އަސާމީ ރުޝްދީ.--
އެމްޓީޑީސީ ބޯޑު މެންބަރު އަސާމީ އިސްތިއުފާ ދެއްވައިފި
ފިޔެސް 24 އޯގަސްޓް 2026 (ހޯމަ)   12:02
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކުންފުނީގެ މެނޭޖްމަންޓުން އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެ، އެމްޓީޑީސީގެ ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާދެއްވައިފި އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީޑީސީ ބޯޑުގައި ހިމެނިވަޑައިގެންނެވި އަސާމީ އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ދަށުން ގދ. މަގުދުއްވާގައި ހިންގާ އަޔާޑާ ރިސޯޓް މައްސަލައިގައި ބޯޑުގެ ނިންމުމަށް ކުންފުނިން އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެ، އެމްޓީޑީސީގެ ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާދެއްވައިފިއެވެ.

އަސާމީ އިސްތިއުފާދެއްވައި، އެމްޓީޑީސީގެ ބޯޑަށް ފޮނުއްވި ސިޓީގައި ބޯޑު މެންބަރުންގެ މަސްލަހަތާ ދެކޮޅު ނިންމުންތައް ކުންފުނީގެ މެނޭޖުމަންޓުން ނިންމަމުންދާކަން ފާހަގަ ކުރައްވައި އެފަދަ ބައެއް ކަންކަން ވަނީ ހާމަކުރައްވާފަ އެވެ.

އެއް ކަމަކަށް އޭނާ ފާހަގަކުރައްވާފައިވަނީ، އަޔާޑާ ރިސޯޓް މައްސަލާގައި ބޯޑުގެ ނިންމުމާ އެއްގޮތަށް މެނޭޖުމަންޓުން އަމަލުނުކުރާ ކަމެވެ. އެ ނިންމުމާ އެއްގޮތަށް މެނޭޖުމަންޓުން އަމަލުނުކުރާތީ ތަކުރާރުކޮށް، މައްސަލަ ހުށަހެޅި ނަމަވެސް ޖަވާބެއް ދީފައިނުވާކަން އަސާމީގެ ސިޓީގައިވެއެވެ.

އަސާމީގެ ސިޓީގައި އަޔާޑާ ރިސޯޓްގެ މައްސަލައަށް އިޝާރާތް ކުރައްވާފައިވާއިރު، އެ ރިސޯޓް ހިންގާ ގދ.މަގުއްދުވާގެ ހެޑްލީސް ނުއަގުގައި އެމްޓީޑީސީން ވިއްކާލަން އުޅޭ ކަމަށް ބުނެ، އެކަމަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެހެންނަމަވެސް އެމްޓީޑީސީން ވަނީ އެ ކަން ދޮގުކޮށްފައެވެ.

އަސާމީގެ ސިޓީގައި އިތުރަށް ވިދާޅުވީ، ރައިޓްސް އިޝޫއަކަށްދާން އެ ކުންފުނީގެ ބޯޑުން ހުއްދަ ދިން ކަމަށް ނިންމާފައިވާ ކަމަށް ބުނެ، މީޑިއާ މެދުވެރިކޮށް މެނޭޖުމަންޓުން ހާމަކުރީ މުޅިން ތެދު މައުލޫމާތެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ދެކޮޅު ހެއްދެވީ ހަމައެކަނި އޭނާކަން ފާހަގަކުރައްވައި އަސާމީ ވިދާޅުވީ، އެ މައްސަލައިގެ ސަބަބުން އާންމު ހިއްސާދާރުންގެ މަސްލަހަތަށް އުނިކަން އައުމާއި ކުންފުނި އުފެއްދި އަސްލު މަގުސަދާ ޚިލާފުވާ ކަމަށެވެ.

ދެން ތިއްބެވި ޑިރެކްޓަރުން ޝަރުތުތަކާއެކު ހުއްދަދިންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ބޯޑުން އެދުނު ކަންކަމަށް މި ކަމުގެ އަޕްޑޭޓެއް ނުދީ، ބޯޑުން ހުއްދަ ދިން ކަމެއްގެ ގޮތުގައި އާންމުކުރުމަކީ ރައްޔިތުންނާއި ހިއްސާދާރުންގެ މެދުގައި ބޯޑު މެންބަރުންނާ ގުޅޭ ގޮތުން ގޯސް ތަސައްވުރެއް އުފެދޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި ވެއެވެ.

އަދި އެމްޓީޑީސީގެ ބޯޑުގައި އޭނާ އިތުރަށް ހުރެއްޖެނަމަ ކުންފުނީގެ މެނޭޖްމަންޓުން ނިންމާ ނިންމުންތަކަށް ދެވޭ ރުހުމެއްގެ ގޮތުގައި ބެލެވިދާނެތީ އިސްތިއުފާ ދެއްވީކަމަށް އަސާމީގެ ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.

ގިނަ އަދަދެއްގެ އާންމުންގެ ހިއްސާ އެކުލެވޭ އެމްޓީޑީސީގެ ބޯޑު މެންބަރަކު އިސްތިއުފާ ދެއްވިއިރު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި އަހުމަދު ނިޔާޒު ވަނީ ޖުލައި 23 ގައި ވަކިކޮށްފަ އެވެ. އަދި ޖުލައި 28 ގައި ހާރިސް މުހައްމަދު ވަނީ އެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ކޮމެންޓް