އިއްޔެ ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ކާރު ފުށުން ޖެހިފައި އޮތް އިރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެސް ވަނީ ވެއްޓިފަ އެވެ. އަދި އެކްސިޑެންޓުގައި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެ ކާރު ސޯލާ ޕެނަލްގެ ހޮޅިދަނޑީގައި ޖެހި ފުރޮޅާލިއިރު، ކާރުގައި ދުއްވަން އިނީ ބ. ކަމަދޫ، މިޔްނިކް، ހަސަން ރިފާއު (40އ) އާއި 13 އަހަރުގެ ފިރިހެން ކުއްޖެކެވެ. ރިފާއު އަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އެވެ. އެކްސިޑެންޓްވިއިރު ކާރުގައި އިނީ އޭނާގެ ދަރިފުޅެވެ.
ފުލުހުން ބުނީ ކާރުގައި ތިބި ރިފާއު އާއި ކުޑަކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.
އެ ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ރިފާއުގެ ޑްރައިވިން ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ރަތް ކުލައިގެ އެ ކާރަށް ވަރަށް ބޮޑަށް ގެއްލުންވެ، ފުނޑުފުނޑުވެފައިވި ނަމަވެސް ކާރު ތެރެއިން މީހަކާއި ކުޑަ ފިރިހެން ކުއްޖަކު ނުކުމެގެން ހިނގާފައިދެއެވެ. އެއީ ރިފާއު އާއި އޭނާގެ ދަރިފުޅު ކަމަށްވާއިރު އެ ދެމީހުން ހޮސްޕިޓަލަށް ދިޔައީވެސް ޓެކްސީއެއްގައި އަމިއްލައަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.




