ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ބޭންކުގެ އުސޫލާ ހިލަފުވުމުގެ އިތުރުން ބައެއް ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ކޮށައިދެވޭ މަގެއް.--
އެކައުންޓް ކުއްޔަށް ދިނުން
މުހައްމަދު ހަލީމް 8 ސެޕްޓެމްބަރ 2026 (އަންގާރަ)   10:39
ދިވެހިރާއްޖޭގެ މާލީ ނިޒާމު ވަނީ ޑިޖިޓަލް ބޭންކިން އާ ދިމާލަށް މިސްރާބު ޖަހާފައެވެ. ކޮންމެ މީހެއްގެ އަތްމައްޗަށް ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ފޯރައެވެ. މީގެ ނިވާފަތްގަނޑުގައި ބޮޑެތި ޖިނާއީ ކުށްތައް ހިންގާ ނެޓްވޯކްތައް އުފެދި ދަނީ ފުޅާވަމުންނެވެ. މިގޮތުން ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ އަމިއްލަ ބޭންކް އެކައުންޓްތަކާއި ޑެބިޓް/ކްރެޑިޓް ކާޑުތައް އެހެން މީހުންނަށް 'ކުއްޔަށް ދިނުން' ނުވަތަ ބޭނުންކުރުމުގެ އިޚްތިޔާރު ދިނުމެވެ.

ބޭންކް އެކައުންޓް ކުއްޔަށް ދިނުމަށް ނުވަތަ އެހެން މީހަކު ލައްވައި އެކައުންޓުން ފައިސާ ދައުރުކުރުވުމަށް މާލީ ދާއިރާގައާއި ތަހުގީގީ އިދާރާތަކުގައި ރަސްމީކޮށް ބޭނުންކުރާ އިނގިރޭސި ލަފުޒަކީ 'Money Muling' (މަނީ މިއުލިން) އެވެ. އަދި މިގޮތަށް ކުއްޔަށް ދޭ އެކައުންޓްތަކަށް ކިޔަނީ 'Mule Account' (މިއުލް އެކައުންޓް) އެވެ. އެކައުންޓް ކުއްޔަށްދޭ މީހާއަށް ކިޔަނީ 'Money Mule' (މަނީ މިއުލް) އެވެ.

ޓިކްޓޮކް (TikTok) އަދި ޓެލެގްރާމް (Telegram) ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 'އަވަހަށް ފައިސާ ހޯދުމަށް' ނުވަތަ 'ދުވަހު މުސާރަ' ލިބޭނެ ކަމަށް ބުނެ ޖަހާ އިޝްތިހާރުތަކަށް ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމުން ހިތްކިޔަމުންނެވެ. މިގޮތަށް ދެވޭ ކުޑަ ކޮމިޝަންކޮޅެއްގެ ބަދަލުގައި އަމިއްލަ އެކައުންޓްގެ ކޮންޓްރޯލް ދޫކޮށްލުމަކީ، މުޅި ދިރިއުޅުން ބަރުބާދު ވެގެން ހިނގައިދާނެކަމެކެވެ. 'މަނީ ލޯންޑަރިން' (ކަޅު ފައިސާ ދޮވުން) ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގެ ސީދާ ބައިވެރިއަކަށް ތިމާ ވެގެން ހިނގައިދާނެ ކަމެކެވެ.

ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ކޮބާ؟
މާލީ ތަހުގީގުތަކާއި ބޭންކިންގް ދާއިރާގައި ' ބޭންކް އެކައުންޓް ކުއްޔަށް ދިނުން'ނުވަތަ 'އެކައުންޓް ލެންޑިން' (The Concept of Account Renting & Money Muling)

އަމިއްލަ ފަރުދަކު އޭނާގެ ނަމުގައި ހުޅުވާފައިވާ ރަސްމީ ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިން ގެ ޔޫޒަނޭމް އަދި ޕާސްވޯޑް، އޭޓީއެމް ކާޑު، ނުވަތަ މުއާމަލާތް ކަށަވަރުކުރަން ފޮނުވާ އޯޓީޕީ (OTP) ބޭނުންކުރުމަށް އެހެން މީހަކާ ހަވާލުކުރުމެވެ.

މިކަން އާންމުކޮށް ހިންގަނީ ދެ ގޮތަކަށެވެ. އެއީ،

ފުރަތަމަ ކަމަކަށް؛ ޑައިރެކްޓް އެކްސެސް ދިނުން: އެކައުންޓްގެ ވެރިފަރާތުން އޭނާގެ މޮބައިލް ބޭންކިން އެޕްލިކޭޝަންގެ ލޮގިންގެ މައުލޫމާތު ތިންވަނަ ފަރާތަކަށް ސީދާ ދެނީއެވެ. އެ ހިސާބުން އެ އެކައުންޓުން ފައިސާ ފޮނުވުމާއި، ފައިސާ ބަލައިގަތުމުގެ ފުރިހަމަ ބާރު ލިބެނީ އެ ބޭނުންކުރާ މީހަކަށެވެ.

ދެވަނަ ކަމަކަށް؛ ޓްރާންސެކްޝަނަލް މިއުލިން (ކޮމިޝަން ބޭސްޑް): އެކައުންޓްގެ ވެރިފަރާތުން އަމިއްލައަށް އެކައުންޓް ހިންގައެވެ. ނަމަވެސް ބޭރުގެ ނުވަތަ ނުދަންނަ ފަރާތްތަކުން ބުނާ ބުނުމަށް، އެކައުންޓަށް ވަންނަ ފައިސާ ވަގުތުން ނަގާފައި އެހެން އެކައުންޓްތަކަށް ބަދަލުކޮށްދެނީއެވެ. މީގެ ބަދަލުގައި ކޮންމެ މުއާމަލާތަކުން 5% ނުވަތަ %10 ގެ ކޮމިޝަނެއް އޭނާއަށް ލިބެއެވެ.

މިކަން ހިންގާ މީހުން ނުވަތަ ކުށަށް އަރައިގަންނަ މީހުން މިފަދަ އެކައުންޓްތަކަށް ކިޔަނީ 'ފްރަންޓް އެކައުންޓްސް' (Front Accounts) އެވެ. މިގޮތަށް އެކައުންޓްތައް ހޯދުމަށް ކުށްވެރިން އަމާޒުކުރަނީ މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ މީހުންނަށާއި، ބޭންކިން ނިޒާމަށް ހޭލުންތެރިކަން ކުޑަ ކިޔަވާ ކުދިން (Students) ނުވަތަ ވަޒީފާއެއް ނެތް ޒުވާނުންނަށެވެ.

އެކައުންޓް ކުއްޔަށް ދިނުމުން މަނީ ލޯންޑަރިން އަށް މަގުފަހިވާގޮތް
'މަނީ ލޯންޑަރިން' ނުވަތަ ކަޅު ފައިސާ ދޮވުމަކީ ގާނޫނާ ހިލާފު ޖިނާއީ އަމަލުތައް ކަމުގައިވާ މަކަރާއި ހީލަތް، މަސްތުވާތަކެތީގެ ވިޔަފާރި، ރިޝްވަތު، އޮންލައިން ސްކޭމް، ޖުވާކުޅުންފަދަ ކަންކަމުން ހޯދާ ފައިސާ، އެއީ ސާފު އަދި ސައްހަ ގޮތުގައި ހޯދާފައިވާ ފައިސާކަމަށް ދެއްކުމަށްޓަކައި މާލީ ނިޒާމުގެ ތެރޭގައި ދައުރުކުރުމެވެ.

ކުށްވެރިން ބޭންކް އެކައުންޓްތައް ކުއްޔަށް ހިފަނީ މަނީ ލޯންޑަރިންގްގެ މައިގަނޑު ތިން މަރުހަލާގެ ތެރެއިން ފަށަކުރުމަށް (Layering) އަދި އިންޓަގްރޭޝަން (Integration) ފުރިހަމަކުރުމަށެވެ. މިގޮތުން،

ހ. ތަހުގީގީ އިދާރާތަކުގެ ލޮލުގައި އަނދުން އެޅުވުން  (Obscuring the Trail)
ސްކޭމް ކުރާ މީހަކު ނުވަތަ ޖުވާ ކުޅޭ ސައިޓެއް ހިންގާ މީހަކު އޭނާގެ އަމިއްލަ ބޭންކް އެކައުންޓް ބޭނުންކޮށްފިނަމަ، ފުލުހުންނަށް ވަރަށް ފަސޭހައިން އޭނާ ހޯދައި ހައްޔަރުކުރެވޭނެއެވެ. ނަމަވެސް، ކުށެއް ނެތް އާންމު ރައްޔިތެއްގެ އެކައުންޓް ކުއްޔަށް ހިފައިގެން އެ އެކައުންޓަށް ފައިސާ ވެއްދުމުން، ފައިސާގެ އަސްލު މަސްދަރު (Audit Trail)  ގެއްލިގެންދެއެވެ. ފުލުހުން ތަހުގީގު ކުރާއިރު ފެންނާނީ އެކައުންޓްގެ ސައްހަ ވެރިފަރާތެވެ.

ށ. ސްމާފިން ހިންގުން (Smurfing / Structuring)
ބޭންކްތަކުގެ އެންޓި-މަނީ ލޯންޑަރިންގް (AML) ސިސްޓަމްތަކުން ބޮޑެތި އަދަދުން ހިނގާ މުއާމަލާތްތައް ވަގުތުން ފާހަގަކުރެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި، ކުށްވެރިން ބޭނުންކުރަނީ 'ސްމާފިން' އުސޫލެވެ. މިއީ މިލިއަނަކަށް ވުރެ ގިނަ ފައިސާ، ކުދިކުދި އަދަދުތަކަށް ބަހާލައިގެން، މިސާލަކަށް، 5,000 ނުވަތަ 10,000 ރުފިޔާ ކުއްޔަށް ހިފާފައިވާ 50 ނުވަތަ 100 އެކައުންޓަށް ޖަމާކުރުމެވެ. މީގެ ސަބަބުން ބޭންކުގެ އޮޓޮމެޓިކް ސިސްޓަމްތަކަށް މިއީ މަކަރުވެރި މުއާމަލާތްތަކެއްކަން ދެނެގަންނަން އުނދަގޫވެއެވެ.

ނ. ގޮތްނޭނގޭ އެޕްލިކޭޝަންތަކުގެ ފައިސާ ދައުރުކުރުން
ދިވެހިރާއްޖޭގައި ފަހަކަށް އައިސް ފެންމަތިވި ކޭޝްލޯ (Cashlo) އަދި ކިރާބެޓް (Kirabet) ފަދަ ޕްލެޓްފޯމްތަކަކީ މިގޮތަށް އެކައުންޓްތައް ބޭނުންކުރާ މަޝްހޫރު ވަސީލަތްތަކެކެވެ. މީހުން ލައްވައި ފައިސާ ބެޓްކުރުވުމަށް ފަހު، އެ ފައިސާ ބަލައިގަންނަނީ ރާއްޖޭގެ ކުއްޔަށް ހިފާފައިވާ އާންމު އެކައުންޓްތައް މެދުވެރިކޮށެވެ. އެއަށްފަހު އެ ފައިސާ އެކި އެކައުންޓްތަކަށް ބަދަލުކޮށް، އެންމެ ފަހުން ޑޮލަރަށް ހަދައިގެން ރާއްޖެއިން ބޭރަށް ގެންދަނީއެވެ. އެހެންކަމުން، އެކައުންޓް ކުއްޔަށް ދޭ މީހާއަކީ ނޭނގި ހުރެ ނަމަވެސް މި ބޮޑު މާލީ ޖަރީމާގެ އެންމެ މުހިންމު ބައިވެރިޔާއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު
ބޭންކް އެކައުންޓެއް ހުޅުވުމަކީ ހަމައެކަނި މާލީ ހިދުމަތެއް ހޯދުމެއް ނޫނެވެ. އެއީ ގާނޫނީ ބޮޑު އެއްބަސްވުމެކެވެ. ދިވެހިރާއްޖޭގައި މިކަން ކޮންޓްރޯލްކުރާ މައިގަނޑު ބަހާތަކަކީ؛

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު
ގާނޫނު ނަންބަރު:   10/2014(މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) މި ގާނޫނުގެ ދަށުން، ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ ނުވަތަ އެނގެންޖެހޭ ފަދަ ހާލަތެއްގައި ހުރެ، އެ ފައިސާ ބޭންކް އެކައުންޓެއްގައި ބެހެއްޓުން، ބަދަލުކުރުން ނުވަތަ އޭގެ އަސްލު އޮޅުވާލުމަކީ ސީދާ މަނީ ލޯންޑަރިންގެ ކުށެވެ. މީގެ އިތުރުން، މިފަދަ ކުށެއް ކުރުމަށް އެހީތެރިވެދިނުމަކީ ވެސް (Aiding and    Abetting)  ހަމަ އެއާ އެއްއްވަރުގެ ބޮޑު ކުށެކެވެ.

ބޭންކްތަކުގެ ކޭވައިސީ އަދި އެކައުންޓް ބޭނުންކުރުމުގެ އުސޫލު
ބޭންކް އޮފް މޯލްޑިވްސް (BML) އާއި އެހެނިހެން މާލީ އިދާރާތަކުގެ Terms and Conditions ގައި ބަޔާންކުރާ ގޮތުގައި، ކޮންމެ ބޭންކް އެކައުންޓަކީ އެކައުންޓް ހުޅުވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި (Strictly   Personal Use)  ބޭނުންކުރަންޖެހޭ އެއްޗެކެވެ. އެހެންކަމުން މިގޮތަށް ހުޅުވާ އެކައުންޓްގެ އެކްސެސް ތިންވަނަ ފަރާތަކަށް ދިނުމަކީ ބޭންކާއެކު ވެވޭ އެއްބަސްވުމާ ހިލާފު އަމަލެކެވެ.

'އަހަރެން ނުދަންނަން' މި ދިފާއު ކޯޓުތަކުން ބަލައެއް ނުގަނޭ!
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ސާފުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ސްކޭމް މައްސަލަތަކުގައި ތިންވަނަ ފަރާތްތަކުގެ އެކައުންޓް ބޭނުންކުރުން ވަރަށް ބޮޑަށް މިހާރު ވަނީ އިތުރުވެފައިވެއެވެ. ކޯޓުތަކަށް މައްސަލަ ހުށަހެޅުމުން އެކައުންޓްގެ ވެރިފަރާތުން 'ތިއީ އަހަރެން ކުރި މުއާމަލާތެއް ނޫން، އަހަރެން އެކައުންޓް ދިނީ އެހެން މީހަކަށް' ނުވަތަ 'ފައިސާގެ އަސްލަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގޭ' ކަމަށް ބުނެވޭ ދިފާއު (Defense) ކޯޓުތަކުން މިހާރު ބަލައެއް ނުގަނެއެވެ. ގާނޫނީ މަފްހޫމެއް ކަމަށްވާ ވިލްފުލް ބްލައިންޑްނެސް (Willful   Blindness)  ނުވަތަ ގަސްތުގައި ކަންކަމަށް ލޯމަރާލުމުގެ އުސޫލުން، ކޮމިޝަނެއް ލިބޭތީ އެ ފައިސާ އަންނަނީ ކޮންތާކުންތޯ ނުބަލައި ދޫކޮށްލުމަކީ ކުށުގެ ނިޔަތް (Mens Rea) އޮތްކަމަށް ބަލާ ސަބަބެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބައެއް ނިންމުންތައް
ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް (PG) އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން 2026 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެކައުންޓް ކުއްޔަށް ދޭ ފަރާތްތަކާމެދު މިހާރު ދަނީ އެއްވެސް ބެލުމެއް ނެތި ސީދާ ގާނޫނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އަދި މިގޮތުން، ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ނިންމާފައިވާ ބައެއް މުހިންމު މައްސަލަތަކަށް ބަލާއިރު، މަކަރާއި ހީލަތުން (Scam)  ފައިސާ ހޯދުމަށް ފަހު އެހެން މީހުންގެ އެކައުންޓަށް ފައިސާ ފޮނުވާފައިވާ މައްސަލަތަކުގައި އެކައުންޓްގެ ވެރިފަރާތްތައް ވެސް ޒިންމާދާރުކޮށްފައިވެއެވެ.

މިސާލަކަށް، ކްރިމިނަލް ކޯޓުން ނިންމި މައްސަލައެއްގައި (Hassan Riyaz & Aishath Rafa Case)، މީހަކަށް އޮޅުވާލައިގެން އޯޓީޕީ (OTP) ހޯދައިގެން އެހެން މީހެއްގެ އެކައުންޓަށް ފައިސާ ބަދަލުކުރި މައްސަލައިގައި، އެކައުންޓް ބޭނުންކުރަން ދިން ފަރާތްތަކުގެ މައްޗަށް ދައުވާ ސާބިތުވެ، ޖަލު ހުކުމާއި ކޮމިއުނިޓީ ސާވިސްގެ އަދަބު ވަނީ ކަނޑައަޅާފައެވެ.

