ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޑޮލަރު އަގޮބޮޑުވާކަމަށް ޚަބަރު ލިޔެފިނަމަ ޖޫރިމަނާކުރަން ފާސްކޮށްފި
ހަސަން އިބްރާހީމް 26 އޯގަސްޓް 2026 (ބުދަ)   16:33
އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އިން އެމެރިކާ ޑޮލަރު ގަނެވިއްކަން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ އަގު ހާމަކޮށް ނޫސްތަކުގައި ޚަބަރު ލިޔެފި ނަމަ، ޖޫރިމަނާކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދައުލަތުގެ މީޑިއާއިން ދާދިފަހުން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދަނީ ނޫސްތަކުގައި ޖަހާ ޚަބަރު ސުރުހީތަކުގެ ސަބަބުން ކަމަށެވެ. އަދި ސައީދު އެހެން ވިދާޅުވި އިރުގައި، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ހުރީ 22.50 ގައި ކަމަށް ނޫސްތަކުން ވަނީ ސުރުޚީތައް ޖަހާފައި ކަން ފާހަގަކޮށްލެވެއެވެ.

ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އެ ވާހަކަ ދެއްކުމަކީ ކުށެއްކަމަށް ގާނޫނުގައި ހިމެނުމަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ކަނޑައަޅާފައި ވާއިރު، އެވާހަކަތައް ގެނެސްދީފިނަމަ އަދަބެއްގެ ގޮތުން 25،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ގާނޫނުގައި ހިމަނަން މާލިއްޔަތު ކޮމެޓީގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ހިމެނިއެވެ.

އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުން ވިއްކުން އިސްތިހާރުކުރާކަމަށް ބުނެފައިވަނީ އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިޝްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން އެ އިސްލާހު 47 މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވާއިރު، އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކޮމެންޓް