ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ޒާޔާ
ފަހި ފްލެޓުތަކުގެ ކުލި ނުދެއްކޭހާލުގައި ތިބި ނިކަމެތިން ވަނީ އެމީހުނާ ނުބައްދަލު ޖޫރިމަނާއެއްގައި ތާށިވެފައި
"4000 ފްލެޓުތަކުގެ ކުލި މިހާރު އެހުރީ ނިމިދިޔަ ސަރުކާރުން ކަނޑައެޅި ވަރަށްވުރެ މާބޮޑުތަނުން ވެސް ބޮޑުކޮށްފައި، އެ ތަންތަން ހަވާލުކުރީ ވެސް މި ސަރުކާރުން ބޮޑު އެޑްވާންސެއް ނެގުމަށްފަހުގައި" – ޒާޔާ
ހިޝާމް ހާރޫން 19 އޯގަސްޓް 2026 (ބުދަ)   00:35
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަޅުއްވައިދެއްވާފައިވާ 4000 ހައުސިންގ ޔުނިޓުތަކުގެ ކުލި މިސަރުކާރުން އިންތިހާއަށް ބޮޑުކުރައްވާ، ކުރިން ނަގަން ނިންމާފައިނުވާ އެޑްވާންސް ފައިސާއެއް ނަންގަވާ އެ ފްލެޓުތަކުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް ކުލި ނުދެއްކޭ ހާލަތުގައި ވެސް މި ސަރުކާރުން އަންނަނީ ބޮޑު ޖޫރިމަނާއެއް ކުރަމުން ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ.

އަސްލު ޓީވީގެ ޕްރޮގްރާމެއްގައި މިރޭ "ރާއްޖޭގެ ސިޔާސީ މަސްރަހު" މި މައުލޫގެ މައްޗަށް ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ 4000 ފްލެޓުތަކުގެ ކުލި މިހާރު އެހުރީ ނިމިދިޔަ ސަރުކާރުން ނެގުމަށް ކަނޑައެޅި ވަރަށްވުރެ މާބޮޑުތަނުން ވެސް މި ސަރުކާރުން ބޮޑުކޮށްފައި ކަމަށާ، އަދި ލިސްޓުގައި ތިބި އެތައްބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުކޮށް އެތަންތަނުގެ ހައްގުވެރިންގެ ތެރެއިން ބަޔަކާ އެތަންތަން ހަވާލުކުރީ ވެސް މި ސަރުކާރުން ބޮޑު އެޑްވާންސެއް ނެގުމަށްފަހުގައި ކަމަށެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަޅުއްވައިދެއްވާފައިވާ 4000 ހައުސިންގ ޔުނިޓުތަކުގެ ކުލި މިސަރުކާރުން އިންތިހާއަށް ބޮޑުކުރައްވާ، ކުރިން ނަގަން ނިންމާފައިނުވާ އެޑްވާންސެއް ނަންގަވާ އެކަމުން ވެސް ވަނީ ރައްޔިތުން އެތައް ހާލެއްގައި ޖައްސުވާފައި، އެ ފްލެޓުތަކުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް ކުލި ނުދެއްކޭ ހާލަތުގައި ވެސް ބޮޑު ޖޫރިމަނާއެއް އަންނަނީ ކުރަމުން." – ޒާޔާ

ފަހި ފްލެޓުތަކުގެ އިތުރުން ވެސް ހުލުމާލެ ފޭސް-2 ގައި އަޅާފައިވާ ސޯޝަލް ހައުންސިންގެ އެހެނިހެން ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މި ސަރުކާރުން އަންނަނީ ވަރަށްބޮޑަށް އިހުމާލުވަމުން ކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، އެގޮތުން ވިނަރެސްގެ ފްލެޓުތަކަށް ދިމާވާ މައްސަލަތައް ވެސް ހައްލުނުކުރެވި, އެ ސަރަހައްދު ވެސް ގޮނޑުވެގެން އަންނައިރު، އެ ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސް މައްސަލަތައް ހައްލުކޮށްނުދޭތަނުގައި އެކަންކަމަށް އެޓެންޑުވާލެއް ވެސް ވަރަށް ބޮޑަށް ލަސްކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ފޭސް ދޭއްގައި މަދިރި ކޮންޓްރޯލްނުކުރެވި އެކަން އެތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ތުރާލަކަށް ވުމުން އެ ރައްޔިތުންގެ ހައްގުގައި ސިޓީކައުންސިލް މެދުވެރިވެގެން އެކަން ކުރުމަށް ބާރުއެޅުމަށް ޒާޔާ އަޑު އުފުއްލެވުމުން ވެސް އެކަމާ ވިދިގެން އެޗްޑީސީގައި އުޅުއްވާ ބައެއް ބޭފުޅުން ކުޅުއްވަމުން ގެންދަވަނީ ޑްރާމާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، ފަހި ޓަވަރުތަކުގެ ކައިރީގައި ޖަހާފައި ހުރި ފަރުބަދަތަކެއް ފަދަ ބޮޑެތި ކުނިފުނިތައް ނެގުމަށް ސިޓީކައުންސިލުން އަޑުއުފުލުމުން ވެސް އެކަން ވެސް ކުރެއްވީ ހަމަ މަދިރި ނައްތާލުމަށް ކުޅުއްވި ޑްރާމާފަދައިން ކަމަށެވެ.

