
ދިވެހި ސަރުކާރުން މަގުއްދުވާ އެމްޓީޑީސީއަށް ކުއްޔަށް ދިނީ 17 ސެޕްޓެމްބަރު 2006ގަ އެވެ. އޭގެ ފަހުން އެ ރަށުގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީކުރަން ތުރުކީގެ އަހްމެތު އައިދެނިޒް ކުންފުންޏަށް އެމްޓީޑީސީން އެ ރަށް ސަބްލީސް ކުރީ 26 އޮކްޓޫބަރު 2007ގަ އެވެ. ތުރުކީ ކުންފުނިން އެ ރަށުގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީކޮށް، އަޔާޑާ މޯލްޑިވްސްގެ ނަމުގައި ހިންގަން ފެށީ 2011ގަ އެވެ.
އެ ރިސޯޓުން ސަބްލީސް ކުލީގެ ގޮތުގައި އެމްޓީޑީސީއަށް ފައިސާ ލިބެމުން އަންނަނިކޮށް އެ ރަށުގެ ހެޑް ލީސް ނުއަގުގައި ވިއްކާލަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މެމްބަރު ކުޑޫ ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިފަހުން ހަވާލުވި ހާރިސް މުހައްމަދުއަށް މިއަދު ފޮނުއްވި ސިޓީއެއްގައި އެ މުއާމަލާތާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.
މެންބަރު ކުޑޫ ކުރެއްވި މައިގަނޑު ސުވާލުތަކާއި ހޯދަން އެދުނު ލިޔެކިޔުންތަކަކީ:
"ތިޔަ ކުންފުންޏަކީ ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ސީދާ ގޮތުން ހޯދައިދިނުމަށް އުފެއްދި ކުންފުންޏެއް ކަމުގައިވާތީ އާއި ތިޔަ ކުންފުންޏަށް އާންމު ރައްޔިތުންނާއި ހިއްސާދާރުން ކުރާ އިތުބާރު ދެމެހެއްޓޭނީ މިފަދަ މުއާމަލާތްތައް ހިންގުމުގައި ހާމަކަމާ އެކު އަމަލުކުރުންކަން ފާހަގަކުރަމެވެ،" ކުޑޫގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
"ބަޔާންކުރެވުނު މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުންތަކެއް ހުރި ނަމަ، އެކަމެއް އަޅުގަނޑާ ހިއްސާކޮށްދެއްވުމަށް ވެސް ދެންނެވީމެވެ."
އެމްޓީޑީސީން މަގުއްދުވާ ނުއަގުގައި ވިއްކާލާތީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު އެ މުއާމަލާތް ސިފަކުރެއްވީ "ހިޔާނާތުގެ ބޮޑު ޖަރީމާއެއް"ގެ ގޮތުގައެވެ.




