
ރައީސް ނަޝީދު މިހެން ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ސައުދުގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ތިނަދޫ އަށް ސިޓީގެ ދަރަޖަ ހޯދުމުގައި އެ ރަށުގެ އާބާދީ ކައުންސިލުން އޮޅުވާލިކަމުގެ ތުހުމަތުގައި މޭޔަރު ސައުދު ކުރިން ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިނަދޫ ކައުންސިލަށް ވަދެ، ބައެއް ލިޔުންތައް ވެސް ކުރިން ގެންދިޔަ އެވެ. ނަމަވެސް ސައުދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
އެކަމަށް ހަވާލާ ދެއްވައި ރައީސް ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިނަދޫގައި މީހުން އުޅޭ އަދަދަކީ ސަރުކާރުން ވެސް ބަލަހައްޓަމުންދާ ތަފާސްހިސާބެއް ކަމަށާއި، ތިނަދޫ ސިޓީއަކަށް ބަދަލުވީ ޝަރުތުތައް ސަރުކާރުން ބެލުމަށްފަހު، އެ ރަށުގެ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ފާހަގަ ކުރައްވާފައިވާ ގޮތުގައި، ލާމަރުކަޒީ ނިޒާމަކީ އަބަދުވެސް އެމްޑީޕީގެ ވާދަވެރިން ގަބޫލުނުވާ، އެހެންނަމަވެސް ވަރަށް ސާފުކޮށް ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ވެރިކަމުގެ ހަމައެކެވެ. އަދި "ސައުދަކީ އެ ހަމައިގެ ބޮޑު ރަމްޒެއް" ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ތިނަދޫ، ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅިއެވެ. މީގެއިތުރުން ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ، ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅުއްވިއެވެ.
މެންބަރު ސައުދުﷲ އޭރު މަޖިލީހަށް ފޮނުއްވި ސިޓީގައި ތުހުމަތުކުރައްވާފައި ވަނީ 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށާއި، އެ ރަށަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ.




