
އެޗްޑީސީން ޝަހީރު ވަކި ކުރީ އެހެން މަގާމަކަށް އައްޔަނުކުރުމަށް ކަމަށް ކުރިންވެސް މައުލޫމާތު ލިބިފައި ވަނިކޮށް، ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްޓީޑީސީގެ ޗެއަރމަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް މ.ލާލުބާގް އަޙްމަދު ޝަހީރު އައްޔަނުކުރީ މިއަދު ކަމަށެވެ.
ޝަހީރު އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަނުކުރީ 2025 މޭ 29 ގައެވެ.
ޝަހީރު ވަނީ މި ސަރުކާރުގައި ފެނަކައިގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. ފެނަކައިގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރީ 2024 ފެބްރުވަރީ 8 ވަނަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން މާ ދިގު މުއްދަތެއް ނުވެ، 2024 އޮގަސްޓު 8 ގައި ޝަހީރު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ޝަހީރަކީ 1994 ވަނަ އަހަރުން ފެށިގެން 2018 އާ ހަމައަށް އެސްޓީއޯގެ އެކި މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ.
ޝަހީރު އެސްޓީއޯގައި އެންމެ ފަހުން އަދާކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެވެ.




