ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު.-- ފޮޓޯ: މަޖިލިސް
ހޮޅުދޫ ދާއިރާ މެންބަރު ވިދާޅުވަނީ ރައްޔިތުންގެ ބާރު ފެށެނީ ވެރިމީހާއާ ހިސާބުން ކަމަށް
މަރްޔަމް މުޙައްމަދު 25 އޯގަސްޓް 2026 (އަންގާރަ)   13:11
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރު ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ރަށްރަށުގެ ބިންތައް އަތުލުމާ ދެކޮޅަށް އާންމުން ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީއެންސީއަށް ނިސްބަތްވާ އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންނާއި މަޖިލީހުގެ ބާރުތައް ވެސް ފެށެނީ ވެރިކަމާއި ވެރިމީހާއާ ހިސާބުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކައުންސިލްތައް ކިޔަސް، ރައްޔިތުންގެ މަޖިލިސް ކިޔަސް، ރައްޔިތުން ކިޔަސް، ވެރިކަން ކިޔަސް ހަގީގަތުގައި މިއީ ރައްޔިތުންގެ ބާރު. މި ބާރުވެރިކަން މި ފެށިގެން އަންނަނީ ހަގީގަތުގައި ވެރިމީހާއާ ހިސާބުން، ވެރިކަމާ ހިސާބުން،" ސައްތާރު ވިދާޅުވި އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ ސައްތާރު އެހެން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން" ކަމަށާއި "މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި" ކަމަށެވެ.

ރައްޔިތުންގެ ބާރު ހަތަރު ވަނަ މާއްދާގައި ބަޔާން ކުރުމަށްފަހު ގާނޫނުއަސާސީގެ ފަހެއް، ހައެއް އަދި ހަތް ވަނަ މާއްދާގައި މަޖިލީހުގެ ބާރާއި ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ކޯޓުތަކަށް ލިބިދޭ ބާރު ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ނުވަތަ އެގްޒެކެޓިވް ޕަވާއަށް ލިބިގެންވަނީ "ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ" ބާރެވެ. އެހެންކަމުން ގާނޫނުއަސާސީއިން ބޭރުން އެއްވެސް ބާރެއް ރައީސަކަށް އަދި ވެރިކަމަކަށް ނުލިބޭނެ އެވެ.

ކޮމެންޓް