ރައީސް މުޙައްމަދު ނަޝީދު.-- ފޮޓޯ: ސަންގު
ރިސޯޓުތަކުން 40 ޕަސެންޓް މާރުކޮށްގެން ވިޔަފާރިތައް ބަނގުރޫޓުވެދާނެ
ހިޝާމް ހާރޫން 29 އޯގަސްޓް 2026 (ހޮނިހިރު)   21:38
ވިޔަފާރިވެރިޔާއަށް ލިބޭ ބޭރު ފައިސާގެ %40 ދިވެހި ރުފިޔާއަށް މާރުކޮށްގެން، އެ ވިޔަފާރިތައް ބަނގުރޫޓުވެދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން، އޮގަސްޓް 26 ގައި ވަނީ ގާނޫނަށް އެ ބަދަލު ގެނެސްފައެވެ. އަންނަ އޮކްޓޯބަރުން ފެށިގެން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރިސޯޓުތަކުން މާރުކުރަން މަޖުބޫރުވާނެއެވެ.

މިކަމާ ދެކޮޅަށް އެކި ފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ހޯދެނީ، ވިޔަފާރިވެރިޔާ އާއި މަސައްކަތް ކުރާ މީހާ ވެސް އެކަމުގައި ޝާމިލުވެގެން ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ މަސައްކަތުން ހޯދާ މުއްސަނދިކަމެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ނަޝީދު ވިދާޅުވީ ވިޔަފާރިވެރިޔާއަށް ލިބޭ ބޭރު ފައިސާގެ %40، ދިވެހި ރުފިޔާއަށް މާރު ކުރުމަށް މަޖުބޫރުކުރުމުން، އެ ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓު ވެދާނެ ކަމަށެވެ.


ވިޔަފާރިވެރިޔާ ބަނގުރޫޓު ވީމާ މީހުންގެ ވަޒީފާތައް ގެއްލޭނެ. ރިސޯޓް ވިޔަފާރިއާ ގުޅުންހުރި ދެން ހުރި ހުރިހާ ވިޔަފާރިއަކަށް އަސަރުކުރާނެ. - ރައީސް ނަޝީދު


އެ ވާހަކަތަކަށްފަހު އެމަނިކުފާނު ވިދާޅުވެފައިވަނީ "މި ސަރުކާރު މިގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން" ކަމަށެވެ.

މަޖިލީހުގެ ދައުރު ނިންމައި ޗުއްޓީއަށް ދަމުން ކުއްލިއަކަށް ގެނައި މި ބަދަލާ ދެކޮޅަށް އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް