‏މާލެ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން - ފޮޓޯ: ސިޓީކައުންސިލް
ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދާ ގުޅުވައިގެން ފަތުރަނީ ހަގީގަތާ ހިލާފު ޚަބަރުތަކެއް
މުޅި އަހަރުގެ ބައްދަލުވުންތަކުގެ ހަރަދަކީ އެންމެ ބައްދަލުވުމެއްގެ ހަރަދުކަމަށް ދޭހަވާ ގޮތަށް ޒިންމާދާރުކަމެއް ނެތި ބައެއް ނޫސްތަކުން ސުރުހީ އަޅާފައިވޭ - މޭޔަރު އާޒިމް
ހިޝާމް ހާރޫން 18 އޯގަސްޓް 2026 (އަންގާރަ)   11:58
ރައްޔިތުންގެ ބައްދަލުވުން ބާއްވަން މާލޭ ސިޓީ ކައުންސިލުން އެކަށީގެން ނުވާ ބޮޑު ހަރަދުކޮށްފައިވާ ކަމަށް ބުނެ، މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ދޮގު ޚަބަރުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ.

އިއްޔެ އާ ރޭގައި ވެސް ބައެއް ނޫސްތަކުން މި ޚަބަރު ރިޕޯޓުކޮށްފައިވާ ގޮތަށް ބަލައިލާއިރު، މާލޭ ސިޓީ ކައުންސިލްގެ ދެ ބައްދަލުވުމެއް ބާއްވަން މިލިއަނަކަށް ވުރެން ގިނަ ރުފިޔާ ހޭދަކޮށްފި ކަމަށް މަދު ނޫހެއްގައި ވެއެވެ. ނަމަވެސް، ރައްޔިތުންގެ ބައްދަލުވުމެއް ބާއްވަން މާލޭ ސިޓީ ކައުންސިލުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދޭހަވާގޮތަށް ވެސް ނޫހަކުން ރިޕޯޓުކޮށްފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ޚަބަރުތައް ދޮގުކުރައްވާ ރައްދު ދެއްވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދުތަކާ ގުޅުވައިގެން ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ.

އެގޮތުން 2023 ގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ވިދާޅުވެފައި ވަނީ، ހަރަދު ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ހަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި ކަމަށެވެ.

"2023 ގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ޚަރަދު ކޮށްފައިވޭ، ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު މި ޚަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި އެގޮތުން 2026 ގެ ފެބުރުއަރީ ބައްދަލުވުމަށް 567,839.34ރ އަދި ޖުލައި ބައްދަލުވުމަށް ޚަރަދުވީ 585,137.34ރ. މި ދެ ބައްދަލުވުމުގެ ޚަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި،" - މޭޔަރު އާޒިމް

ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުހީ އަޅާފައިވަނީ މުޅި އަހަރުގެ ހަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ހަރަދުކަމަށް ދޭހަވާ ގޮތަށް ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ވިދާޅުވީ، އެހެންކަމުން އެފަދަ ހަގީގަތެއް ނެތް ދޮގު މައުލޫމާތު ނުފެތުރުމަށާއި، ޚަބަރު ފެތުރުމުގައި ޒިންމާދާރުވެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ގާނޫނު ބުނާގޮތުން ކައުންސިލުތަކުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކީ ބައްދަލުވުން ބާއްވައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ކަންކަމުގައި ހޯދަން ޖެހެއެވެ. އެގޮތުން ކައުންސިލުން ކުރާ މަސައްކަތްތަކަށް އާއްމުންގެ ހިޔާލު ހޯދަން ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ މަހު އަދި ދެވަނަ ބައްދަލުވުން ޖުލައި މަހު ބާއްވަން ޖެހެ އެވެ.

ކޮމެންޓް