މާލޭސިޓީ ކައުންސިލަރ، ފާތިމަތު ޒަހިއްޔާ (ޒާޔާ) - ފޮޓޯ: ސިޓީކައުންސިލް
މުއިއްޒުގެ މޭޔަރުކަމުގައި ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ޒާޔާ އަނެއްކާވެސް ހުށަހަޅައިފި
ފަސްލައްކަ ފަސްދޮޅަސް ހާހަށްވުރެން ގިނަ ރުފިޔާގެ މި މައްސަލައަކީ، ސިޓީ ކައުންސިލުން ލިޔަން ޖެހޭ އިނގިރޭސި ލިޔުންތައް ލިޔުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރިކަމަށް ބުނާ މައްސަލައެއް
ހިޝާމް ހާރޫން 19 އޯގަސްޓް 2026 (ބުދަ)   11:47
މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް މާލެ ސިޓީކައުންސިލްގެ މިއަދުގެ ޖަލްސާގައި ހުޅެމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ (ޒާޔާ) ހުށަހަޅުއްވައިފިއެވެ.

ފަސްލައްކަ ފަސްދޮޅަސް ހާހަށްވުރެން ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މި މައްސަލައަކީ، ސިޓީ ކައުންސިލުން ލިޔަން ޖެހޭ އިނގިރޭސި ލިޔުންތައް ލިޔުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރިކަމަށް ބުނާ މައްސަލައެއް ކަން ފާހަގަކުރައްވާ އެ މައްސަލަ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ ސިޔާސީ ގާތް މިތުރެއް ކަމަށްވާ މާފަންނު، ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފްގެ ކުންފުންޏެއް ކަމަށްވާ، ކިންގްސް ކޮންސަލްޓެންސީ  ޕްރައިވެޓް ލިމިޓެޑަށް ވަނީ މާލެ ސިޓީ ކައުންސިލުން ލިޔަން ޖެހޭ އިނގިރޭސި ލިޔުންތައް ލިޔުމުގެ މަސައްކަތް 561،000 ރުފިޔާއަށް ހަވާލުކޮށްފައި ކަމަށެވެ.

"މި ދެންނެވި ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ވަނީ 17 އޮކްޓޯބަރު 2021 ވަނަ ދުވަހު. މިދެންނެވި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކުރީ ޖެހިގެން އައި، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު. އެހެންކަމުން މިއީ މާފަންނު، ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފަށް މާލީ މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ދުރާލާ ރޭވިގެން އުފެއްދި ކުންފުންޏެއް ކަމަށް ބެލެވޭ." - ޒާޔާ

އަދި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ސިޓީ ކައުންސިލްގައި ރައްކާކޮށް ބަލަހައްޓާފައި ވެސް ނުވާކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، އެ ކުންފުނިން ލިޔެދީފައި ވަނީ ކިތައް ލިޔުންކަން އެނގޭނެ އެއްވެސް މީހަކު އޭރުވެސް މިހާރުވެސް އެ ކައުންސިލްގައި ނެތްކަމަށެވެ.

އަދި އެކަމާ ގުޅޭގޮތުން އޭރު ކައުންސިލްގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވެފައި ވަނީ އެ މަސައްކަތަކީ ސީދާ އޭރުގެ މޭޔަރު މުހައްމަދު މުއިއްޒުގެ ބެލުމުގެ ދަށުން ކުރެއްވި ކަމެއް ކަމަށާ، އަދި ރާއްޖެއިން ބޭރަށް އޭރުގެ މޭޔަރު ކުރައްވާ ކޮންމެ ދަތުރެއްގައި ލިޔަން ވިދާޅުވާ ކޮންމެ ލިޔުމެއް ލިޔެދީފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވާކަމަށް ޒާޔާ ވިދާޅުވިއެވެ.

އަދި އެކަމުގެ އެއްވެސް ރެކޯޑެއް ކައުންސިލުން ބަލަހައްޓަމުން ގޮސްފައިނުވާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް ވިދާޅުވެ، ތަރައްގީވެފައިވާ މި ޒަނާމުގައި އިނގިރޭސި ބަހުން ލިޔުމެއް ލިޔަން ކުންފުންޏަކާ ހަވާލުކުރުމަކީ ކުރާނެ ކަމެއްތޯ؟ ޒާޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑުމެން މި ދައްކަނީ މަދު ފައިސާއެއްގެ ވާހަކައެއް ނޫން. ފަސް ލައްކައަށްވުރެ ގިނަ ފައިސާގެ ވާހަކަ. ފެންނަން އޮތް ހަގީގަތަކީ އޭރުގެ މޭޔަރު މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މިފަދަ ބޭނުންތެރި ނޫންގޮތްގޮތަށް މި ކައުންސިލްގެ ބަޖެޓް ބޭނުންކޮށް ހުސްކޮށްލާފައިވާކަން." - ޒާޔާ 

އަދި މާލެސިޓީ ކައުންސިލަށް އޭރު ލިބުނުހާ ފައިސާއިން މާލެއަށް ގެނެވުނު އިތުރު ތަރައްގީއެއް ފެންނަން ނެތްކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، އެހެންކަމުން އިސްވެ ދެންނެވި ކަންކަމަށް ބަލާއިރު، މިއީ މާފަންނު، ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމުގައި ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން ފާސްކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ޒާޔާގެ އެ ހުށަހެޅުއްވުން ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ފުރިހަމަ އަގުލަބިއްޔަތަކުން ފާސް ވެސް ކުރައްވާފައެވެ.

ކޮމެންޓް