ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން - ފޮޓޯ: ރައީސް އޮފީސް
ގައުމީ ސަލާމް ކިޔާއިރު މޭމަތީ އަތްއެޅުމަކަށް ގާނޫނެއް ގަވާއިދެއްގައި ނެތް - މައުމޫން
ހަސަން އިބްރާހީމް 16 ސެޕްޓެމްބަރ 2026 (ބުދަ)   12:12
ގައުމީ ސަލާމް ކިޔާއިރު މޭގައި ކޮންމެހެން އަތް އަޅަން ނުޖެހޭކަމަށާ އެކަމަކީ ދިވެހި ރާއްޖޭގެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވެސް އޮންނަ ކަމެއް ނޫންކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މި މޭރުން ވާހަކަ ދައްކަވާފައި މިވަނީ މި ސަރުކާރުން ބާއްވާ ހުރިހާ ރަސްމިއްޔާތެއްގައި ވެސް ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެެޅުން އާދެވެ އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރަސްމީ ޖަލްސާތަކުގައި ގައުމީ ސަލާމް އަންނައިރު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން މޭމަތީގައި އަތް އަޅުއްވައިގެން ތިއްބަވާ ތަން މި ފަހަކަށްއައިސް ވަރަށްގިނައިން ފެންނަކަން ފާހަގަކޮށްލެވެއެވެ.

މާފަށް އެދިވަޑައިގަންނަވަމުން ރައީސް މައުމޫން ރޭ އެކްސްގައި ޕޯސްޓުކުރައްވާ ވިދާޅުވީ ގައުމީ ސަލާމް ކިޔާއިރު މޭގައި އަތް އެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވެސް ލިޔެވިފައި ނެތްކަމަށެވެ. 

"މާފު ކުރައްވާށެވެ. ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހި ރާއްޖޭގެ ގާނޫނެއްގައިވެސް ނުވަތަ ގަވާއިދެއްގައިވެސް އޮންނަ ކަމެއް ނޫނެވެ." – މައުމޫން

ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަންކުރާ ޕާޓީ ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) ގެ ކޮންގްރެސް ފަށަން ރޭ ބޭއްވި ޖަލްސާ ނިންމުމުގެ ގޮތުން ރޭ ގައުމީ ސަލާމް ކީއިރުގައި ވެސް ރައީސް މުއިއްޒު އާއި އަދި އެ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ޕީއެންސީ އާއި ސަރުކާރުގެ އިސްވެރިން ގައުމީސަލާމް ވިދާޅުވީ މޭމަތީގައި އަތް އަޅުއްވައިގެން ތިއްބަވައެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުންނެވީ މޭމަތީގައި އަތްއަޅުއްވައިގެންނެއްް ނޫނެވެ.

ކޮމެންޓް