ބްލެކް މާކެޓް ޑޮލަރުގެ މުއާމަލާތްތަކާއި އެކައުންޓް ކުއްޔަށް ދިނުން
ދާދިފަހުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ބޭރު މީހުންނަށް (Expatriates) ދިވެހިންގެ ނަމުގައި ހުރި ބޭންކް އެކައުންޓްތަކާއި ވިޔަފާރި ރަޖިސްޓްރީތައް ކުއްޔަށް ދީފައިވާކަން ވަނީ ހާމަވެފައެވެ. މި މައްސަލަތަކުގައި ވެސް ކޯޓުތަކުން ނިންމާފައިވަނީ އެކައުންޓް ދޫކޮށްލި ދިވެހި ރައްޔިތުންނަކީ ކުށުގެ ބައިވެރިން (Accomplices) ކަމަށެވެ. މީގެ އިތުރުން، އެހެން މީހުންގެ ކާޑުތައް ހޯދައިގެން ރާއްޖެއިން ބޭރަށް ގޮސް ބޮޑެތި އަދަދުން ޑޮލަރު ނެގި މައްސަލަތަކުގައި ވެސް ކާޑުގެ ވެރިފަރާތްތަކަށް ވަނީ ދައުވާ އުފުލާފައެވެ.

އެކައުންޓް ކުއްޔަށް ދިނުމުގެ ސަބަބުން ލިބޭ މާލީ އަދި އިޖުތިމާއީ ގެއްލުންތައް
އެކައުންޓު ކުއްޔަށް ދިނުމުގެ ޖަރީމާގެ ސަބަބުން އާއްމު ފަރުދުންނަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. މިއީ ހަމައެކަނި ޖަލު ހުކުމަކުން ނިމޭވަރުގެ ކަމެއް ނޫނެވެ. މިއީ މުޅި ދިރިއުޅުމުގެ މުސްތަގުބަލު ބަނަކޮށް، ނަގާލާ ބޮޑު ނުރައްކަލެކެވެ. އެގޮތުން މަނީ ލޯންޑަރިން ނުވަތަ ސްކޭމްގެ ކުށުގައި ބައިވެރިވުމުން ޖިނާއީ ރެކޯޑު ކިލަނބުވެ، ކުރިމަގުގައި ރަނގަޅު ވަޒީފާއެއް ލިބުމުގެ ފުރުސަތު އެއްކޮށް ބަންދުވެގެންދެއެވެ.

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (BML) އާއި ރާއްޖޭގެ އެހެނިހެން މާލީ އިދާރާތަކުން މިފަދަ އެކައުންޓްތައް ދާއިމީކޮށް ސަސްޕެންޑްކޮށް ބްލެކްލިސްޓް ކުރާތީ، ރާއްޖޭގެ އެއްވެސް ބޭންކަކުން އަލުން އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ގެއްލި، މާލީ ނިޒާމުން އެމީހަކު އެކަހެރިވެގެންދެއެވެ. މީގެ ސަބަބުން، މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ސްޓޫޑަންޓް ލޯނުތަކާއި، އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ބިޒްނަސް ލޯނު ނުވަތަ ގެދޮރުވެރިކަމުގެ ހައުސިންގް ލޯނުތަކަށް އެދުމުގެ ދޮރު ވެސް ދާއިމީކޮށް ބަންދުވެއެވެ.

ހުރިހާ ކަމަކަށްވުރެ ބޮޑު، މާލީ ބުރައަކީ، މަކަރާއި ހީލަތުން ފައިސާ ހޯދި އަސްލު ކުށްވެރިޔާ ފައިސާ ހިފައިގެން ފިލި ކަމުގައި ވިޔަސް، ޝަރުއީ ކޯޓުތަކުން ހުކުމް ކުރާނީ އެކައުންޓްގެ ރަސްމީ ވެރިފަރާތުން އެ ފައިސާ އެއްކޮށް އަނބުރާ އަނިޔާ ލިބުނު މީހާއަށް ދެއްކުމަށެވެ. އެހެންކަމުން، ކުޑަ ކޮމިޝަންކޮޅެއްގެ ދަހިވެތިކަމުގައި ކުރެވޭ މި ކަމަކީ އަމިއްލަ ނަފްސު ދާއިމީ މާލީ އަޅުވެތިކަމެއްގެ ތެރެއަށް ވައްޓާލާ ބިރުވެރި މަޅިއެކެވެ.

ރައްކާތެރިވުމުގެ އުސޫލުތައް
މިފަދަ ބޮޑެތި މާލީ މަޅިތަކުން ސަލާމަތްވުމަށްޓަކައި ކޮންމެ ބޭންކް ކަސްޓަމަރަކު ވެސް އަންނަނިވި ބެސްޓް ޕްރެކްޓިސްތަކަށް  (Best Practices for Financial Safety) ސާބިތުކަމާއެކު އަމަލުކުރަންޖެހެއެވެ؛

ފުރަތަމަ ކަމަކަށް؛ އެކައުންޓަކީ ފަރުދީ މިލްކެއްކަން ދެނެގަތުން: ބޭންކް އެކައުންޓަކީ އަމިއްލަ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ޒާތީ އެއްޗެކެވެ. އެއްވެސް ހާލަތެއްގައި، ކޮންމެފަދަ އަގަކަށް ވިޔަސް، އެހެން މީހަކަށް އެ ބޭނުންކުރަން ދީގެން ނުވާނެއެވެ.

ދެވަނަ ކަމަކަށް؛ ޑިޖިޓަލް ކްރެޑެންޝިއަލްސް ސިއްރުކުރުން: އިންޓަރނެޓް ބޭންކިން ޔޫޒަނޭމް، ޕާސްވޯޑް، ބޭންކުތަކުގެ މޯބައިލް އެޕުގެ  ޕިން، އަދި ފޯނަށް އަންނަ އޯޓީޕީ (OTP) އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެއެވެ.

ތިންވަނަ ކަމަކަށް؛ އަވަހަށް ލާރި ލިބޭ ސްކީމްތަކަށް ނޫނެކޭ ބުނުން: ޓެލެގްރާމް ގްރޫޕްތަކުންނާއި ޓިކްޓޮކްއިން ފެންނަ 'ކާޑު ކުއްޔަށް ދީގެން ކޮމިޝަން ހޯދާ' ނުވަތަ 'ކޭޝްލޯ' އިން ފައިސާ ދޭނެ ކަމަށް ބުނާ އިޝްތިހާރުތަކަށް ހެއްލިގެން ނުދާށެވެ.

ހަތަރުވަނަ ކަމަކަށް؛ ގޮތްނޭނގޭ ފައިސާގެ މައުލޫމާތު ވަގުތުން ރިޕޯޓްކުރުން: ތިމާގެ އެކައުންޓަށް އޮޅިގެން ނުވަތަ ނޭނގި ފައިސާއެއް ޖަމާވެއްޖެނަމަ، އެ ފައިސާ ބޭނުން ނުކޮށް، ވަގުތުން ބޭންކަށް ގުޅައި އެކަން ބޭންކުގެ ސަމާލުކަމަށް ގެންނާށެވެ.

ނިންމުން
ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ހަމައެކަނި ބޭންކުގެ އުސޫލާ ހިލާފުވުމެއް ނޫނެވެ. އެއީ މިއަދު ދިވެހިރާއްޖޭގައި ހިނގާ އެންމެ ބޮޑެތި ޖިނާއީ ކުށްތައް ކަމަށްވާ މަނީ ލޯންޑަރިން، އޮންލައިން ޖުވާ، އަދި ބްލެކް މާކެޓް ޑޮލަރުގެ ވިޔަފާރިއަށް ކޮށައިދެވޭ ސީދާ މަގެކެވެ. ކޯޓުތަކުގެ ކޭސްލޯއިން ސާފުކޮށް އެނގޭ ގޮތުގައި، އެކައުންޓް ބޭނުންކުރީ ކާކުކަމަށް ބެލުމެއް ނެތި، ގާނޫނީ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އެކައުންޓްގެ ވެރިފަރާތަށެވެ. މާލީ ހޭލުންތެރިކަން އިތުރުކޮށް، ބެސްޓް ޕްރެކްޓިސްތަކަށް އަމަލުކުރުމަކީ މިފަދަ ބޮޑެތި މާލީ އަދި ގާނޫނީ މަޅިތަކުން އަމިއްލަ ނަފްސާއި މުޖުތަމައު ސަލާމަތްކުރުމަށް އޮތް އެންމެ ބޮޑު ބާރެވެ.

ކޮމެންޓް