
ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ފައިދާތައް
ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުން ސީދާ އަދި ނުސީދާ ގޮތެއްގައި ބައިވެރިވުމުން ދައުލަތަށާއި މުޖުތަމައަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ. އޭގެ ތެރޭގައި؛
ފުރިހަމަ ޖަވާބުދާރީވުމާއި ޓްރާންސްޕޭރެންސީ: ސަރުކާރުން ކުރާ ކަންކަމާއި ނިންމާ ނިންމުންތައް ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަކަށް އެނގި، ފާޑުކިޔުމުގެ ފުރުސަތު ލިބުމަކީ ދައުލަތުގެ އެކި ގިންތިތަކުގައި ކޮރަޕްޝަނާއި، ނާޖާއިޒު ފައިދާތަކާއި، ނުފޫޒުތައް މަދުކުރެވޭނެކަމެކެވެ.
ރައްޔިތުންގެ އިތުބާރު ބޮޑުވުން: ދައުލަތުގެ އެކިއެކި ސިޔާސަތުތައް އެކުލަވާލާއިރު، ރައްޔިތުންގެ ހިޔާލުތަކަށް ޖާގަދީ، އެހިޔާލުތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ މޭޒަށް ގެންދިޔުމަކީ ސަރުކާރަށް އޮންނަ ރައްޔިތުންގެ މަގުބޫލުކަން އިތުރުވާނެކަމެކެވެ. އަދި އޭގެ ސަބަބުން ސިޔާސީ ހަމަޖެހުން ގާއިމުވާނެ ކަމެކެވެ.
އިސްރާފުކުޑަވުން: 'ފިނިކޮޓަރީ' ގައި ތިބެގެން ނިންމާ ނިންމުންތަކަށްވުރެ، ދުވަހުން ދުވަހަށް ހަގީގަތްތަކާއި ކުރިމަތިލައި އެކަންކަން ތަޖުރިބާ ކުރަމުންދާ ރައްޔިތުންގެ ވިސްނުން ދެނެގަނެވިގެން އެކުލަވާލާ މަޝްރޫއުތަކުގެ ސަބަބުން އިސްރާފު ކުޑަވެއެވެ.
އިޖުތިމާއީ ހަމަހަމަކަން ގާއިމުވުން: ޕެޓިޝަނުގެ ޒަރިއްޔާއިން މުޖުތަމައުގައި ތިބި ބާރުވެރިކަމެއް ނެތް އެކަހެރިވެފައި ތިބި ރައްޔިތުންގެ އަޑު ސިޔާސަތު އެކުލަވާލާ ފަރާތްތަކާ ހަމައަށް ފޯރުވުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން އިޖުތިމާއީ ހަމަހަމަކަމަށް މަގުފަހިވެގެން ދެއެވެ.
ރައްޔިތުން ބައިވެރިކުރުމުން ކުރިމަތިވެދާނެ ގޮންޖެހުންތައް
ޕެޓިޝަން ނިޒާމަކީ ގިނަ ފައިދާތަކެއް އެކުލެވޭ ނިޒާމެކެވެ. ނަމަވެސް، މި ނިޒާމު ރަނގަޅަށް، ހެޔޮ ގޮތުގައި މެނޭޖު ނުކުރެވިއްޖެ ނަމަ ނުވަތަ ހަރުދަނާ އުސޫލެއް ގާއިމު ކުކުރެވިއްޖެނަމަ ބައެއް ނުރަނގަޅު އަސަރުތައް ކުރިމަތިވެދާނެއެވެ.
ނިންމުންތައް ލަސްވުން: ކޮންމެ ކަމެއް ނިންމުގައި ރައްޔިތުންގެ ހިޔާލު ހޯދަން އުޅުމަކީ އަދި ހާއްސަކޮށް ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި އަވަހަށް ނިންމަންޖެހޭ މުހިންމު އިގުތިސޯދީ ނިންމުންތައް ދިގުލައިގެން ހިނގައިގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ބައެއްފަހަރު އެކަންކަމުގެ ޒަރޫރަތްތެރިކަން ގެއްލިގެން ދެއެވެ.
ފަންނީ މައުލޫމާތުގެ އުނިކަން: އެކަށީގެންވާ ފަންނީ މައުލޫމާތުތައް؛ މިސާލަކަށް، މާލީ ސިޔާސަތުތައް، ނުވަތަ ސައިންޓިފިކް ނުވަތަ އީޖާދީ ކަންކަމުގެ މައުލޫމާތު އާންމު ރައްޔިތުންނަށް އޮޅުންފިލާފައި ނެތުމަކީ ހަމައެކަނި ވައިރަލްވާ ޕްރޮޕަގަންޑާތަކެއްގެ މައްޗަށް ރައްޔިތުންނިންމާ ނިންމުމަކަށް ނުވަތަ ހުށަހަޅާ ހިޔާލަކަށް ވެދާނެއެވެ. މިފަދަ ޕްރޮޕެގެންޑާތަކުގެ މައްޗަށް ބަރޯސާވެ ރައްޔިތުން ނިންމާ ނިންމުންތަކަކީ އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތައް ވެދާނެކަމެކެވެ.
މަސްލަހަތު ފުށުއެރުން: ވަކި ބައެއްގެ އަމިއްލަ އެދުމަށްޓަކައި، ނުވަތަ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމުގެ ގޮތުން ޕެޓިޝަންތަކާއި، ހިޔާލު ހޯދުމުގެ ފުރުސަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގައި ނުތަނަވަސްކަން އުފެދިދާނެ ކަމެކެވެ.
ބައިނަލްއަގުވާމީ ތަފާސްހިސާބުތަކާއި ކާމިޔާބު ބައެއް މިސާލުތައް
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުން ޕެޓިޝަން ނިޒާމު ބޭނުންކޮށްގެން ބޮޑެތި ކާމިޔާބީތައް ހޯދާފައިވެއެވެ.
ސްވިޒަލޭންޑް (ސީދާ ޑިމޮކްރެސީ)
ސްވިޒަލޭންޑަކީ ރައްޔިތުން ސީދާ ގޮތެއްގައި ވެރިކަމުގައި ބައިވެރިވުމުގެ އެންމެ ފުރިހަމަ މިސާލެވެ. އެ ގައުމުގައި ކޮންމެ އަހަރަކު އެތައް ފަހަރަކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު (Referendums) ބާއްވައެވެ. ކޮންމެ ރައްޔިތަކަށްވެސް ގާނޫނެއް ބަދަލުކުރަން ނުވަތަ އައު ގާނޫނެއް ހަދަން ވަކި އަދަދަކަށް؛ މިސާލަކަށް، 100,000 ސޮއި ހަމަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އެކަން މަޖުބޫރު ކުރެވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްވިޒަލޭންޑަކީ ދުނިޔޭގައި ކޮރަޕްޝަން އެންމެ މަދު، އަދި ސަރުކާރަށް އޮންނަ އިތުބާރު %80 އަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ގައުމެކެވެ.
ބްރެޒިލް (ޕާޓިސިޕޭޓަރީ ބަޖެޓިން)
ބްރެޒިލްގެ ޕޯޓޯ އަލެގްރޭ ސިޓީގައި 1989 ވަނަ އަހަރު ފެށި 'ޕާޓިސިޕޭޓަރީ ބަޖެޓިން' (ރައްޔިތުން ބައިވެރިކޮށްގެން ބަޖެޓު ހެދުން) އަކީ ދުނިޔޭގެ ސަމާލުކަން ލިބުނު ކާމިޔާބު މޮޑެލްއެކެވެ. ސިޓީގެ ބަޖެޓުން ހަރަދުކުރާނެ ދާއިރާތައް ކަނޑައެޅީ ސީދާ ރައްޔިތުންގެ މެދުގައި ބޭއްވުނު ވެލީ މަޝްވަރާ ބައްދަލުވުންތަކުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި މި ނިޒާމުގެ ސަބަބުން އެ ސިޓީގެ ނަރުދަމާގެ ހިދުމަތް %46 އިން %85 އަށް އިތުރުވިއެވެ. އަދި ހަމައެހެންމެ، ބަޖެޓުންކުރާ ވައްކަންތައް ހުއްޓި، ސްކޫލްތަކަށް ވަންނަ ކުދިންގެ އަދަދު ދެގުނައަށްވުރެ އިތުރުވިއެވެ.
ދިވެހިރާއްޖޭގެ ހާލަތު
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ލާމަރުކަޒީ ނިޒާމު (Decentralization) ތައާރަފުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބައިވުން އިތުރު ކުރުމެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ރަށު ކައުންސިލްތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކޮށް، ތަރައްގީގެ ޕްލޭންތަކާއި ބަޖެޓަށް ހިޔާލު ހޯދުމަށް ގާނޫނުން ލާޒިމުކުރެއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ "އީ-ޕެޓިޝަން" ނިޒާމުތައް މިހާރު ވަނީ ގާއިމުކުރެވިފައެވެ. ރާއްޖޭގައި މިކަން އިތުރަށް ހަރުދަނާކުރަން ތިރީގައިވާ ކަންކަން ކުރެވިދާނެއެވެ:
ޑިޖިޓަލް ޕްލޭޓްފޯމްތައް ބޭނުންކުރުން: މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކަށް އާންމުންގެ ހިޔާލު ސީދާ ގޮތެއްގައި ހޯދުން؛
މަދަނީ ތައުލީމު ދިނުން: މަދަނީ ޒިންމާތަކާއި، ސަރުކާރު ހިންގުމުގައި ބައިވެރިވުމުގެ މުހިންމުކަން ސްކޫލް މަންހަޖުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދިނުން؛
އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުން: ޕެޓިޝަން ހުށަހެޅުމާއި، ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއްގެ އިތުރުން ގައުމީ ވާޖިބެއްކަން ރައްޔިތުންނަށް ވިސްނައިދީ ހޭލުންތެރިކަން އިތުރުކުރުން.
ސަރުކާރު ހިންގުމުގައި ރައްޔިތުން ބައިވެރިކުރުމަކީ ބައެއް ފަހަރު ވަގުތާއި އިދާރީ ބޮޑެތި ހަރަދުތައް ހިނގާ، ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ނަމަވެސް، މީގެއިން ލިބޭ ދިގުމުއްދަތުގެ ފައިދާ މާ ބޮޑެވެ. އަދި މި ނިޒާމުގެ ސަބަބުން ގައުމުގެ ސިޔާސަތުތައް ހިމުންވެ، ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތައް އިންތިހާއަށް މަދުކޮށްދޭ ކަމެކެވެ. ރައްޔިތުންގެ ހަގީގީ ލާބަޔާއި މަންފާއަށް މަސައްކަތް ކުރެވޭނީ އާންމު ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭނެ ސީދާ ދޮރުތަކެއް ހުޅުވައި، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވުނު މިންވަރެއްގެ މައްޗަށެވެ.




