
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު އަކީ ކުރީސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ވެސް ޝާހިދުކުރެއްވިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާ ހަމައަށް ވެސް އެޕާޓީގެ ރައީސް ކަމުގައި ހުންނެވި ޝާހިދު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، އިގުތިސޯދީ ކަންތައް ތަކަކީ ޖަޒުބާތުގައި ބަސްބުނެ ކަންކަން ކުރުމުން ހަމަ މަގަށް އެޅިގެންދާނެ ކަންކަން ކަމަށް ދެކިގެން ނުވާނެ ކަމަށާ، އެގޮތުން މި ސަރުކާރުން މިހާރު މި އަމަލުކުރަނީ ފާލުން ނެއްޓިފައިވާ ސަރުކާރެއްގެ ސިފަޖެހިގެން ކަމަށެވެ.
އެހެންކަމުން ހަމަހިމޭނުން ތިބެވޭކަށް އަޅުގަނޑުމެންނަކަށް ނެތް ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ، މިރާއްޖެ ހަމަމަގަށް އެޅުވުމަށް އެމީހަކަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން މިއަދު އެބަޖެހޭކަމަށާ، ރާއްޖެ މުޅިން ފާލުންނެއްޓި ދިއުމުގެ އެންމެބޮޑު އަސްލަކީ ގައުމުގެ ހާރިޖީ ސިޔާސަތު ގޯސްކޮށްލުން ކަމަށެވެ.
މި ސަރުކާރުން އެންމެފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ވެސް ހާރިޖީ ސިޔާސަތު ގޯހުންގޯހަށް ދުއްވާލާފައި ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ، ބައިނަލްއަގުވާމީ ދުނިޔެއާ ރާއްޖެ އަލުން ގުޅުންބެދެހިކޮށް ރާއްޖޭގެ ހާލަތު މިހާރަށްވުރެ ރަނގަޅުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނުކުންނަވާ ޝާހިދު ހުންނެވީ ވެސް އެފަދަ ބޮޑު ޔަގީންކަމަކާ ތަޖުރިބާތަކެއްގެ އަލީގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެން މިދަނީ ފޮރިންކަރަންސީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރުފައިސާއިން ލިބޭ ހުރިހާމިންވަރެއް ޗާލާކީ ކަންކަމަށް ހަރަދުކުރާތީ ކަމަށް ސިފަކުރައްވާ ޝާހިދު ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމަށް ވެސް ސަރުކާރުން މިހާރު އެތަކެއް ސަތޭކަ މިލިޔަން ޑޮލަރެއް ހަރަދުކުރަމުން އައިސްފާ ވާކަމަށެވެ.
"މިހާރު މި ވެގެންއުޅޭ ގޮތަކީ، ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވީ ފޮރިންކަރަންސީއަށް ލިބޭ ބޭރުފައިސާއިން ލިބޭ ހުރިހާއެއްޗެއް މި ހަރަދުކުރަނީ ޗާލާކީ ކަންކަމަށް، މިއޮއް ފުށިދިއްގަރު ފަޅައް ކިތައް ސަތޭކަ މިލިޔަން ޑޮލަރު މިހާރު އަޅައިފިތޯ؟ ބައެއް މީހުންބުނޭ އެތަނަށް އަޅާ ޑޮލަރު 350 މިލިޔަނެއް ކަންނޭނގެ މިހާރު އަޅައިފި، އޭގެތެރެއިން ބޮޑުބައެއް އެބަދޭ ޖީބަށް ވެސް، އެ ދާބައެއްގެ." – ޝާހިދު
މި ސަރުކާރުން އުޅުއްވަނީ ރާއްޖޭގެ ބޭންކަކީ ވެސް ސިޔާސީ އައްޑާއެއްގެ ގޮތުގައި ހައްދަވައިގެން ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ އެއީ އެގޮތަށް ބޭނުންކުރެވޭ ތަނަކަށް ވެގެން ނުވާނެ ކަމަށާ، އަދި އެއާޕޯޓު ހިންގާ ކުންފުންޏަކީ އަބަދުވެސް އެއްވެސް ސަރުކާރެއްގައި އެތަންތަނާ ކުޅުނު ނުވަތަ އެތަންތަނާ އެކަށީގެން ނުވާވަރުގެ ކަންކަން ހަވާލުކޮށްގެން ކަންކަން ކުރުވި ތަނެއް ނޫން ކަމަށް ވެފައި ވީނަމަވެސް މި ސަރުކާރުން އެވަނީ ބޮޑެތި ބިންތައް ހިއްކުމަށް އެއާޕޯޓުހިންގާ ކުންފުންޏާ ހަވާލުކޮށްފައި ކަމަށެވެ.
"މި ސަރުކާރުން ދިވެހިރާއްޖޭގެ ރަންބިސްއަޅާ ކުކުޅުގެ ބަނޑު އެ ފަޅާލީ، އިނގޭތޯ، ދެން އެ ނެތި ދިޔައިމާ ހަފުސް ވާނީ." - ޝާހިދު
މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަަށާ، ދިވެހި ރާއްޖެ މިހާރު މި އޮތް ހާލަތުގެ ސަބަބުން ވަރިހަމަ ކޮށްލައިގެން ތިބެވެން ނެތް ކަމަށް ވެސް ޝާހިދު ވިދާލުވިއެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރު ފެނިގެން ދަނީ އެއްވެސް މިސްރާބެއް ނެތް، އެއްވެސް ކަހަލަ ސިޔާސަތުތަކެއް ނެތް، ރައްޔިތުންނަށް ގިނަ ގުނަ ދުއްތުރާތައް ކުރަމުން އަންނަ މުސީބާތެއް ކަހަލަ ސަރުކާރެއް ކަމަށާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވީ ވެސް މިހާރު ފާލުން ނެއްޓިފައިވާ ސަރުކާރު ނިމުމަކަށް ގެނެސް، ދިވެހި ރައްޔިތުން ބޭނުންވާ ފަދަ ވެރި ކަމެއް ކޮށްދެއްވުމުގެ މަގުސަދުގައި ކަަމަށެވެ.




