ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް ޚިދުމަތް ދެނީ.-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ސާވިސްޗާޖު ޑޮލަރުން ދިނުމަށް ލާޒިމްކުރާ އިސްލާހު އަވަސްކުރުމަށް އެދިއްޖެ
ހަސަން އިބްރާހީމް 27 ސެޕްޓެމްބަރ 2026 (އާދީއްތަ)   17:10
ރާއްޖޭގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރު ކުރުން ހުއްޓުވައި އެ ފައިސާ ޑޮލަރުން ދިނުމަށް، ނުވަތަ ފަތުރުވެރިންގެ އަތުން ސާވިސް ޗާޖުގެ ގޮތުގައި ނެގި ބާވަތެއްގެ ފައިސާއަކުން މުވައްޒަފުންނަށް ދިނުމަށް ލާޒިމް ކުރާގޮތަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި އިސްލާހުގެ މަސައްކަތް އަވަސްކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރަން އެމްޑީޕީމް ހުށަހެޅި އެ ހުށަހެޅުން އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވާ މެންބަރު ކުޑޫ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނަކަށް ލިބެންޖެހޭ ސާވިސް ޗާޖުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅުމަކީ އެ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ކަމަށެވެ.

ސާވިސް ޗާޖު ބޭރު ފައިސާ އިން ނެގި ނަމަވެސް، ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް އެ ފައިސާ ދެނީ ދިވެހި ރުފިޔާއިން ކަމަށާއި އެކަން އެގޮތަށް ކުރުމުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުގެ ހަގީގީ މަންފާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ލިބުމަށް ހުރަސްތައް އެބަހުރިކަން ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ދިހަ އިންސައްތައަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ފައިސާ ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާ އެކު ބަހަން ޖެހޭކަމަށް ވިދާޅުވެ ކުޑޫ ވިދާޅުވީ، މެންބަރުގެ ސިޓީގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގު ފުރިހަމައަށް ތަނަވަސްކޮށްދިނުމަށް ސާވިސް ޗާޖުގެ ފައިސާ ދިވެހި ރުފިޔާއަށް މާރު ނުކުރެވޭނެ ކަމަށާއި މުވައްޒަފުންނަށް އެ ފައިސާ ދޭންވާނީ އެ ވިޔަފާރިއަކަށް ސާވިސް ޗާޖު ލިބުނު ބާވަތަކުން ކަމަށް ބަޔާންކޮށް ގާނޫނުގައި ހިމެނުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަދި އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ 10 ފެބްރުއަރީގައި އިއްވާ، 22 އޭޕްރީލްގައި ބިލުގެ ބަހުސް ކުރިއަށް ގެންގޮސް، ހަމަ އެ ދުވަހު އެ ބިލު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ފޮނުވިކަން ވެސް ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ، މި އިސްލާހަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންގެ ހައްގާ ސީދާ ގޮތުން ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާގައި ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންގޮސް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑޮލަރުން ސާވިސްޗާޖް ނުދިނުމަށް ރިސޯޓު އޯނަރުން ވެސް ނިންމަމުން އަންނަ އައުން އިތުރަށް ގޯސްވީ، ރިސޯޓުތަކުން އެމްއެމްއޭއަށް ވަކި އަދަދަކަށް ޑޮލަރު މާރު ކުރަން ލާޒިމް ކުރާ ގޮތަށް ގާނޫނަށް ބަދަލުތަކެއް ގެނައުމާ ގުޅީގެންނެވެ.

އޭގެ ކުރިން ވިހި އިންސައްތަ މާރުކުރާ ގޮތަށް އޮތް އޮތުން މި ސަރުކާރުން އަނެއްކާވެސް ބަދަލުކޮށް މިހާރު ނިންމާފައިވަނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ސާޅީސް އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް