
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އަށް މިގެނެވުނު އިސްލާހުގެ ބިލަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މި ބިލުގައިވާ ތިން މާއްދާއެއް އިތުރަށް ތަފްސީލުކޮށްދިނުމަށް ތިން އިސްލާހެއް ހުށަހަޅުއްވާފައި ވެއެވެ.
މި ބިލަށް އިބްރާހިމް ނަސީމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން ފުރަތަމަ އިސްލާހަކީ، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭ ގޮތުން ފޯރުވައިދޭ އޭޖެންސީ ނުވަތަ ބުކިން ހިދުމަތް މިގޮތަށް، ބިލުގެ ނުވަ ވަނަ މާއްދާގެ 15 ވަނަ ނަންބަރަށް އަކުރެއް އިތުރުކުރުމެވެ.
އަދި ބިލުގެ ތިންވަނަ މާއްދާގެ ފަހަތަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތުގެ މާނަ އިތުރަށް ތަފްސީލުކުރަން ދެ އަކުރެއް އިތުރުކުރަން ވެސް ނަސީމް ހުށަހެޅުއްވިއެވެ. އެގޮތުން (ހ) ހިދުމަތުގެ ގޮތުގައި ބުނެފައިވަނީ މުދަލުގެ ގޮތުގައި ނުހިމެނޭ އެންމެހާ ކަންކަން. (ށ) މި މާއްދާގައި އެހެން ބަޔާންކޮށްފައިވިޔަސް ހިދުމަތުގެ ތެރޭގައި ފައިސާ ނުހިމެނުން މި ދެއަކުރެވެ.
އިންބައުންޑް ޓޫރިޒަމްގެ ހިދުމަތް ފޯރުވައިދޭ މީހުންގެ މައުލޫމާތު ހިމެނޭ 26 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ވެސް ނަސީމް ހުށަހަޅުއްވާފައި ވާއިރު، އިންބައުންޑް ޓޫރިޒަމްގެ ހިދުމަތް ފޯރުވައިދޭ ފަރާތްތަކުގެ ތެރޭގައި މި ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަންޖެހޭ ފަރާތްތައް އެފަދައިން ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމަށްޓަކައި ބޭނުންވާ މައުލޫމާތު އެ ފަރާތުގައި ހުރި ނަމަ، އެ މައުލޫމާތު ހުށަހަޅަން މީރާއަށް އެންގިދާނެ، މިގޮތަށެވެ.
މި އިސްލާހުތަކާ އެކު 54 މެމްބަރުންގެ ތާއީދު ލިބިގެން އެ ބިލު މިއަދު ފާސްކޮށްފައި ވާއިރު، ބިލާދެކޮޅަށް ދެ މެމްބަރަކު ވޯޓުދެއްވިކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި 57 މެމްބަރުންގެ ތެރެއިން 56 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެނެވިއެވެ.




