ރިސޯޓަކަށް ތަރައްގީކުރާ ރަށެއްގައި ހަދަމުންދާ މޫދު ކޮޓަރިތަކެއް.--
ނުހެދި ހުރި ރަށްތައް ތަރައްގީކުރަން ދެވޭ ލުއިގެ ނަތީޖާ
މުހައްމަދު ހަލީމް 15 ސެޕްޓެމްބަރ 2026 (އަންގާރަ)   08:35
ދިވެހިރާއްޖޭގެ އިގުތިސޯދުގެ މައިބަދައަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ގައުމީ އުފެއްދުންތެރިކަމުގެ (GDP) ބޮޑު ބައެއް ހިއްސާކުރާ މި ސިނާއާތުގެ ދުވެލި ހަލުވިކުރުމަކީ ދައުލަތުގެ މާލިއްޔަތުގެ ދެމެހެއްޓުމާއި ސީދާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް އެކި ސަބަބުތަކާހުރެ ނުނިމި ހުރުމަކީ އިގުތިސޯދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިގޮތަށް ހުރި ފަންޑުނުލިބި ހުއްޓިފައިވާ (Stranded Assets) އިންވެސްޓްމަންޓްތަކަށ ހައްލެއް ހޯދުމުގެ ގޮތުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާއްސަ އުސޫލެއް އެކުލަވާލާފައެވެ. އަދި މިގޮތުން އެކުލަވާލި ގަވާއިދު، ގަވާއިދު ނަންބަރު 80-އާރް/2026 (ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްގީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ވަނީ އާއްމުކޮށް ޝާއިއުކުރައްވާފައެވެ.

ގަވާއިދުގެ މައިގަނޑު މަގުސަދުތަކާއި އަސާސްތައް
މި ގަވާއިދު ބިނާވެގެންވަނީ ފަތުރުވެރިކަމުގެ ސިނާއަތް އިގުތިސޯދީ ހީނަރުކަމުން ސަލާމަތްކުރުމަށް ބޭނުންކުރާ ރެގިއުލޭޓަރީ ފްލެކްސިބިލިޓީ ނުވަތަ ގާނޫނީލުއި ދިނުމުގެ އަސާސްގެ މައްޗަށެވެ. މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިގުތިސޯދީ ވަސީލަތްތައް ހަރަކާތްތެރިކުރުމާއި، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމާއި، އަދި ލިކުއިޑިޓީ ކްރައިސިސްއަށް ހައްލެއް ހޯދައިދިނުމެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށް އެދޭއިރު 100,000  އެމެރިކާ ޑޮލަރުގެ ފީއެއް 'ޓޫރިޒަމް ޓްރަސްޓް ފަންޑު' އަށް ދައްކަންޖެހުމަކީ ހަމައެކަނި ލުއިތަކެއް ދިނުމުގެ ބަދަލުގައި، ސީރިއަސް އިންވެސްޓަރުންނާއި 'ސްޕެކިއުލޭޓިވް' ފަރާތްތައް ވަކިކުރުމަށް ބޭނުންކުރާ ފިލްޓަރެކެވެ.

ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުން ނިކުންނާނެ މެކްރޯއިކޮނޮމިކް ނަތީޖާތައް
ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ ސިޔާސަތުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތަށް ކުރު މުއްދަތެއްގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިގޮތުން ކުންފުނިތަކުގެ ކޭޝް-ފްލޯ ރަނގަޅުވެ، އިމާރާތްކުރުމުގެ މަސައްކަތަށް ފައިސާ ދެއްކުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. ދިގު މުއްދަތުގައި ކުންފުނީގެ ދަރަނި ކުޑަވެ ބޭންކުތަކުން އިތުރަށް ލޯނު ހޯދުމުގެ ފުރުސަތު ފަހިވެ ދޮރު ހުޅުވިގެން ދާނެއެވެ.

ވަޒީފާގެ ބާޒާރަށް ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތުގައި ވަގުތީ ވަޒީފާތައް އިތުރުވާނެއެވެ. އަދި ދިގު މުއްދަތުގައި މި ރިސޯޓުތައް ހުޅުވުމާއެކު، ދިވެހި ޒުވާނުންނަށް މަތީ ފަންތީގެ ދާއިމީ ވަޒީފާގެ ފުރުސަތުތައް ފަތުރުވެރިކަމުގެ ދާއިރާއިން ފަހިވާނެއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީވުމުގެ ބާރަކަށް ވާނެއެވެ.

ބޭރުގެ ސީދާ އިންވެސްޓްމަންޓް އަށް ކުރާ އަސަރުތަކަށް ބަލާއިރު، ހުއްޓިފައިވާ މަޝްރޫއުތަކަށް ބޭރުގެ ޕާޓްނަރުން ނުވަތަ ޖޮއިންޓް-ވެންޗަރ ބައިވެރިން ހޯދުން ކުރު މުއްދަތެއްގައި ފަސޭހަވާނެއެވެ. އަދި ދިގު މުއްދަތުގައި ރާއްޖޭގެ ރިސްކް ޕްރީމިއަމް ކުޑަވެ، ބޭރުގެ ބޮޑެތި އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވާނެއެވެ.

އިގުތިސޯދީ މޮޑެލްގެ އިލްމީ ތަފްސީލް
މި ގަވާއިދުގެ އިގުތިސޯދީ އަސަރުތައް އެންމެ ފުރިހަމައަށް ދެނެގަނެވޭނީ ކީންސިއަން މެކްރޯއިކޮނޮމިކް މޮޑެލް އަދި އިންވެސްޓްމަންޓް މަލްޓިޕްލަޔަރ ގެ އިލްމީ އަސާސްތަކަށް ބަލައިގެންނެވެ. ކީންސިއަން ތިއަރީ ބުނާގޮތުން، އިގުތިސޯދީ ދުވެލި މަޑުޖެހޭ ވަގުތުތަކުގައި ނުވަތަ އިންވެސްޓްމަންޓްތައް ހުއްޓޭ މަރުހަލާތަކުގައި، ސަރުކާރުގެ ފިސްކަލް އިންޓަވެންޝަން ނުވަތަ ސިޔާސަތުތަކަށް ގެންނަ ލުއިތަކަކީ އިގުތިސޯދު އަލުން ދިރުވުމަށް ކޮންމެހެން ބޭނުންތެރި 'ސްޓިމިއުލަސް' އެކެވެ.

މި މޮޑެލްގެ ދަށުން، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމަކީ އިންވެސްޓަރުންގެ އަތުގައި ހުރި މާލީ ހަކަތަ ނުވަތަ ލިކުއިޑިޓީ އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން އުފެދޭ އިންވެސްޓްމަންޓް މަލްޓިޕްލަޔަރ އިފެކްޓަކީ، ކޮންސްޓްރަކްޝަން ސިނާއަތަށް އިންވެސްޓްކުރާ ކޮންމެ ޑޮލަރަކުން، އޭގެ އެތައް ގުނައެއް އިގުތިސޯދުގެ އެހެން ސެކްޓަރުތަކުގައި ދައުރުވުމެވެ. މިގޮތުން، ރަށެއްގެ މަސައްކަތް ފެށުމާއެކު ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި، ކާބޯތަކެތި ސަޕްލައިކުރާ ފަރާތްތަކަށާއި، އަދި އިންޖިނިއަރިން ފަދަ ލޯކަލް ސަބް-ކޮންޓްރެކްޓަރުންގެ ވިޔަފާރިތަކަށް އާމްމަދީ ލިބެން ފަށައެވެ. މި ސަޕްލައި ޗެއިންގެ ސަބަބުން އިގުތިސޯދީ ހަރަކާތްތައް ފުޅާވެ، އެގްރިގޭޓް ޑިމާންޑް މަތިވެގެންދެއެވެ.

ވަކިވަކި ޓެކްސްތަކުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ
މި ގަވާއިދުގެ ސަބަބުން މަޝްރޫއުތައް ހަލުވިކަމާއެކު އަވަހަށް ނިމި، އައު ރިސޯޓުތައް މާކެޓަށް ނުކުތުމުން ދައުލަތުގެ ޓެކްސް އާމްދަނީގެ މައިގަނޑު ހަތަރު ދާއިރާއަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. މިގޮތުން،

ހ. ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ ޓެކްސް: މި ސިނާއަތަކީ ރާއްޖޭގެ ޖުމްލަ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 35-40  އިންސައްތަ ހިއްސާކުރާ އެންމެ ބޮޑު ވަސީލަތެވެ. އައު ރިސޯޓުތައް ހުޅުވި، އެނދުގެ އަދަދު އިތުރުވުމުން، 16 އިންސައްތައިގެ ޓީޖީއެސްޓީގެ ބޭސް ވަރަށް ބޮޑަށް ފުޅާވެ، ދައުލަތަށް ވަންނަ ބޭރު ފައިސާގެ މިންވަރު ސީދާގޮތުން އިތުރުވެގެންދާނެއެވެ.

ށ. ގްރީން ޓެކްސް: ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކު ހޭދަކުރާ ކޮންމެ ރެއަކަށް ނެގޭ 6  އެމެރިކާ ޑޮލަރު ގެ ގްރީން ޓެކްސްގެ ސަބަބުން، ދައުލަތުގެ ތިމާވެށި ރައްކާތެރިކުރުމުގެ ފަންޑަށް ދާއިމީ ގޮތެއްގައި ފައިސާ ވަންނަން ފަށާނެއެވެ. މިއީ ޖުމްލަ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 5  އިންސައްތަ ހިއްސާކުރާ ޓެކްސެކެވެ.

ނ. ކޯޕަރޭޓް އިންކަމް ޓެކްސް: ރިސޯޓުތައް ހިންގަން ފަށައި، ވިޔަފާރިތަކުން ފައިދާ ހޯދަން ފެށުމުން، ކުންފުނިތަކުގެ ފައިދާއިން ނެގޭ 15 އިންސައްތައިގެ ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ބައި ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މިއީ ދައުލަތުގެ ޖުމްލަ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 10-15  އިންސައްތަ ހިއްސާކުރާ ދާއިރާއެކެވެ.

ރ. އިމްޕޯޓް ޑިއުޓީ އަދި ނުސީދާ ޓެކްސްތައް: ރިސޯޓުތައް ހެދުމުގެ މަރުހަލާގައާއި ހިންގަން ފަށާ މަރުހަލާގައި ރާއްޖެއަށް އެތައް މިލިއަން ޑޮލަރެއްގެ ކޮންސްޓްރަކްޝަން ސާމާނާއި، މުދަލާއި، ކާބޯތަކެތި އެތެރެކުރަންޖެހެއެވެ. މިއީ ދައުލަތުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 15-20  އިންސައްތަ ހިއްސާކުރާ ބަޔެކެވެ.

ޓެކްސްތަކުގެ ނިސްބަތް ބަދަލުވުމުން ދައުލަތުގެ ފިސްކަލް ހާލަތަށް ކުރާނެ އަސަރުތައް
ޓެކްސް ރޭޓްތަކަށް ނުވަތަ ޓެކްސް ނަގާ ނިސްބަތްތަކަށް އަންނަ ބަދަލުތަކަކީ ދައުލަތުގެ ފިސްކަލް ނިޒާމަށް ސީދާ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިގޮތުން،

ހ. ލެފަރ ކާވް އިފެކްޓް: މި ގަވާއިދުގެ ދަށުން ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމަކީ ޓެކްސްގެ އެފެކްޓިވް ރޭޓް ކުރުމުއްދަތަކަށް ދަށަށްދާނެ ކަމެކެވެ. ނަމަވެސް، މީގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓި، ދިގު މުއްދަތުގައި ދައުލަތުގެ ފިސްކަލް އާމްދަނީ ބޮޑުތަނުން މަތިވުމަށް މަގުފަހިވާނެ ފިޔަވަޅެކެވެ.

ށ. ބަޖެޓް ޑެފިސިޓް ކުޑަވުން: ރިސޯޓުތައް ހުޅުވުމާއެކު އާމްދަނީ ލިބޭ ނިސްބަތް އިތުރުވެ، ޓީޖީއެސްޓީ އަދި ކޯޕަރޭޓް ޓެކްސްއިން ލިބޭ ފައިސާ އިތުރުވުމުން ދައުލަތުގެ ހަރަދާއި އާމްދަނީގެ ހުރި ފަރަގު ކުޑަކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.

ނ. ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުން: ޓެކްސް އާމްދަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން މަތިވުމަކީ ގައުމުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިންގ އެޖެންސީތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވާނެ ކަމެކެވެ.

ބޭރުގެ ދަރަންޏަށް ކުރާނެ ފާހަގަކޮށްލެވޭ އަސަރުތައް 
މި ގަވާއިދުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ދަރަނި މެނޭޖްކުރުމަށް ފުދުންތެރި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން،

ހ. ބޭރު ފައިސާގެ ރިޒާވް މަތިވުން: ފަތުރުވެރިކަމުގެ އައު މަޝްރޫއުތައް ނިމި، ހިންގަން ފެށުމަކީ ސީދާ އެމެރިކާ ޑޮލަރުން ދައުލަތަށް ވަންނަ އާމްދަނީ އިތުރުވާނެ ކަމެކެވެ. މީގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ރަސްމީ ރިޒާވް ވަރުގަދަވެ، ބޭރުގެ ދަރަނިތަކާއި ސަވަރިން ބޮންޑުތަކަށް އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ބޮޑުތަނުން މަތިވެގެންދާނެއެވެ.

ށ. ދަރަނި ނަގަންޖެހޭ މިންވަރު ދަށްވުން: ދައުލަތުގެ ޓެކްސް އާމްދަނީ އިތުރުވުމުން، ބަޖެޓް ފޫބެއްދުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުންނާއި ކޮމާޝަލް ބާޒާރުން މަތީ އިންޓްރެސްޓް ރޭޓްގައި އައު ދަރަނި ނަގަންޖެހޭ މިންވަރު ދިގު މުއްދަތެއްގައި ދަށްވެގެންދާނެއެވެ.

ރާއްޖޭގެ ބޭންކިންގ ނިޒާމަށް ކުރާނެ މާލީ އަސަރުތައް 
ދިވެހިރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއި މާލީ އިދާރާތަކަކީ ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ދޫކޮށްފައިވާ ފަރާތްތަކެކެވެ. މިގޮތުން ލޯނުތަކަށް ބަލާއިރު،

ހ. ނޮން-ޕާފޯމިން ލޯންސް ކުޑަވުން: މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ސަބަބުން އިންވެސްޓަރުން ބޭންކުތަކަށް ލޯނު ނުދެއްކި، ބޭންކުތަކަށް ނުދައްކާ ހުރި ލޯނު ނުވަތަ އެންޕީއެލް ރޭޝިއޯ މަތިވުމަކީ ބޭންކިން ނިޒާމުގެ ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ކުއްޔާއި ޖޫރިމަނާ ފަސްކޮށްދީގެން ރަށްތައް ނިންމަން ފުރުސަތު ފަހިކޮށް ދިނުމުން، ވިޔަފާރިތަކަށް އާމްދަނީ ލިބި، ބޭންކުތަކުގެ ލޯނުތައް އަނބުރާ ދެއްކުމަށް މަގުފަހިވެ، ނޮން-ޕާފޯމިންގެ ނިސްބަތް ދަށްވެގެންދާނެއެވެ.

ބޭންކުތަކުގެ ލިކުއިޑިޓީ އަދި ކްރެޑިޓް ގްރޯތު: ރިސޯޓުތައް ހިންގަން ފެށުމުން ބޭންކު އެކައުންޓުތަކަށް ވަންނަ ޑިޕޮސިޓްތައް އިތުރުވެ، ބޭންކުތަކުގެ މާލީ ތަނަވަސްކަން ވަރުގަދަވާނެއެވެ. މީގެ ސަބަބުން އިގުތިސޯދުގެ އެހެން ދާއިރާތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ލޯނު ދޫކުރުމުގެ ގާބިލުކަން ނުވަތަ ކްރެޑިޓް ސަޕްލައި އިތުރުވެގެންދާނެއެވެ.

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުގެ އިތުބާރަށް އަންނާނެ ބަދަލުތައް 
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ މާލީ ހާލަތު ވަޒަންކުރާއިރު، މި ގަވާއިދަކީ 'ޕޮޒިޓިވް ރީފޯމް' އެއްގެ ގޮތުގައި ބެލެވޭނެ ފިޔަވަޅެކެވެ. މިގޮތުން،

ހ. ސްޓްރަކްޗަރަލް ރިފޯމްސްގެ ގޮތުގައި ބަލައިގަތުން: ރޭޓިން އެޖެންސީތަކުން އަބަދުވެސް ބަލަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ހިންގާ ހަރުދަނާ ސިޔާސަތުތަކަށެވެ. ހުއްޓިފައި ހުރި ރަށްތައް މާކެޓަށް ނެރުމަކީ ރާއްޖޭގެ މެދުރާސްތާގެ ޖީޑީޕީ ގްރޯތް މަތިވާނެ ކަމެކެވެ، އެހެންކަމުން، މިއީ ރާއްޖޭގެ ރޭޓިންގ އައުޓްލުކް ނެގަޓިވްއިން ސްޓޭބަލް ނުވަތަ ޕޮޒިޓިވްއަށް ބަދަލުވުމަށް އެހީތެރިވެދޭނެ ބިންގަލެކެވެ.

ށ. ސަވަރިން ރިސްކް ކުޑަވުން: ރާއްޖޭގެ ރިސްކް ޕްރީމިއަމް ދަށްވުމުން، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ ކްރެޑިޓް-ވޯތިނަސް ނުވަތަ ދަރަނި އަދާކުރުމުގެ އިތުބާރު ބޮޑުވެ، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ފައިސާ އިންވެސްޓްކުރުމަށް އޮންނަ ބިރުވެރިކަން ކުޑަވެގެންދާނެއެވެ.

