ކުރީގެ ދެ ރައީސުން، ޔާމީން އާއި ނަޝީދު އަދި މާލެ ސިޓީގެ މޭޔަރު އާޒިމް، ތިނަދޫ އާބާދީ 60 ދިދަނެގުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ދެ ރައީސުންނާއި މާލެސިޓީ މޭޔަރު، ތިނަދޫ އާބާދީ 60، ދިދަނެގުމުގެ ރަސްމިއްޔާތުގައި
ހަސަން އިބްރާހީމް 22 އޯގަސްޓް 2026 (ހޮނިހިރު)   08:55
ގދ.ތިނަދޫ އިން މީހުން ބޭލުމަށް ފަހު އަލުން އެރަށުގައި، މީހުން އާބާދުވިތާ ފަސްދޮޅަށް އަހަރު ފާހަގަކުރުމުގެ ގޮތުން މިއަހަރު ބާއްވާ "އާބާދީ 60" ގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ކައުންސިލް މެންބަރުންގެ އިތުރުން އެ ސިޓީގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން އަދި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވެފައި ވެއެވެ.

ދިދަނެގުމުގެ ރަސްމިއްޔާތުގައި ހާއްސަ ދުއާއެއްވެސް ކޮށްފައިވާއިރު، ތިނަދޫގައި މި ފާހަގަކުރެވޭ އާބާދީ 60 މުނާސަބަތާ ގުޅިގެން އެ ސިޓީގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން އިއްޔެއާއި ރޭ ވެސް ވަނީ ސްޓޭޖް ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް އަދި ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެ ހަރަކާތްތައް އިއްޔެ ހެނދުނު ފަށައިފައި ވާއިރު، 'ތިނަދޫ އާބާދީ 60' ނަމުގައި އެ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުންގެ އިތުރުން މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށްވެސް ވެސް އެރުވި އެވެ. އެހެންނަމަވެސް އެ ދައުވަތު ގަބޫލުކުރެއްވީ ރައީސް ނަޝީދާއި ރައީސް ޔާމީން ކަން ފާހަގަކޮށްލެވެއެވެ.

ދެކުނުގެ ތިން އަތޮޅު ގުޅިގެން 'ޔުނައިޓެޑް ސުވާދީވް ރިޕަބްލިކް' (އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ) އިއުލާން ކުރީ 3 ޖެނުއަރީ 1959 ގައެވެ. އެ ހަރަކާތް ކޮންޓްރޯލްކުރުމަށް އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުން އެ ތިން އަތޮޅުގައި ކުރިއަށްދިޔަ އެ ހަރަކާތް ހުއްޓުވަމަށް ގިނަ ކަންތައްތަކެއް ހިންގިއެވެ. އެހަރަކާތް އުވިގެން ދިޔައީ ނުވަތަ އުވައިލެވުނީ 23 ސެޕްޓެމްބަރު 1963 ގައެވެ.

އޭރުގެ ސަރުކާރުން ހިންގި ކަންކަމުގައި އެންމެ ބޮޑު އަނިޔާ އަކާއި ގެއްލުމެއް ލިބުނީ ގދ.ތިނަދޫ އަށާއި ތިނަދޫ ރައްޔިތުންނަށެވެ. ރައީސް ނާސިރުގެ އޯޑަރަށް ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކުރީ 4 ފެބްރުއަރީ 1962 ގައެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން ބަދަލުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، 22 އޮގަސްޓު 1966 ގައެވެ.

އެ ދުވަހަށް 50 އަހަރު ފުރުން ފާހަގަކުރަން 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށް، އޭރުގެ ރައީސް ޔާމީން ތިނަދޫއަށް ވަޑައިގެންނެވި އެވެ.

ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު މިއަހަރުގެ އޮގަސްޓް 22 އަށް ފުރޭއިރު އެ ދުވަސް ފާހަގަ ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮމެންޓް