
ފުލުހުން މިއަދު މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، ވިނަރެސް 7 ކުރިމަތީގައި ރޭ ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ދެ ކާރެއް ޓޯކޮށްފައިވާ ކަމަށެވެ. އެއީ އެ ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.
ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓް ހިނގީ ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.
ރޭ 9:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި ވަނީ ސައިކަލް ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެފަ އެވެ. އެ ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މި ވަގުތު އަންނަނީ ފަރުވާ ދެމުންނެވެ.
ސައިކަލު ދުއްވަން އިނީ 18 އަހަރުގެ އަންހެނެކެވެ. އެއީ އަނިޔާވި ކުއްޖާގެ ބޮޑުދައިތަ އެވެ. އޭނާއަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ ފަރުވާ ހޯދަން ޖެހުނެވެ.
އެކްސިޑެންޓްވުމާއެކު ކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެއެވެ.
ކުއްޖާ ޒަހަމްވީ ކާރުގައި ޖެހިގެން ކަމެއް ނުވަތަ މީހާގެ ގައިގައި ޖެހި ވެއްޓިގެން ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.




