
މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަރީރު ވިދާޅުވީ، މުވައްޒަފަކު ވަޒީފާ އަދާކުރި މުއްދަތަށް ބެލުމަށް ފަހު ރިޑަންޑަންސީ ޕެކޭޖު އަންނަނީ ހަމަޖައްސައިދެމުން ކަމަށާ، އަދި އެމީހުން ބޭނުންވާނެ އަމިއްލަ މަސައްކަތް ފެށުމަށް "ކުމެވި" ނަމުގައި ހާއްސަ ފަންޑެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.
"އެ މީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ގޮތަށް. މިހާރު މިވަނީ ކުމެވި ފަންޑު އުފެއްދިފައި. އެއީ ކުދި ވިޔަފާރި، އަލަށް ވިޔަފާރި ފަށްޓާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް އުފެއްދި ފަންޑެއް. 600 މިލިއަން ރުފިޔާގެ ފަންޑެއް." – ޒަރީރު
އެސްއޯއީތަކުން މުވައްޒަފުން ވަކިކުރަމުން އަންނަނީ އިތުރު ގޮތެއް ހޯދައިނުދީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި ޒަރީރު ވިދާޅުވީ، އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފަންޑުން ފައިސާ ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށާ، ރިޑަންޑަންޓު ކުރާއިރު އެ ބޭފުޅަކު ދޫކޮށްލާނީ ނޫންކަމަށެވެ. އެގޮތުން އެ ބޭފުޅަކަށް ކާ އެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތަކާއި، ކުރާނެ މަސައްކަތެއް ފަހިކޮށްދެއްވާނެ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަކަމަށް އެޕްރީލް މަހު ސަރުކާރުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމުން 13،800 އަށްވުރެ ގިނަ މުވައްޒަފުން މަގުމަތިވާނެ ކަމަށް ބެލެވޭކަމުގައި އިދިކޮޅު ފާރާތްތަކުން އޭރު އައީ ބުނަމުންނެވެ.
ތިން މަސްދުވަހުގެ ތެރޭގައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރުމަށް ޖުލައި 13، ގައި ޕްރައިވަޓައިޒޭޝަން ބޯޑުން އަންގާފައި ވާއިރު، އެ އެންގުމާ އެއްގޮތަށް އެތައް މުވައްޒަފުންނެއް މިހާރު އަންނަނީ ވަކިކުރަމުން ކަން ވެސް ފާހަގަކޮށްލެވެއެވެ.