ވަގުތުން ބޭނުންވާ ފިސްކަލް ރިފޯމްތައް  
މި ގަވާއިދުން އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށްޓަކައި، ދައުލަތުން ވަގުތުން ތަންފީޒުކުރުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތަކެއް ނުވަތަ ގެންނަވަންޖެހޭ ފިސްކަލް ރިފޯމްތަކެއް އެބަހުއްޓެވެ.

ހ. ހަރަދު ކުޑަކުރުމުގެ ހަރުދަނާ ސިޔާސަތު: ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުން ކުރު މުއްދަތެއްގައި ދައުލަތަށް ވަންނަ ނޮން-ޓެކްސް އާމްދަނީ މަދުވާނެތީ، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ނުވަތަ ހިންގުމުގެ ކުޑަކުރަން ޖެހޭނެއެވެ. ހާއްސަކޮށް ސަބްސިޑީތައް އޭގެ ހައްގުވެރީންނަށް އެކަނި ލިބޭގޮތަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިއާއެކު ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަކީވެސް ބޭނުންތެރި ކަމެކެވެ.

ށ. މީރާ ގެ ކެޕޭސިޓީ ވަރުގަދަކުރުން: ފަސްކޮށްދެވޭ ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ އަނބުރާ ހޯދުމުގެ ސުންގަޑި ހަމަވާއިރު އެ ފައިސާ ގަވާއިދުން އެއްވެސް އުނިކަމެއް ނެތި ދައުލަތަށް ވަންނަކަން ކަށަވަރުކުރަންވާނެއެވެ، މިގޮތުން މީރާގެ ޓެކްސް އޮޑިޓްތަކާއި މޮނިޓަރިން ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަންޖެހެއެވެ.

މޯރަލް ހެޒަޑް އަދި ފާޑުކިޔުންތެރި ނަޒަރެއް
އިގުތިސޯދީ ގޮތުން މިފަދަ ލުއިތަކެއް ދިނުމުގައި މޯރަލް ހެޒަޑް ގެ ނުރައްކާ އޮވެއެވެ. މޯރަލް ހެޒަޑަކީ، ސަރުކާރުން ތަކުރާރުކޮށް ލުއިދޭނެ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ލިބުމުން، އިންވެސްޓަރުން އަމިއްލައަށް ނަގަންޖެހޭ މާލީ ޒިންމާތަކާއި ރިސްކްތަކަށް ފަރުވާކުޑަކުރުމެވެ. އެހެންކަމުން، މި ގަވާއިދުގެ ދަށުން ދެވޭ ލުއިތަކަކީ ފަހު ފުރުސަތުގެ ގޮތުގައި ކަނޑައަޅައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަރުދަނާ މޮނިޓަރިން ނިޒާމެއްގެ ދަށުން މަޝްރޫއުގެ ފިޒިކަލް ޕްރޮގްރެސްއަށް ބަލާފައި މެނުވީ އިތުރު މުއްދަތު ނުދިނުމަކީ މޯރަލް ހެޒަޑް ކުޑަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ނިންމުން
ގަވާއިދު ނަންބަރު 80-އާރް/2026 އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންނުކުރެވި ހުރި ވަސީލަތްތައް ދިރުވުމަށް އެޅުނު ވަރަށް މުހިންމު އަދި އެދެވޭ ފިޔަވަޅެކެވެ. ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމަކީ ކުރު މުއްދަތެއްގައި ދައުލަތުގެ ނޮން-ޓެކްސް އާމްދަނީއަށް ވަގުތީ ބާރުބޮޑުވުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް، ދިގު މުއްދަތުގައި މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުވެ، ދައުލަތުގެ ޓެކްސް އާމްދަނީ މަތިވެގެންދާނެ ކަމެކެވެ. އަދި ބޭރުގެ ދަރަނި މެނޭޖްކުރުމަށާއި، ބޭންކިން ނިޒާމުގެ ހަމަޖެހުމަށާއި، އަދި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުގެ އިތުބާރު ހޯދުމަށް ކުރާނެ ވަރަށް ބޮޑު ފައިދާއެކެވެ. ނަމަވެސް މިކަން ކާމިޔާބުވާނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ވަގުތީ ފިސްކަލް ރިފޯމްތަކެއްވެސް މިއާ އެކުއެކީ ގެނެވިގެންނެވެ.

ގަވާއިދު ގެޒެޓުން ބެއްލެވުމަށް

ކޮމެންޓް