އަދި ނިމިދިޔަ ސަރުކާރުން ފޭސް-2 އިން ދޫކޮށްފައިވާ ގޯތިތަކުގައި އަދިވެސް ފެނާއި ނަރުދަމާ މިސަރުކާރުން ގާއިމުކޮށްނުދެއްވާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ މި ސަރުކާރުން ކޮންމެކަމެއް ވެސް ކުރައްވަނީ ރައްޔިތުންނަށް ތުރާލަކަށްވާ ގޮތަށް ކަމަށެވެ.

އަދި މި ސަރުކާރުގާ އެއްވެސް ހައުސިންގ މަޝްރޫއެއް ނުހިނގާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، މި ސަރުކާރުން ފްލެޓު އެޅުމުގެ ނަމުގައި ބޭންކު މެދުވެރިކޮށް އަޅުއްވަމުން ގެންދަވަނީ މުއްސަނދިންނަށް އަޅުއްވައިދޭ ހައުސިންގ ޔުނިޓުތަކެއް ކަމަށެވެ.

"މި ސަރުކާރުން އަދި އެންމެ ފްލެޓެއްވެސް އަޅަން ނުފެށޭ، ފެށުނީ ހަމައެކަނި ބޭންކުން އަޅަންފެށި ފްލެޓުތަކެއް އެ ފްލެޓުތަކަކީ ނިކަމެތި ރައްޔިތަކަށް އެއްވެސް ފައިދާއެއް ކުރާނެ ފްލެޓުތަކެއް ނޫން، އެ ފްލެޓުތަކަކީ މުއްސަނދިންނަށް އަޅައިދޭ ފްލެޓުތަކެއް." - ޒާޔާ

އަދި ހުޅުމާލޭގެ ހުރިހާ ބާރެއް ސިޓީކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައިކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، އެކަން ކުރެއްވުމުގެ އެއްވެސް ވިސްނުންފުޅެއް މިހާރު ރައީސް މުއިއްޒު ނުގެންގުޅުއްވާ ކަމަށް ކަށަވަރުވާ ކަމަށާ، މިއަދު ވެރިކަމުގައި ތިއްބެވި ޕީއެންސީގެ ބޭފުޅުންނަކީ ލާމަރުކަޒީ ނިޒާމާ ސީދާ ދެކޮޅު ބޭފުޅުން ކަމަށެވެ.

އެގޮތުން، އެބޭފުޅުނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކުމެ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމުގެ މަސައްކަތް ކުރައްވަމުން އަންނަތަން ފެނިގެންދާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރު އަޑީގައި އޮވެގެން ހުށަހަޅައިގެން އުޅޭ ކައުންސިލްތަކުގެ ބިންތައް އަތުލާ އިސްލާހަކީ އެކަންކަމަށް ހެކިދޭ ވަރުގަދަ ދަލީލެއް ކަމަށެވެ.

މީގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޮތްގޮތަށް އޮއްވާ ރަސްމާލެ ހިއްކަން ފެއްޓެވުން އެއީ ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ ބޮޑު ޖަރީމާއެއް ކަމަށް ސިފަކުރައްވާ ޒާޔާ ވިދާޅުވީ، މި ސަރުކާރަށް ތަރައްގީގެ މަޝްރޫއެއް ހިންގަން ނޭނގުމުން ރަށްރަށުގެ ކުޑަކުދިންގެ ޕާކުތައް ހުޅުވުމަކީ ވެސް ބޮޑެތި މަޝްރޫއުތަކެއްގެ ގޮތުގައި ހައްދަވައިގެން އުޅުއްވާ ކަމަށެވެ.

އަދި މިސަރުކާރުގެ ވައްކަމާ ކޮރަޕްޝަނާ އިސްރާފު ބޮޑުވެގެން ގޮސް ޑޮލަރުގެ އަގު މިވަނީ ރޮކެޓް ސްޕީޑުގައި މައްޗަށް އަރައިގެން ގޮސްފައި ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ އެކަންކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ ރާއްޖޭގެ މުޅި އިގުތިސޯދު މިވަނީ ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ.

ޒާޔާގެ ވާހަކަ ނިންމަވާލެއްވީ މި ސަރުކާރުން ގެނެސްފައިމިވާ، މިއަދު މިރާއްޖެ މިދެކޭ ކަޅުއަނދިރިކަމާއި ބަނަކަން ނިމުމަކަށް ގެނައުމަށް ދިވެހިރައްޔިތު އެންމެންގުޅިގެން މަސައްކަތްކުރަން ވެއްޖެ ކަމަށާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް އެގޮތަށް ކުރެވި މިއަދު މިދެކޭ ކަޅުއަނދިރި ނާމާންކަމުގެ ތެރެއިން އުޖާލާ ފަތިހަކަށް އަލިވިލިގެންދާ ތަން ވަރަށް އަވަހަށް ފެންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް