
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އޯގަސްޓު 27 ގެ ނިޔަލަށް އިތުރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތާއީދާއެކުއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަސައްކަތްތައް ބެހިފައިވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ އެކަކުން ފެށިގެނެ މެއި 15، އަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15، އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.
މަޖިލީހުގެ ދެވަނަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެގޮތަށް ފާސްކުރީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ އިހުސާސީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު އެ މުއްދަތުގެ ތެރޭގައި ފާސްކުރުމަށެވެ.
އެ އިސްލާހުގެ ކޮމިޓީ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މި ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، އެ ބިލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއްކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލައި މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކަށް 2100 އަށްވުރެ ގިނަ ސޮއި ހަމަވުމާއެކު، އެ ބިލުގެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ.
މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން، ދިވެހިރާޢްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކުރާ ޕެޓިޝަނެއް ހުށަހެޅޭނީ މަޖިލީހުގެ ކޮމިޓީއަށެވެ. ތަޅުމުގައި ބަހުސްކުރަން ލާޒިމު ވާނީ ރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ސޮއިކުރާ ޕެޓިޝަންތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ 0.5 ޕަސެންޓު މީހުންނަކީ 840 އެވެ. 0.5 ޕަސެންޓަކީ 2100 އެވެ.
މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދެވަނަ ތްރެޝްހޯލްޑް ހަމަވާ މިންވަރަށް ޕެޓިޝަނަކަށް ސޮއި ހަމަކޮށްފި ނަމަ، އެ ޕެޓިޝަނެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިބޭތާ މަދުވެގެން ދެ ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭނެ އެވެ. އަދި، އެ ޕެޓިޝަނާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްޓަކައި، މަޖިލީހުގެ ރައީސްއަށް އެ ޕެޓިޝަން ފޮނުވަން ޖެހޭނެއެވެ.
އޭގެ އިތުރުން، ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނަކާ ގުޅޭގޮތުން ސަރުކާރުން ދެކޭގޮތް ހާމަކުރުމުގެ އިތުރުން، އެ ޕެޓިޝަނެއްގައިވާ ކަންކަމަށް ހައްލެއް ގަނައުމުގެ ގޮތުން ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް މަޖިލީހަށް ފޮނުވަންވާނެ ކަމަށް ވެސް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެ 30 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ.
އެހެންކަމުން، ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ދެން ފާސްކުރެވޭނީ އެ ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހުއެވެ.
ގަވާއިދުގައި ބުނާ ދެވަނަ ތްރެޝްހޯލްޑު ހަމަވާ މިންވަރަށް އެ ޕެޓިޝަނަށް ސޮއި ހަމަކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން ވެސް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށިއެވެ.
ނަމަވެސް، ފުރަތަމަ ތްރެޝްހޯލްޑު ހަމަވުމާއެކު، އެ ޕެޓިޝަން ހުށަހެޅި ބޭފުޅާ ވަނީ އޮޅިގެން އެ ޕެޓިޝަން އާންމު ކޮމިޓީއަށް ފޮނުވައިފަ އެވެ. އެހެންކަމުން، އެ ޕެޓިޝަން އަލުން މަޖިލީހަށް ހުށަހެޅޭނެ މަގުފަހި ކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރު މެންބަރުން ފެށިއެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލިސް ގަވާއިދަށް ގެނައި ބަދަލު މިއަދު ވަނީ ފާސްކޮށްފައެވެ.




