ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނީ.-- ފޮޓޯ: މަޖިލިސް
މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލާ ޕެޓިޝަނަށް 3600 އަށްވުރެ ގިނަ ސޮއި
ހިޝާމް ހާރޫން 18 އޯގަސްޓް 2026 (އަންގާރަ)   09:31
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ސޮއިކުރަން ހުޅުވާލާފައިވާ އީ-ޕެޓިޝަންގައި 3600 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަށް ސޮއި ލިބުނު ޕެޓިޝަންކަން ފާހަގަ ކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބުނަނީ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ވާނެ ކަމަށެވެ.

އަދި މަޖިލިސް މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ އިންޝުއަރެންސުން މެލޭޝިއާ ތައިލެންޑު އަދި ސިންގަޕޫރުންވެސް އެ ބޭފުޅުންނަށް ބޭސް ކުރެވޭނެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލު ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގުތިސާދުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާތަކުން ފެންނަ ގޮތުގައި ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދޭ އެއްވެސް ބޮޑު ގައުމެއް ދުނިޔޭގައި ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، ދައުލަތަކުން ދޭ އަސާސީ ސިއްހީ އިންޝުއަރެންސް އަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއްވަރަކަށް އަދި އެއް އުސޫލަކުން ދޭންޖެހޭ އެއްޗެއް ކަމަށެވެ. ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން އިތުރު މޮޅު ބޮޑު ސިއްހީ އިންޝުއަރެންސްއަކަށް ހަރަދު ކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އެހެންކަމުން ކުރީގެ މަޖިލިސް މެންބަރުންނާއި މިހާރުގެ މަޖިލިސް މެންބަރުން އަދި އެ މެންބަރުންގެ އާއިލާތަކަށް ރާއްޖެ، ސާކު އަދި އާސިއާންގެ ގަމުތަކުން ސިއްހީ އިންޝުއަރެންސް ލިބެންޖެހޭ ކަމަށް ބުނާ ގާނޫނުތައް އުވާލައި ހުރިހާ މަޖިލިސް މެންބަރުންނަކީވެސް އާންމު އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް ދެވޭ ބަޔަކަށް ހަދައި، އެއްވެސް މަޖިލިސް މެންބަރަކަށް އަދި މެންބަރެއްގެ އާއިލާއަކަށް އާންމު ދިވެހިންނަށް ނުދޭ އެއްވެސް ހާއްސަ ސިއްހީ އިނާޔަތެއް ޓެކްސް ފައިސާއިން ހަރަދުކޮށް ލިބިގެން ނުދާނެ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ހުރިހާ އިސްލާހުތައް ގެނައުމަށް މި ޕެޓިޝަންގައި ވަނީ އެދިފައެވެ.

މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ދިރާސާކުރަން ފޮނުވަން ލާޒިމުވާނެއެވެ.

ކޮމެންޓް