ހިސާން ހުސައިން، އެމްޑީޕީއަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި.--
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހަސަން އިބްރާހީމް 27 އޯގަސްޓް 2026 (ބުރާސްފަތި)   13:19
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާން އެ މަގާމަށް އައްޔަނުކުރީ 2024 ޖުލައި 24 ގައެވެ.

ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ އޭރު ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުالله ޝާހިދުގެ އިސްނެންގެވުމާއެކު ކަމަށްވެފައި މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި އޭރުގެ ރައީސްގެ މެންޑޭޓާކަން ފާހަގަ ކުރައްވާފައި ވެއެވެ.

"އެހެންކަމުން، ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތްކުރާއިރު، އާ މެންޑޭޓެއްނެތި ނައިބްރައީސްގެ މަގާމުގައި އަޅުގަނޑު ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑު ނުދެކެމެވެ." ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ހިސާންގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ޕާޓީގެ ރަސްމީ މަގާމެއްގައި ނެތް ނަމަވެސް، ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީއަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ އޮގަސްޓް 14 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާން ކުރެއްވުމަށްފަހު، ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަންވެސް އިއުލާން ކުރެއްވި އެވެ. ޝާހިދު ވިދާޅުވީ ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ޕްރައިމަރީގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ދެކެވަޑައިނުގަންނަވާތީ، އެ ވަގުތުން ފެށިގެން އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޕްރައިމަރީގައި ހިސާން ތާއީދުކުރައްވަނީ ޝާހިދުއަށެވެ. ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ޖަލްސާގައި ހިސާން ބައިވެރިވެވަޑައިގެން ޝާހިދަށް ތާއީދުކުރައްވައި ވާހަކަވެސް ދެއްކެވި އެވެ.

ހިސާން އަކީ އެމްޑީޕީގެ ގާނޫނީ ދާއިރާއާ ގުޅުންހުރި ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ފަރާތެއްކަން ފާހަގަކުރެވެއެވެ. އޭނާ ވަނީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީކަން ކުރެއްވުމުގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅި މެންބަރުގެ ގޮތުގައި އަދި އެ ކޮމިޝަންގެ ރައީސްގެ ގޮތުގައިވެސް ޚިދުމަތް ކުރެއްވި އެވެ.

ކޮމެންޓް