޮޓޯ: ޖޭއެސްސީ
ޖޭއެސްސީން ބޭނުންވެއްޖެ ހިނދެއްގައި އިސްފަނޑިޔާރުން ވަކިކުރެވޭގޮތް ހަދައިފި
ޖުނާން އަޙުމަދު 14 ޖުލައި 2026 (އަންގާރަ)   19:51
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ހިނދެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެޒެޓްކޮށްފަ އެވެ. އަދި މިއަދުން ފެށިގެން އެ ގަވާއިދަށް ވަނީ އަމުކުރަން ފަށާފައެވެ.

އެ ގަވާއިދުގައިވާ ގޮތުން، ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެނަމަ އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.

"ކޯޓުތަކަށް އައްޔަނުކުރާ އިސް ފަނޑިޔާރުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަން ޖެހޭ ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފެނިއްޖެނަމަ، އެ މަގާމުން ފަނޑިޔާރަކު ދުރުކުރުމުގެ ބާރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެންވެއެވެ." ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައި ވެއެވެ.

މިހާރު އަމަލުކުރާ އުސޫލުގައި އިސް ފަނޑިޔާރުން ދުރުކުރެވޭނެ ގޮތެއް ނޯވެ އެވެ. މިހާތަނަށް އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ފަނޑިޔާރަކު އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދެއްވުމުން ނޫން ނަމަ އެ ފަނޑިޔާރަކު، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި ނަމައެވެ.

އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލަނީ ޖޭއެސްސީންނެވެ. އެ މަގާމަށް ކުރިމަތިލައްވާ ފަނޑިޔާރުންނާ އިންޓަވިއުކޮށް، މަގާމަށް ބޭފުޅަކު ކަނޑައަޅަން ޖެހެނީ އެ ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ޖޭއެސްސީ އިން އެފަދަ ގަވާއިދެއް ހަދައި އަމަލުކުރަން ފެށިއިރު، އެ ކޮމިޝަން އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގެ ފުލް ކޮންޓްރޯލް ސަރުކާރަށް އެބަ އޮތެވެ.

ކޮމެންޓް